ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެ، ލީގުގެ ގަދަ ހަޔެއްގެ ފުރުސަތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ހަނިވެއްޖެ އެވެ.


ލީގުގެ ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ބާކީ އޮތީ ދެ މެޗެވެ. ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީގެ އޮތީ އަށް ޕޮއިންޓެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް ދެން ގަދަ ހަޔަކުން ފުރުސަތު ލިބޭނީ ގްރީން ސްޓްރީޓްސް ބާކީ އޮތް ދެ މެޗުން ބަލިވެ، ޔުނައިޓެޑް ވިކްޓަރީ ކުޅޭ ދެ މެޗުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. ގްރީން ސްޓްރީޓްސްގެ ފައިދާ އެއް ގޯލު އޮތްއިރު، ޔުނައިޓެޑް ވިކްޓަރީގެ އޮތީ ގެއްލުން 16 ގޯލެވެ.

މިރޭގެ މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން އުއްމީދު ކަނޑާ ނުލިޔަސް މިހާރު އޮތް ގޮތުން ވެސް ދެން ގަދަ ހަޔަކަށް ވަދެވޭނެ ގޮތެއް ގަބޫލުކުރަން އުނދަގޫ ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި މިކަން ދެން ނުވާނެ ކަމަށެވެ.

"މެތަމެޓިކަލް އަށް ބަލާއިރު ބައިވަރު ގޯލު ވެސް ޖަހާން ޖެހޭ. އަނެއްކާ އަނެއް ޓީމު (ގްރީން ސްޓްރީޓްސް) ވެސް ސީދާ ބަލިވާން ޖެހެނީ. ދެން މި ކޮޅުން ޖަހަންޖެހޭ ހަމަ ޑަޒަނަކަށް ވުރެ ގިނަ ގޯލު. އުއްމީދު ކަނޑާލައިގެން ނުވާނެ އަޑިއަށް ދަން ދެން. އެއީ ތެދެއް. އެކަމަކު ހިސާބު ވެސް ޖަހާ ގޮތުގެ ގޮތުން ހުރޭ ގޯސްތަކެއް. މިހާރު ދެން ނުދެކެން ބައިވަރު ގޮތްތަކެއް އޮތްކަމަކަށް. މިހާލަތުގައި ވުމަށް ވުރެ ނުވުން ގާތީ. މިކަން ދެން މި ނިމުނީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗުގައި މޮޅުވާން އެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި އެކަމަކު 1-0 އިން ކުރީގައި އޮއްވައި ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ނަގާލުމުން ދެން ފަހު ވަގުުތު އެކަން ކުރަން އުޅެގެން ހާސިލްނުވީ ކަމަށެވެ.

މި މެޗަށް ޓީސީން ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ. އެ ގޮތުން ސާދު ނިޒާރް، މުހައްމަދު ނިޝާމް، އައްޒާމް އަބްދުﷲ (އެޑޫ)، ކީޕަރު އިފްރާހް އަރީފް، އަހުމަދު އާރިފް (އާރީ) އަދި ހަސަން ސޮލާހަށް ވަނީ ފުރުސަތު ދީފަ އެވެ. އާންމުކޮށް ފުރަތަމަ އެގާރައިން ފެންނަ އަހުމަދު ފައްރާހު (ފައްރަ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި މިސްރުގެ ޑިފެންޑަރު އަލާ ނާސިރު ނުކުޅެ އެވެ.

މެޗު ފަށައިގެން ޓީސީން އަވަސްކުޅުންތަކާ އެކު ގިނަ އެޓޭކްތަކެއް ކުރި ނަަމަވެސް އޭގެން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުނެވެ. ނަތީޖާ އަކަށްވީ މެޗުގެ 17 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޔުނައިޓެޑް ވިކްޓަރީން ލަނޑު ޖެހުމެވެ. އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ޕައޮލޯ ރިބޭރޯ ހުސްކޮށްލާފައި މަތިން ދިން ބޯޅައެއް ހޯދައި، އޭރިއާ ތެރެއިން އެ ޓީމުގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 33 ވަނަ މިނިޓްގައި ޓީސީގެ ދެ ޑިފެންޑަރުންގެ ތެރެއިން ދެމިގަތުމަށް ފަހު އޭރިއާ ތެރެއިން މުޅިން ހުސްކޮށްވަދެ ސެމިއުލް ފޮނުވާލި ބޯޅަ ކީޕަރު އިފްރާހް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޓީސީން މެޗުގެ 39 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބޯމަތިން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ގޯލު ރޮނގުމަތިން ސަލާމަތްކުރީ އެ ޓީމުގެ ކެޕްޓަން އަލީ ޝަރީފް (އައްޔަ) އެވެ.

ފުރަތަމަ ހާފުގެ ފަހު ހަމަލާ އުފެއްދީ ޔުނައިޓެޑް ވިކްޓަރީންނެވެ. ހާފުގެ ފަހު ސިކުންތުގައި ޔުނައިޓެޑް ވިކްޓަރީގެ ނާވީ މުހައްމަދު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ ފުރުސަތު ލިބުނީ ވެސް ޔުނައިޓެޑް ވިކްޓަރީ އަށެވެ. ހާފުގެ ފުރަތަމަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ފަރުހާދު އިސްމާއިލް (ފަރޭ) ނަގައިިދިން ބޯޅައަކުން އޭރިއާ ތެރެއިން ހުސްކޮށް އަރައި ސެމިއުލް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިމަތިންނެވެ.

މެޗުގެ 50 ވަނަ މިނިޓްގައި ޓީސީގެ އެޑޫ ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން ސޮލާހް ބޮލުން ވައްދާލި ގޯލާ އެކު ޓީސީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ކުރިން އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި މޮޅު ކުޅުމެއް ދެއްކި ސޮލާހު އެ ބޯޅަ ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ހުސްކޮށް އަރަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް އަލުން ލީޑުނަގައިދޭން އަލީ ހައިޝަމް (ޗުމްޕު) އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ޗުމްޕު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިންނެވެ. އޭގެ ފަހުން ރިބޭރޯ ފޮނުވާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ބެންޖޯ އެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ އޮފްސައިޑް މަޅިން ސަލާމަތްވެ ޓީސީގެ އާރީ ކީޕަރު ތޮލާލް ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ އެ ޓީމުގެ އަބްދުލް ވާހިދު (ވާޑު) އެވެ. އެ ބޯޅަ ވާޑު ފައިގައި ލައްވާލީ ކިރިޔާ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ޓީސީ އަށް ލީގުގެ ދެ ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން ހަމަކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ލިބުނު ޕޮއިންޓާ އެކު އެ ޓީމު ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޓީސީ އަށް ކުޅުނު 12 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ވަނީ 11 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ޓީސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މެޗާ ބެހޭގޮތުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗު ކުޅުނީ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ ވިސްނުމުގައި ކަމަށެވެ.

"މެޗުގެ ނަތީޖާ ގޯހެއް ނޫން. ދެން ޔުނައިޓެޑް ވިކްޓަރީ މޮޅުވާން ޖެހޭ މެޗެއް ވީމަ އެ މީހުން އެޓޭކްކުރާނެކަން އެނގޭ. ބޭނުންވީ އަލަށް އެރި ކުޅުންތެރިންނަށް މި ކަހަލަ ޕްރެޝަރު މެޗެއްގައި ކުޅެލަން ފުރުސަތުދޭން. އެ އެކްސްޕީރިއަންސް ދޭން. މެޗު ދޫކޮށްލާން ނޫނީ ބަލިވަން އެ ނިޔަތުގައެއް ނޫން. މޮޅުވާން ނުކުތީ. މެޗުދިޔަ ގޮތް އެވްރެޖްކޮށް ރަނގަޅު،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ފަހު ވަގުތު މޮޅުވާން ފުރުސަތު ލިބި އޭގެ ބޭނުން ނުހިފިދިޔަ ނަމަވެސް އެކަމާ މާ ބޮޑު މާޔޫސްކަމެއް ނެތް ކަމަށެވެ.