ގައުމީ ފުޓްބޯޅަ އެކެޑަމީގެ ބިންގާ އަޅައިފި

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް މިއަދު ފައްޓަވައިދެއްވައިފި އެވެ.


ގައުމީ ކުޅިވަރު އެކެޑަމީގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް އަދި ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ގައުމީ ކުޅިވަރު އެކެޑަމީގެ ފުރަތަމަ ފޭހުގައި ހިމެނެނީ އޮފީހަކާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެކެވެ. ދެ ވަނަ ފޭހުގެ މަސައްކަތް ފަހުން ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، އިތުރުވާނީ ދަނޑުތަކެއް ކަމަށް އެފްއޭއެމުން ބުނެ އެވެ.

މިއަދުގެ ރަަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކަށް 15 މިިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މި ކަމަށް ހުޅުމާލެ އިން ދެ ލައްކަ ތިރީސް ހާސް އަކަފޫޓްގެ ބިމެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ މި އެކެޑަމީ އަކީ ކުރިއަށް އޮތް 20 އަހަރަށް ބަލާއިރު ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި މި އެކެޑަމީ އަކީ ހަމައެކަނި ފުޓްބޯޅަ އިން ކުދިން ތަމްރީން ކުރުމުގެ ބަދަލުގައި މުޖުތަމަ އަށް ފައިދާހުރި ޒުވާނުން ވެސް ތަމްރީނުކޮށްދޭނެ އެކެޑަމީއެއް ކަމަށެވެ.

ފީފާ އާއި އޭއެފްސީގެ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށްގެންދާ މި އެކެޑަމީގެ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރުގެ ނަން މަޝްހޫރު އެކެޑަމީއަކާ ވާހަަކަ ދައްކަމުން އަންނަ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ އޮކްޓޫބަރު މަހު ކުރީކޮޅުގައި ފުރަތަމަ ފިޔަވަހީގެ އިމާރާތަށް ވަދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވި އެވެ.

އެފްއޭއެމުން ބުނީ މި އެކެޑަމީ ހަދަނީ 13 އަހަރުން ފެށިގެން 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް، އެއް ފަހަރާ 100 ކުދިންނަށް ތިބެވޭ ގޮތަށެވެ. ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ފުރަތަމަ މަސައްކަތް ފަށާއިރު، އެކެޑަމީގެ ކަންތައްތައް އޮންނާނީ ބޯޑިން ގޮތަށެވެ. އެ ގޮތުން ފުޓްބޯޅައިގެ އިތުރުން ކިޔެވުމުގެ ކަންތައްތައް ވެސް ކުރިއަށްދާނެ އެވެ. އަދި އަހަރުން އަހަރަށް ކުދިންގެ ކިޔެވުމާއި ކުޅުމުގެ ކަންތައްތައް މޮނިޓާކުރާނެ އެވެ. ކުދިންގެ ކިޔެވުމުގެ ކަންތައްތައް ހަމަޖައްސާނީ ހުޅުމާލެ ސްކޫލަކުންނެވެ.

އަތޮޅުތަކަށް ކުޅުންތެރިން ހޮވުމަށް ދަތުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަތޮޅުތަކަށްދާއިރު ވިސްނުން ހުރީ ފުޓްބޯޅައިގެ ތާރީހު އޮތް އަދި ހުނަރު އޮތް ރަށްތަކަށް ކަމަށާއި އެ ތަނުން ހޮވާލެވޭ ކުޅުންތެރިންގެ ސިލެކްޝަން އޮންނާނީ މާލޭގަ އެވެ.