ކުޅިވަރު / މިހާރު އެވޯޑްސް 2017

އެވޯޑް ލިބުމުން ސެންޓޭ އަށް ލިބުނީ ބޮޑު ހިތްވަރެއް

މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަންބޫޓުގެ މަގާމް ލިބުމުން އިތުރަށް ކުރިއަށްދާން ހިތްވަރެއް ލިބިއްޖެ ކަަމަށް ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

މިދިޔަ އަހަރު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސްއާ އެކު ނިއު އިން ސީޒަން ފެށިއިރު، ސެންޓޭ ވެސް ހުރީ ފޯމު ގެއްލިފަ އެވެ. ސެންޓޭގެ ކުޅުން ރަނގަޅުވީ އޮސްކާ ބްރުޒޮން ޓީމާ ހަވާލުވި ފަހުންނެވެ.

"ވަރަށް ހިތްހަމަ ޖެހޭ. އެއީ މިދިޔަ އަހަރު އެވަރަށް (އެވޯޑް ލިބޭ ވަރަށް) ކުޅެވުނީމަ. މިދިޔަ އަހަރު ފުރަތަމަ ކޮޅު ދަށްކޮށްދިޔައީ ދެން ކޯޗު ބަދަލުވި ހިސާބުން (އޮސްކާ ހަވާލުވި ހިސާބުން) ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ. ކޯޗު (އޮސްކާ) އައިސް މުޅި އެތި ބަދަލުކޮށްލިތަން ރާއްޖޭގެ ފުޓްބޯޅައިގައި އުޅޭ އެންމެންނަށް ވެސް ފެނިއްޖެ،" ސެންޓޭ ބުންޏެވެ.

ނިއު އިން މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު ސެންޓޭ ވަނީ މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. ސެންޓޭ ބުނީ އޭނާ އަށް އެވޯޑް ލިބުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ނިއު އިން ހޯދި ކާމިޔާބީ ކަމަށެވެ.

"ނަތީޖާ ރަނގަޅުވެ ކްލަބަށް ވެސް ކާމިޔާބީ ހޯދައިދިނީމަ މި އެވޯޑް މި ލިބެނީ. ކްލަބް ކާމިޔާބު ނުހޯދަންޏާ އަމިއްލަ އަކަށް މި ވަރު ކަމެއް ނުވާނެ. ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވަނީ ކްލަބަށް ކާމިޔާބު ހޯދައިދީގެން އިންޑިވިޖުއަލް އެވޯޑެއް ހޯދަން،" ބ. އޭދަފުށްޓަށް އުފަން ސެންޓޭ ބުންޏެވެ.

ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އެވޯޑާ އެކު ސެންޓޭގެ ވިސްނުން ހުރީ ފަސް އެނބުރި ނުބަލައި ކުރިއަށް ދިއުމަށާއި ކާމިޔާބު ހޯދުމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އެވޯޑެއް ލިބުމަށް ފަހު ހިތްވަރެއް ލިބޭ. އެ ކުރާ މަސައްކަތް އަގުވަޒަންކޮށް މި ވަރުގެ ކަމެއް ކުރާތީ. ކުރިއަށް އޮތްތަނުގައި މި ހުރީ ވަރުގަދަ މެޗުތަކެއް. އޭއެފްސީ ކަޕްގައި ވެސް. އެ މެޗުތަށް ގެނައުން އެންމެ މުހިއްމު ކަމަކީ،" ސެންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ސެންްޓޭ އަށް ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އޭގެ އިތުރުން ވެސް ނިއުގައި ހިމެނޭ މަޝްހޫރު ގިނަ ކުޅުންތެރިންނެވެ. ސެންޓޭ ބުނީ އެ ކުޅުންތެރިންނާ އެކު ކުޅެން ލިބުމުން ލިބެނީ ފަސޭހަތަކެއް ކަމަށެވެ.

"މޮޅެތި ކުޅުންތެރިންނާ އެކު ކުޅޭއިރު އަސްލު މާ ފަސޭހަ. އަންޑަސްޓޭޑިން އެއްޗެހި. އެއްވެސް ޕްރެޝަރެއް ނީދޭ. އަދި މި އަހަރު އެންމެ ރަނގަޅަކަށް ނޫން މިދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުރާނަން،" ސެންޓޭ ބުންޏެވެ.

ސެންޓޭ މިދިޔަ ސީޒަނުގެ ރަންބޫޓް ހާސިލްކުރީ 24 ލަނޑު ޖަހައި 47 ޕޮއިންޓާ އެކު އެވެ. ޕޮއިންޓް ސިސްޓަމަށް ބަލައިގެން މި ފަހަރު ރަންބޫޓް ހޮވިއިރު މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް ލިބުނީ އެއް ޕޮއިންޓް ލިބުނެވެ. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބުނުއިރު ގައުމީ ޓީމާއި ކްލަބް ލެވެލްގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް ތިން ޕޮއިންޓް ލިބުނެވެ.

މި ސީޒަނުގެ މިހާތަނަށް ސެންޓޭ ވަނީ ހަ ގޯލު ޖަހައިފަ އެވެ. ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު، މިއަދު ހަވީރު ދެ ވަނަ ބުރުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުންއަސަރު

08 May 2018

މިހާރު ވަރަށް ސަޅި. އަދި މިފަހުގެ މެޗުތަކުގާ ސެންޓޭ ވަރަށް މަސައްކަތްކުރާތަންފެނޭ. ދުވަހަކަށްފަހު ދުވަހެއް، މެޗަކަށްފަހު މެޗެއް، ކުރިޔަށްހުރި ނިއުގެ ހަމަ ކޮންމެ މެޗެއްގާވެސް ސެންޓޭ ސްޕީޑްގާ ފެންނާނޭކަމުގާ ޔަގީންކުރަން. ލިބޭހުރިހާ ފުރުސަތެއްގެ ބޭނުން ނުކުރެވުނަސް ގިނަފުރުސަތުތަކުގެ ބޭނުންހިފާ މޮޅުކުޅުންތެރިޔަކަށް ވުމަށްއެދެން. ސެންޓޭ ހަމަ ވަރަށް ހަބޭސް. ދެން މިހާރު ދަގޭވެސް ވަރަށް ބަރާބަރު.

The name is already taken The name is available. Register?

ޝޯން

07 May 2018

މަރުހަބާ ސެންޓޭ. ސެންޓޭ ފާހަގަ ކުރިހެން ސެންޓޭގެ ކާމިޔާބީގަ ގޯލް އެސިސްޓް ކުރި ކުޅުންތެރިންގެ ހިއްސާވެސް ވަރަށް ބޮޑު. އުއްމީދަކީ މިކަމުން ހިތްވަރު ލިބި ކުރިޔައް ހުރި މެޗުތަކުގަ ހާއްސަކޮށް އޭ.އެފް.ސީ އަދި ސާފް ނުވަތަ އެހެންވެސް އިންޓަރނޭޝަނަލް މެޗުތަކުގަ ސެންޓޭގެ ފަރާތުން ރަނގަޅުކުޅުމަކާ ގިނަ ގޯލުތަކެއް ފެނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454