ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއ ާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅެނީ: އޭއެފްސީން އަންނަނީ ކްލަބްތަކަށް ލައިސެންސިން ރެގިއުލޭޝަނެއް ތައްޔާރުކުރަމުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު
06 އޯގަސްޓް 2016 - 13:24
އޭއެފްސީން 2018 ވަނަ އަހަރު ތައާރަފްކުރާ ކްލަބް ލައިސެންސިން ގަވާއިދަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް އަހުލުވެރިކުރުވުމަށް އޭއެފްސީން ހާއްސަ ސެމިނާރެއް ބާއްވައިފި އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ އިން 2018 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ލައިސަންސް ދޭނީ މި ގަވާއިދުގައި ހިމެނޭ މިންގަނޑުތަކަށް ފެތޭ ކްލްބަތަކަށެވެ. ނުފެތޭ ކްލަބްތަކަށް އޭއެފްސީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދޭނެ އެވެ.
އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ އަންނަ އަހަރުން ފެށިގެން، ކުދިކުދި ބަދަލުތަކާ އެކު އެފްއޭއެމްގެ ކްލަބް ލައިސެންސިން މިންގަނޑެއް ތައާރަފްކުރުމަށެވެ. އެއީ އޭއެފްސީގެ މިންގަނޑަށް ކްލަބްތައް ފެއްތުމަށް ފަސޭހައަކަށެވެ.
އެފްއޭއެމުން އަލަށް އައްޔަންކޮށްފައިވާ ކްލަބް ލައިސެންސިން މެނޭޖަރު ހުސެއިން ޖަވާޒް ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ސެމިނާގައި، އޭއެފްސީގެ މިންގަނޑުގައި ހިމެނޭ ކަންކަން ކްލަބްތަކަށް ކިޔައިދީފައިވާ ކަމަށާއި އަދި އެ ކަންކަން ފުރިހަމަކުރުން ލިބިގެންދާނެ ފަސޭހަތަކާއި ކުރިއެރުން ވެސް ސާފުކޮށްދީފައިވާ ކަމަށެވެ.
"އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ ކުދިކުދި ބަދަލުތަކާ އެކު ލައިސެންސިން ރެގިއުލޭޝަނެއް ހަދަން. އެގޮތުން ރާއްޖޭގެ މުބާރާތްތަކުގައި ކުޅެވޭނީ، އެ މިންގަނޑަށް ފެތޭ ކްލަބްތައް. އަދި އޭއެފްސީގެ މުބާރާތްތަކުގައި ވާދަކުރެވޭނީ އޭއެފްސީގެ މިންގަނޑަށް ފެތޭ ކްލަބްތައް،" ޖަވާޒް ވިދާޅުވި އެވެ.
އޭއެފްސީގެ މިންގަނޑުގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ކޮންމެ ކްލަބެއްގައި 15 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ޓީމެއް އޮތުމާއި ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ނުވަތަ ޖެނެރަލް މެނޭޖަރެއް ހުރުމާއި ޕާޓްޓައިމް ފިޒިއޮތޮރިޕަސްޓަކާއި މީޑިއާ އޮފިސަރަކާއި އެކައުންޓް އޮފިސަރެއް ހުރުން ހިމެނެ އެވެ. މީގެ އިތުރުން އެ ކްލަބެއްގެ ބަޖެޓާއި ހަރަދު ރިޕޯޓް އޭއެފްސީ އަށް ފޮނުވުން ހިމެނެ އެވެ. އަދި ކޮންމެ ކްލަބެެއްގައި ލައިސެންސް މެނޭޖަރެއް ހުރުމަކީ ވެސް އޭއެފްސީގެ މިންގަނޑުގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯވޭ
06 August 2016
ތިވަރަށް ޚަރަދުކުރެވޭ ކްލަބް ތަކެއް ރާއްޖޭގައި ނެތް. އޭއެފްސީން ތިއުޅެނީ ކީއްކުރަންތަ. މީކީ މާ މުއްސަނދި ގައުމެއް ނޫން. ތިހެންކަންކަން ނެތަސް އަހަރެމެންވެސް ބޭނުންވާނެ ކުޅެން. ފައިސާ ނެތުމަކީ ފުޓްބޯޅަ ނުކުޅެވޭނެ ކަމަކަށް ނުހެދޭނެ.