ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ދަގަނޑޭ ގައުމީ ޓީމުން ވަކިކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހާޒިނުރުނުވުމުން މާދަމާރޭގެ މެޗުގެ ސްކޮޑުން އޭނާ ވަކިކޮށްފި އެވެ.


ދަގަނޑޭ "މިހާރަ"ށް ވާހަކަދައްކަމުން ބުނީ އޭނާ ޓީމުން ވަކިކޮށްފައިވާކަން ކޯޗު އަންގާފައިވާ ކަމަށާއި އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ.

"މިއަދުގެ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން ޓީމުން ވަކިކޮށްފައިވާ ކަމަށް ކޯޗު ވަނީ އަޅުގަނޑަށް އަންގާފައި. އެއީ ކޯޗުގެ ޑިޒިޝަނެއް. އަޅުގަނޑު އެ ނިންމުމަށް އިހުތިރާމްކުރަން،" ދަގަނޑޭ ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ދަގަނޑޭގެ "ވިސްނުމުގެ" މައްސަލައެއް އުޅޭ ކަމަށާއި އޭނާ މާދަމާ ކުޅޭނެތޯ ޖެހެނީ ބަލަން ކަމަށެވެ. އަދި އޭނާ ވަނީ ގައުމަށްޓަކައި ސަތޭކަ ޕަސެންޓް ނުދޭ ކުޅުންތެރިންނަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ކުޅުންތެރިންނަށް ވަރުގަދަ އިންޒާރުތަކެއް ވެސް ދީފަ އެވެ.

ދަގަނޑޭ އަކީ މީޑިއާއާ އެހާ ރަށްޓެހި ކުޅުންތެރިޔެއް ނޫނެވެ. އޭނާގެ 17 އަހަރުވީ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެފައިވަނީ ދެ ތިން ފަހަރަކު އެވެ. މިއަދު އޭނާގެ ބަދަލުގައި ބައިވެރިވީ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އެވެ. މީގެ ކުރިން ވެސް ކެޕްޓަންގެ ބަދަލުގައި އެހެން ކުޅުންތެރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިކުރެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ނޫސްވެރިންގެ ބައްދަލުވުންތަކަށް ކޯޗުން އެކި ފަހަރު ގެންދަނީ އެކި ކުޅުންތެރިންނެވެ. ބޭނުމަކީ ވީހާ ވެސް ގިނަ ކުޅުންތެރިން ޕްރޮމޯޓްކޮށް، އެ ކުޅުންތެރިންގެ އަޑު ސަޕޯޓަރުންނަށް އިއްވައިދިނުމެވެ.

ދަގަނޑޭ ޓީމުން ވަކިކުރިއިރު ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އޭނާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށާއި އޭނާ ލައްވާ ނުކުޅުވީ އަނިޔާ އިތުރަށް ގޯސްވެދާނެތީ ސަލާމަތަށް ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. އަދި ޓީމު އެނބުރި އައިސް މާލޭގައި ކުރި ފުރަތަމަ ޕްރެކްޓިހުގައި ރޭ އޭނާ ބައިވެރިވި އެވެ. އެކަމަކު މިއަދު އޭނާ ބުނީ ދަގަނޑޭ ކުޅޭނެތޯ ނުވަތަ ނޫންތޯ ޖެހޭނީ ބަލަން ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަހަރެމެން ބަލަން ޖެހޭނީ ކޮން ބަޔަކަށްތޯ ކުޅޭވޭނީ. އެއީ ކުރިއަށް އޮތް ވަގުތުތަކުގައި އަހަރެމެން ކުރަން ޖެހޭ މަޝްވަރާއެއް. އަހަރެން ކުރިން ބުނިހެން ބައެއް ކުޅުންތެރިންގެ ވިސްނުމުގެ މައްސަލައެއް އުޅޭ. އަހަރެމެން އެކަމާ ވާހަކަދައްކަން ޖެހޭ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ކުރިމަގުގައި ބޭނުންވަނީ 100 ޕަސެންޓް ދީގެން ގައުމަށް ކުޅޭ ކުޅުންތެރިން ކަމަށާއި އެއްވެސް ކުޅުންތެރިޔަކު 50 ޕަސެންޓް ދީގެން ކުޅޭ ކުޅުމެއް ބަލައިނުގަންނާނެ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ކުޅުންތެރިޔަކަށް އައިސް ބުނެވެން ޖެހޭނެ އަހަރެން ގައުމަށް 100 ޕަސެންޓް ދެމޭ. ފަންސާސް ޕަސެންޓް ވެއްޖެއްޔާ އަހަރެން ޒުވާން ކުޅުންތެރިޔެއް ނަގާނީ،" ކޯޗު ބުންޏެވެ.

ސެގާޓް ބުނީ ކްލަބުގައި ކުޅެނީ އަމިއްލަ ނަފްސަށް ނުވަތަ މަދު ބަޔަކަށްޓަކައި ކަމަށާއި އެކަމަކު ގައުމީ ޓީމުގައި ކުޅެނީ ގައުމުގެ އެންމެންނަށް ކަމަށެވެ. އަދި ގައުމަށް 100 ޕަސެންޓް ދިން މަންޒަރު މެޗަށް ފަހު ކުޅުންތެރިންގެ މޫނުމަތިން ފެންނަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާ ހަމަޔަށް ދާއިރު އޭނާ ބޭނުންވާ ހަމައެކަނި ކަމަކީ އެއީ ކަމަށް ބުންޏެވެ.

"ފަހަރެއްގައި ކުޅުންތެރިޔަކު މިގޮތް ބޭނުން ނުވެދާނެ. އެ ހިސާބުން އަހަންނަށް ވަރަށް ފަސޭހައިން އެކަން ނަގައިގަނެވޭނެ އަދި އެކަމާ އަހަރެން މާބޮޑު މަޝްވަރާތަކެއް ނުކުރާނަން. ކޮންމެ ކުޅުންތެރިޔަކު ޖެހޭނެ 100 ޕަސެންޓް ދޭން، ފަލަސްތީނާއި އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ދިން ހެން 50 ޕަސެންޓަކުން ދެނެއް ނުފުދޭނެ،" ކޯޗު ބުންޏެވެ.

- ދަގަނޑޭގެ އެހީތެރިކަން ހޯދަން ތައްޔާރުގައި ހުރި ކޯޗު

ގައުމީ ޓީމަށް 2004 ވަނަ އަހަރު ކުޅެން ފަށައި މިއަދާ ހަމަޔަށް ވެސް އަބަދުވެސް ގައުމީ ޓީމުގެ ޖާގަ ޔަގީންކޮށްފައިވާ ދަގަނޑޭ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަނިޔާގެ ސަބަބުން އޭނާ ގިނަ ދުވަހު ހުރީ ޓީމާ ދުރުގަ އެވެ. އާ ކޯޗު ސެގާޓް ވަނީ ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފަ އެވެ.

"އޭނާ މާޒީގައި ދިވެހި ފުޓްބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކަށް އަހަރެން އޭނާ އަށް އިހުތިރާމްކުރަން. އަހަރެން އުއްމީދުކުރަން ކުރިމަގުގައި ވެސް އެ ހިދުމަތްކޮށްދޭނެ ކަމަށް،" ސެގާޓް ބުނެފައިވެ އެވެ.

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ދަގަނޑޭ އަކީ ގައުމީ ޓީމުގެ އެންމެ ހިދުމަތްތެރި އަދި އެންމެ ގިނަ ދުވަހު ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ. ހާއްސަކޮށް 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުރި މަސައްކަތް އަދި ފައިނަލުގައި މޫނުމައްޗަށް ލިބުނު ބޮޑު ހާނިއްކައާ އެކު ވެސް ކުރި ހިތްވަރު ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރާއްޖެ އަށް އެތަކެއް ރީތި ނަންތަކެއް ހޯދައިދީފައިވާ ދަގަނޑޭ މި ވަގުތު ހުރީ ވެސް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން މި ސީޒަނުގައި ނިއު ރޭޑިއަންޓުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު މޮޅުވި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.