"މިހާރު އެވޯޑްސް" ހަފުލާ ހޮނިހިރު ދުވަހުގެރޭ

ކުޅިވަރަށް ހާއްސަކޮށްގެން "މިހާރު" ނޫހުން މިދިޔަ އަހަރު ތައާރަފްކުރި "މިހާރު އެވޯޑްސް" ދިނުމުގެ ހަފުލާ އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ މި ހަފުލާ ކުރިއަށްދާނީ މުހިފޫހިފިލުމުގެ ހަރަކާތްތަކާ އެކު ކުޅިވަރުގެ އާއިލީ ހަވީރެއްގެ ގޮތުގަ އެވެ.

މިހާރު އެވޯޑްސްގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ ކުޅިވަރު ކުޅުންތެރިން މުޅި އަހަރު ކުރާ މަސައްކަތުގެ އަގުވަޒަންކުރާ ހަފުލާ ކަމަށާއި އެހެންކަމުން ހަފުލާ ބާއްވާނީ ވަރަށް ވެސް ކުލަގަދަކޮށް ކަމަށެވެ.

"ކުޅިވަރު ދަނޑުތަކާއި ކޯޓްތަކުގައި ކުޅުންތެރިން މުޅި އަހަރު އޮހޮރުވާ ދަލާއި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. މިހާރު އެވޯޑްސް އަކީ އެ ބޭނުމުގައި މިހާރު ނޫހުން މިދިޔަ އަހަރު ތައާރަފްކުރި އެވޯޑެއް،" އޮފިޝަލް ވިދާޅުވި އެވެ. "ވަރަށް ފުރިހަމަ އެވޯޑް ހަފުލާއެއް ފެނިގެންދާނެ. ފަނޑިޔާރުކަންކޮށް ނިމިފައިވަނީ. ދެން އޮތީ އެންމެ ފަހުގެ ތައްޔާރީތައް ވުން."

ކުޅިވަރު ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީން އަދި އެހެނިހެން ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމަށް ތައާރަފްކުރި މި އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަން އެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މިހާރު އެވޯޑްސްގެ ސީއެސްއާރް ދަތުރުގައި ދުވުންތެރިޔާ ސާއިދު އަށް މާފުށީގެ ރައްޔިތުން މަރުހަބާ ކިޔަނީ: މިހާރު އެވޯޑްސްގެ ބޭނުމަކީ ކުޅުންތެރިންގެ އަގުވަަޒަންކުރުން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއެވޯޑާ އެކު ދިވެހި ކުޅިވަރުގެ ކޮންމެ އަހަރެއް ވެސް ނިމޭނީ އުފާވެރި ރެއަކުން. ރީތި ކުލަތަކުގެ ތެރޭގައި، ދިއްކޮށްލާ، ފުރިހަމަ އެވޯޑްތަކަކުން. އާ ތަރިންތަކެއް އުފެދި، އާ އެތައް ބައެއްގެ ނަންތަކަކުން. ޚިދުމަތްތެރިންގެ މާޒީގެ ތެރެއިން ލިބޭ ފިލާވަޅުތަކަކުން."

މި އެވޯޑްސްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހޮވާނެ އެވެ. ފުޓްބޯޅައިގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ދެ ވަނަ އަދި އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

ވޮލީބޯޅައިގެ ފިރިހެން ކެޓަގަރީގައި އެވޯޑް ލިބޭނީ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ. ވޮލީބޯޅައިގެ އަންހެން ކެޓަގަރީގައި ވެސް އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ދެވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ ހޮވާނެ އެވެ.

އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެވޯޑްސްތައް ދޭނީ އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އެއްކޮށްލައިގެންނެވެ. މި އެވޯޑްތައް ލިބޭނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ. އަންހެން ބައިގައި ވެސް ހޮވާނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ.

ޒުވާން ކުޅުންތެރިން ކުރިއެރުވުމަކީ ވެސް މި އެވޯޑުގެ މުހިއްމު މަގުސަދެކެވެ. އެހެންވެ ފުޓްބޯޅަ އަދި ވޮލީބޯޅަ އާއި އިންޑިވިޖުއަލް ކެޓަގަރީން ވެސް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ.

ފުޓްބޯޅަ ކޯޗު ފެސްކޯ (ކ) އާއި ސުޒޭން (މ) އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ވަންލީއާ އެކު: ފުޓްބޯޅައިގެ ހިދުމަތްތެރިންގެ އަގުވަޒަންކުރުން ވެސް އެވޯޑްސްގައި އޮންނާނެ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެވޯޑުގައި ދެން ހިމެނޭ އެންމެ މުހިއްމު އެއް ބަޔަކީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް އެވެ. މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށެވެ.

މުހައްމަދު ޒާހިރު ނަސީރު އެވޯޑް މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށްދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ. އެވޯޑް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފުގަ އެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.