ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-1 އިން ވިކްޓަރީ ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.


ލީގުގެ ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ވަނީ 31 ޕޮއިންޓް ހަމަކޮށް ލީގު ކަށަވަރުކޮށްފަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މި މެޗުން މޮޅުވެގެން ދެ ވަނަ އަށް އެރުމުގެ ފުރުސަތު ވިކްޓަރީ އަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމު އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

މި މެޗަށް ނުކުތްއިރު އީގަލްސްގެ ފަހަތުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދެއްކި ސޮލާހު އަލީ ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އަދި އެންމެ ފަހުން ނިއު ރޭޑިއަންޓް އަތުން ބަލިވި މެޗުގައި ބެންޗުން ފޮނުވާލި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދިނީ ޒުވާން ފޯވާޑް ހަސަން ރާއިފް (ހަންނަ) އެވެ. އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އޭރިއާ ތެރެއިން ހުސްކޮށްލާފައި އެ ޓީމުގެ އަހުމަދު ނާއިމް އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައީ ރިޒޭ ގައިގައި ޖެހިފަ އެވެ. އެ ބޯޅަ އަލުން އޭރިއާ ތެރެއިން ލިބުނީ ހައްނަ އަށެވެ. އޭނަ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ކުޅުމުގެ ތެރެއަށް އައީ ރިޒޭ އޮފްސައިޑުގައި ހުއްޓައި އޭނާ ގައިގައި ޖެހިފައި ކަމަށް ބުނެ ވިކްޓަރީގެ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

މެޗުގެ 10 ވަނަ މިނިޓްގައި ވިކްޓަރީގެ ފުރަތަމަ ފުރުސަތު ލިބުނީ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް އަށެވެ. އޭރިއާތެރެއިން މުނޯޒް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މުހައްމަދު އާރިފް (ބަކާ) ނެތުމުން އީގަލްސްގެ މެދުތެރެއިން މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުފެނެ އެވެ. މެދުތެެރެ ރަނގަޅު ކުރުމުގެ ގޮތުން އީގަލްސް އިން ވަނީ 30 ވަނަ މިނިޓްގައި ޖުމައިލް ޖަލީލްގެ ބަދަލުގައި އިބްރާހިމް މުބީން (މުއްކި) ކުޅެން އަރުވައިފަ އެވެ. އެކަމު އޭގެ ފަހުން ވެސް މެދުތެރެއިން ރަނގަޅަށް ކުޅުނީ ވިކްޓަރީންނެވެ.

މެޗުގެ 38 ވަނަ މިނިޓްގައި ވިކްޓަރީން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ އަށް ލިބުމުގެ ކުރިން ހޯދީ ވިކްޓަރީގެ ސައިމަން ޓީބޯ އެވެ. އޭނަ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ހުސެއިން ފައިސަލް (ފައިޓޯ) އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީގަލްސް އަށް ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްދޭން ނާއިމް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓަ އެޓޭކުގައި ރިޒޭ ހުސްކޮށްލާފައި ނާއިމް އަށް ދިން ބޯޅަ އޭނާ ފޮނުވާލީ ކީޕަރު މުހައްމަދު އިމްރާނާ ދިމާލަށެވެ. އެ ބޯޅަ އެ އަށް ވުރެ ރަނގަޅަށް ފޮނުވާލަން އޭނާ އަށް ފުރުސަތު އޮތެވެ.

ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ އީގަލްސް އިން ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން ނާއިމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރަން ވިކްޓަރީގެ އަހުމަދު ނާޝިދު (ނައްޓޭ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތަކުން ނައްޓޭ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ހަ މިނިޓް ފަހުން ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ހަމްދާން އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ވިކްޓަރީގެ ނައްޓޭ ނަގައިދިން ބޯޅައެއް އީގަލްސްގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ގޮސް ހުރަސް ދަނޑީގައި ޖެހިފައި ލިބުނީ ހަމްދާން އަށެވެ. އޭނާ ވަނީ ގޯލުގެ ތެރެއަށް ފަސޭހަކަމާ އެކު ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސް އަށް އަލުން ލީޑުނަގައިދޭން މެޗުގެ 71 ވަަނަ މިނިޓްގައި ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ކައުންޓަ އެޓޭކުގައި އޭނާ ޖެހި ބޯޅަ ވިކްޓަރީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އީގަލްސް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒޭ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ރިޒޭ އަށް ލިބުނު ބޯޅަ އޭނަ ވަނީ ކީޕަރު އިމްރާނަށް ފުރުސަތު ނުދީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ މިއީ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެއް ކަމަށާއި އީގަލްސް މޮޅުވީ ނަސީބުގެ އެހީ ވެސް ލިބިގެން ކަމަށެވެ.

"އަހަރެން މަރުހަބާ ކިޔަން ލީގު ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓަށް. ދެން މި މެޗުން މޮޅުވި އީގަލްސް އަށް ވެސް މަރުހަބާ ކިޔަން. އަހަރަމެންނާ އެއްވަރަށް އީގަލްސް އިން ވެސް ވަރަށް މަސައްކަތްކުރި. އެ މީހުންނަށް ނަސީބު ވެސް އެހީވި. އަހަރެމެން އެންމެ މުހިއްމު ވަގުތުގައި ނުވިސްނާ ކުޅެން އުޅުނީ،" ކިސް ބުންޏެވެ.

އީގަލްސްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ނިމާދު (ނިމާ) ބުނީ މިއީ މި ބުރުގައި އެ ޓީމު އެންމެ ދަށް ހާލަތެއްގައި އޮއްވައި ކުޅުނު މެޗު ކަމަށާއި މި މޮޅަކީ ނެތް ކުޅުންތެރިންގެ ބަދަލުގައި ކުޅެން އެރި ކުޅުންތެރިން ކުރި ހިތްވަރު ކަމަށެވެ.

"ބަކާ އެކަނި ނެތީމައެއް ނޫން. މިއީ ވަރަށް ގިނަ ކުޅުންތެރިން ނެތި މި ބުރުގައި އީގަލްސް އެންމެ ދަށް ހާލަތެއްގައި އޮއްވައި ކުޅުނު މެޗު. އަޅުގަނޑު މީގެ ޝުކުރު މި މެޗުގައި ކުޅުނު ކުޅުންތެރިންނަށް އަދާކުރަން ހާއްސަކޮށް ޒުވާން ކުޅުންތެރިން ވަރަށް މަސައްކަތްކޮށް ރަނގަޅަށް ކުޅެފި،" ނިމާ ބުންޏެވެ.

އޭނާ ބުނީ މާލޭ ލީގުގައި ކުރިއަށް އޮތް ދެ މެޗުގައި އެ ޓީމުން ވިސްނާނީ ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވާން ކަމަށެވެ. އަދި މިހާރު އެ ޓީމަށް އޮތް އެޑްވާންޓޭޖަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމުން ޕްރެޝަރެއް ނެތި ކުޅުމުގެ ފުރުސަތު ލިބުން ކަމަށް ބުންޏެވެ.