ބަކާގެ މުހިއްމުކަން އޭނާ ސާބިތުކޮށްދީފި

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ބޫޓާން އަތުން 7-0 އިން ރާއްޖެ މޮޅުވި މެޗުގައި، ދެ އަހަރަށް ފަހު ގައުމީ ޓީމަށް އެނބުރި އައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ދެއްކި ކުޅުމާ އެކު ގައުމީ ޓީމުގެ ޖާގައެއް އޭނާ އަށް ހައްގުކަން މިވަނީ ސާބިތުކޮށްދީފަ އެވެ. ޒުވާން ޓީމެއް ބިނާކުރަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައި، އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ އަށް މުހިއްމު ދައުރެއް އަދާކޮށްދެވިދާނެކަން އޭނާ މިވަނީ ދައްކުވައިދީފަ އެވެ.


ބަކާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2016 ވަނަ އަހަރު އޭރު ގައުމީ ކޯޗަކަށްހުރި ނިއު ޒީލެންޑުގެ ރިކީ ހާބަޓްގެ ކޯޗުކަމުގައި ޖެހިޖެހިގެން ތިން މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ކެޓުމުން، އެކަމަށް ބަކާ ފާޑުކިޔުމާ ގުޅިގެންނެވެ. ބަކާ އޭރު ބުނީ އާ ކުޅުންތެރިންނަށް ފުރުސަތުދެނީ ކަމަށް ބުނެ ހާބަޓްގެ ކޯޗުކަމުގައި ނަތީޖާ ނުނެރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހާބަޓްގެ ނަޒަރުގައި ބަކާ އޭނާ އަށް ފާޑުކީ ޓީމުން ޖާގަ ނުލިބޭތީ އެވެ. އޭރު ހާބަޓް ބުނީ ގައުމީ ޓީމަށް ކުޅޭ ވަަރަށް ބަކާ ފިޓެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ހާބަޓް ދެއްކި ވާހަކައިގައި ހަގީގަތެއް ނެތްކަން އެނގުނީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މަރުޔާން ސެކުލޮސްކީ ބަކާއާ ބެހޭގޮތުން ދެއްކި ވާހަކަައިގެ ސަބަބުންނެވެ.

ބަކާގެ ކުޅުމަށް ތައުރީފްކޮށް އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަލީ އުމަރު ކުރެއްވި ޓްވީޓް.

ހާބަޓްގެ އިރުޝާދުގެ ދަށުން 2015 ވަނަ އަހަރު ފަހު ކޮޅުގައި އޮތް ސާފް ސުޒުކީ ކަޕަށް ބަކާ ދިޔައީ އެ އަހަރު މިޔަންމާގެ ކޭބީޒެޑަށް ކުޅުމަށް ފަހު އެވެ. ބަކާ ކޭބީޒެޑަށް ކުޅުނުއިރު، ސެކުލޮސްކީ ހުރީ މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑުގަ އެވެ. ސެކުލޮސްކީ ބުނީ އޭރު މިޔަންމާ ލީގުގައި ކުޅުނު އެންމެ މޮޅު ބިދޭސީ މިޑްފީލްޑަރުންގެ ތެރޭގައި ބަކާ ހިމެނޭނެ ކަމަށެވެ. އަދި އޭނާ އަކީ އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވަން އެންމެ ކުޅަދާނަ އެއް މިޑްފީލްޑަރު ކަމަށް ވެސް ބުނެފައިވެ އެވެ.

ގައުމީ ޓީމުން ޖާގަ ގެއްލުނު ފަހުން ބަކާގެ ކުޅުން ދަށްވެގެންދިޔަ އެވެ. އެކަމަކު ވެލެންސިއާއާ ގުޅުމަށް ފަހު ބަކާ ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ހިސާބުން އޭނާ އަލުން ރަނގަޅު ފޯމަކަށް އެޅުނެވެ.

މިދިޔަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ބަކާ މޮޅު ކުޅުމެއް ދެއްކި އެވެ. އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ޓީމުން ބަކާ އަށް ފުރުސަތު ނުދޭތީ އެކަމާ އެންމެ ބޮޑަށް ސުވާލު އުފެއްދި އެކަކަކީ ސުޒޭން އެވެ.

އެސްޓީއޯ މާލޭ ލީގުގައި އީގަލްސްގެ ބަކާ (ކ) ވިކްޓަރީގެ އިޝާމް ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން ބަކާ ގުޅުނީ މާޒިޔާއާ އެވެ. މި އަހަރު ކްލަބް އީގަލްސްއާ ގުޅުމަށް ފަހު ބަކާ އަންނަނީ އެ ޓީމުގައި އޮތް ޒުވާން ޓީމުގައި ލީޑަރެއްގެ ރޯލު ވަރަށް ރަނގަޅަށް އަދާކުރަމުންނެވެ. އެކަން އެ ޓީމުގެ ޒުވާން ކުޅުންތެރިން ވެސް ފާހަގަކުރެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު އިންޑޮނީޝިއާ އިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖެހި ފަހުން އޭޝިއާގެ މެދު ފަންތީގެ ގައުމެއް ރާއްޖެ އަތުން އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ މިދިޔަ އަހަރެވެ. އޮމާނުން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖެހިއިރު، ފަލަސްތީން ވަނީ 8-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. ފަލަސްތީން މެޗުގައި ތަފާތު ބޮޑުވީ އެ މެޗަށް ދިޔައީ ދިގު ދަތުރެއް ކޮށްފައި ކަމަށް ގައުމީ ޓީމަށް އެ މެޗުގައި އިރުޝާދުދިން ސްޓެވާޓް ބުންޏެވެ.

އެކަމަކު މި ދެ މެޗުގައި ރާއްޖެ ކޮޅަށް ގިނަ ލަނޑު ވަނީ ތަޖުރިބާކާރު މިޑްފީލްޑަރެއް ނެތިގެންނެވެ. މިއީ ބަކާ ފަދަ ކުޅުންތެރިއަކު ނެތްތަން އެންމެ ބޮޑަށް ދެއްކި ދެ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނުގެ ޗެންޗޯ (ކ) ކައިރިން ރާއްޖޭގެ ބަކާ ބޯޅަ ހޯދަނީ. -- ފޮޓޯ: އެފްއޭއެމް

"މިދިޔަ އަހަރު އެންމެ ބޮޑަށް ފާޑުކީ އޮމާނާއި ފަލަސްތީން އަތުން ރާއްޖެ ބޮޑު ތަފާތަކުން ބަލިވެގެން. އޭރު ވެސް އެނގުނު އެއްޗަކީ މަދުވަނީ ވަރުގަދަ މިޑްފީލްޑަރެއްކަން. އެއީ ޑިފެންސަށް ލޯޑު ބޮޑުވަނީ މެދުތެރެ އެހެން އޮތީމަ. ޑިފެންސްް ވެސް ރަނގަޅު ކުރަން ޖެހޭ. މިހާރު އުއްމީދެއް ލިބިއްޖެ. އެއީ ބަކާ އަލުން އައިސް ޓީމުގައި އެ ދެއްކި ތަފާތުން،" ފުރަތަަމަ ޑިވިޝަނުގެ ކޯޗަކު "މިހާރަ"ށް ބުންޏެވެ.

ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި ޕީޓާ ސެގާޓްގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ބަކާ އަށް ފުރުސަތު ނުލިބުނު ނަމަވެސް ބޫޓާން މެޗުގައި ފުރުސަތު ދިނެވެ. އޭގެ ބޭނުން ހިފައި ބަކާ އެ މެޗުގައި ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމުގެ އިތުރުން، ގައުމީ ޓީމުގެ ޖާގައެއް ބަކާ އަށް ހައްގުވާކަން ސާބިތުކޮށްދީފި އެވެ. ބަޔެއްގެ ނުފޫޒުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް ދެ އަހަރު ވަންދެއް އޭނާ ގައުމީ ޓީމާ ދުރުގައި ބެހެއްޓުމަކީ ގޯހެއްކަން އެއޮތީ ފެންނާށެވެ.