މިހާރުގެ ފުޓްބޯޅަ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި

"މިހާރު" ނޫހުން މުޅިން އަލަށް ތައާރަފްކުރާ މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް މިދިޔަ ސީޒަނުން ވާދަކުރާ ކުޅުންތެރިންގެ ނަންތައް މިރޭ އިއުލާންކޮށްފި އެވެ.


ފުރަތަމަ ފަހަރަށް ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފްވެރި މަގާމަށް ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އުމެއިރު އެވެ. މީގެ ތެރެއިން އުމެއިރު މި ސީޒަނުގައި ވަނީ ނިއު އަށް ބަދަލުވެފަ އެވެ.

އެވޯޑްސްގެ މީޑިއާ ޕާޓްނަރު ވީމީޑިއާގެ ވީޓީވީން މިރޭ ގެނެސްދިން އެވޯޑްސްގެ ކައުންޓްޑައުން ޝޯގައި ގަދަ ފަސް ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދެއްވީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ ނާއިޒް ހަސަން (ދާދު) އަދި ކްލަބް ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ. މީގެ ތެރެއިން ދާދު މި ސީޒަނުގައި ކުޅެނީ މާޒިޔާ އަށެވެ.

މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދިނީ ޔޫތު ފުޓްބޯޅަ މުބާރާތް މިދިޔަ ތިން އަހަރު ކްލަބް އީގަލްސް އަށް ކާމިޔާބުކޮށްދިން ކޯޗު އަދި ގައުމީ ޓީމުގެ މިހާރުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.

އަނިޔާގެ ސަބަބުން ސީޒަނުގެ ކުރީކޮޅުގައި ދަގަނޑޭ ނުފެނުނަސް ފަހުން އައިސް ނިއުގެ އެޓޭކުގެ މުހިއްމު ރޯލު އަދާކުރީ ދަގަނޑޭ އެވެ. ނިއުގެ ކޯޗު އޮސްކާގެ ގޭމް ޕްލޭނުގައި ދަގަނޑޭގެ ތަފާތު ފެނުނެވެ. މުޅި ޓީމު ކުޅުވުމުގައި އޭނާ ވަނީ އެހީތެރިވެފަ އެވެ. ހާއްސަކޮށް އެހެން ކުޅުންތެރިންނާ ގުޅިގެން ދަގަނޑޭ ދެއްކި ތަފާތު ފާހަގަކުރަން ޖެހެ އެވެ. ސެންޓޭ އާއި ގަލާޑޯ ޖެހި ގޯލުތަކުގައި އެންމެ އިސް ދައުރެއް އަދާކުރީ ދަގަނޑޭ އެވެ.

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ފުޓްބޯޅަ އަށް އައިސް އޮއްޕޮ ވަނީ ފުރަތަމަ ފެނިލުމުން ވެސް ތަފާތު ދައްކައިފަ އެވެ. އުމުރުން ކިތަންމެ ދޮށިވި ކަމުގައި ވިޔަސް އޮއްޕޮގެ ވިސްނުމާއި މެޗު ކޮންޓްރޯލް ކުރުމުގެ ހުނަރަށް ބަދަލެއް ނާދެ އެވެ. ނިއު އިން ލަނޑުތަކަށް ބޭނުންވެފައި އޮތް ދަނޑިވަޅުގައި ތަފާތު ދެއްކީ އޮއްޕ އެވެ. ހާއްސަ ގޮތެއްގައި ގައުމީ މުބާރާތް ނިއު އިން ކާމިޔާބުކުރިއިރު ފައިނަލުގައި އޮއްޕޮ ދެއްކި ކުޅުމަށް ގިނަ ބަޔެއް ތައުރީފް ކުރި އެވެ.

ސެންޓޭ ވަނީ މިދިޔަ އަހަރު ނިއުއާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސްގެ އިރުޝާދުގެ ދަށުން ސެންޓޭގެ ކުޅުން ދަށްވި ނަމަވެސް އޮސްކާ ބްރުޒޮން ނިއުއާ ހަވާލުވި ފަހުން ސެންޓޭގެ ވިދުން ގަދަވި އެވެ. ލަނޑު ނުޖެހުމުގެ މައްސަލަތައް ސީޒަނުގެ ކުރީކޮޅުގައި ދިމާވި ނަމަވެސް އޭގެ ފަހުން ސެންޓޭ ވަނީ ފޯމަކަށް އެޅި ގޯލު ޖެހުމުގައި ވެސް ތަފާތު ދައްކައިފަ އެވެ.

އަނިޔާގެ ސަބަބުން ސީޒަންގެ ވަކި ހިސާބަކުން ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް އޭގެ ކުރިން އަސަދުﷲ ވަނީ މާޒިޔާގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މާޒިޔާގެ ތާރީހުގައި އޭއެފްސީ ކަޕްގައި އެ ޓީމުން އެންމެ ރަނގަޅު ނަތީޖާ ނެރުނު އަހަރުގައި ޓީމުގެ ލީޑަރަކީ އަސަދުﷲ އެވެ. އޭނާ ހުރުމަކީ މުޅި ޓީމުގެ ރޫހު ރަނގަޅުވާ ކަމެއްގެ ގޮތުގައި މާޒިޔާ އިން ވެސް ވަނީ ބުނެފައިވެ އެވެ. އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު އެ ކާމިޔާބީގެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިޔަކީ އަސަދުﷲ އެވެ.

މާޒިޔާއިން މިދިޔަ ސީޒަން ވަރުގަދަކޮށް ފެށިއިރު އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިޔަކީ އުމެއިރެވެ. އޭނާގެ ތަޖުރިބާއާ ގޯލުތަކާ އެކު އޭއެފްސީ ކަޕްގައި ވެސް މާޒިޔާ އިން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު ޓީމުގެ އެންމެ އިސް ރޯލެއް އުމެއިރު އަދާކުރި އެވެ. ހާއްސަކޮށް މުހިއްމު މެޗުތަކެއްގައި ލީޑަރެއްގެ ރޯލު އަދާކުރި އެވެ.

މިހާރު އެވޯޑްސްގައި ދޭ 2017 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިން (ކ-ވ) ރިޒްކޯ، ސަމުއްޓެ އަދި ދާދު.

އުއްމީދީ ޑިފެންޑަރުންގެ ލިސްޓެއް ހަދާނަމަ މި ވަގުތު އެންމެ ކުރީގައި އުޅޭނެ އެއް ކުޅުންތެރިޔަކީ ސަމުއްޓެ އެވެ. ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާފައިވާ ސަމުއްޓެ އަކީ މާޒިޔާގެ ޑިފެންސްލައިނުގައި މިހާރު އެންމެ މުހިއްމު އެއް ނަމެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ މުހިއްމު މެޗުތަކުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ދެ ވަނަ ޑިވިޝަނުން ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ގެނެސްދޭން އެންމެ ހިތްވަރުކުރި އެއް ކުޅުންތެރިޔަކީ ރިޒްކޯ އެވެ. ފުރަތަމަ ޑިވިޝަނަށް އައިސް ސޮބާހު މުހައްމަދު (ސޮބާ) ގެ ކޯޗުކަމުގައި ގްރީން އިން ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރުނުއިރު އެންމެ ފާހަގަކޮށްލޭ ކުޅުމެއް އެ ޓީމުން ދެއްކި ކުޅުންތެރިޔަކީ ރިޒްކޯ އެވެ. އޭނާ ވަނީ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. މުސްތަގުބަލު އުޖާލާކޮށް ފެންނަ ޒުވާން ކުޅުންތެރިންގެ ތެރޭގައި ރިޒްކޯ ހިމެނެނެ އެވެ.

ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ދާދު ވަނީ ފަހު ވަގުތު ދިވެހި ޕްރިމިއާ ލީގުން ޓީސީން ފުރުސަތު ހޯދިއިރު ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޓީސީން ސީޒަނުގެ ފަހު ތިން މުބާރާތުގެ ދެ ވަނަ ހޯދިއިރު އިދިކޮޅަށް ކުޅުނު ޓީމުތަކުން އެންމެ ޖެހިލުންވި އެއް ކުޅުންތެރިޔަކީ ދާދެވެ.

ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.

މިދިޔަ އަހަރު ކުޅުންތެރިން ކުރި މަސައްކަތް ފަނޑިޔާރުން މިހާރު ވަނީ ވަޒަންކޮށް ނިންމައިފަ އެވެ. ދެން އޮތީ އެވޯޑުގެ ހައްގުވެރިންނާ އިނާމްތައް ހަވާލުކުރުމެވެ. އެކަން ވަރަށް ކުލަގަދަގޮތެއްގައި ބޭއްވުމަށް މިހާރު ނޫހުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.