ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮހަށް

އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސް އިން ހޯދައިފި އެވެ.


ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮހުން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ގްރޭންޑް ޕާކް ކޮއްދިއްޕަރު ބަލިކުރުމަށް ފަހު އެވެ. ބަނޑޮހުން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 20-25 އިން ގެންދިޔައީ ގްރޭންޑް ޕާކުންނެވެ. ބަނޑޮސް މޮޅުވީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. އެ ޓީމު ސެޓުތައް ކާމިޔާބުކުރީ 25-19، 25-22 އަދި 25-19 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހަށް ކުޅޭ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިއާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ޒޯން އެކެއްގެ އިތުރުން މިހާތަނަށް ދެ ޒޯނެއްގެ ކުޅުން ވަނީ ނިމިފަ އެވެ. އެއީ ޒޯން ދޭއް އަދި ޒޯން ތިނެކެވެ.

ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ ޖުމެއިރާ ވިޓަވެލި އެވެ. އެ ޓީމުން އެ ޒޯނުގެ ތަށި އުފުލާލީ ފައިނަލުގައި ވެލައްސަރު މޯލްޑިވްސް ބަލިކުރުމަށް ފަހު އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 22-25، 18-25، 25-23 އަދި 14-25 އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖުމެއިރާގެ ޝިއުނާޒް އަބްދުލް ވާހިދު އެވެ.

ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން ޒޯން ތިނެއް ކާމިޔާބުކުރީ ފައިނަލުގައި ކަނޑިމާ މޯލްޑިވްސް ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 25-22 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނިޔާމަ އަށް ކުޅޭ އަހުމަދު ފާޒިލް އެވެ.

އެންމެ ފަހުގެ ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަނަންތަރާ ކިހާވަށް ވިލާސް މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަނަންތަރާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނޭވާފުށި ބަލިކުރުމަށް ފަހު އެވެ.