ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދާނެ: ބައްސާމް

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންދާނެ އިންތިޒާމް އެފްއޭއެމުން ހަމަޖައްސާނެ ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން އިންޑިއާ އަތުން 2-1 އިން މޮޅުވެ ތަށި ހޯދި ޓީމު މާދަމާ ހަވީރު މާލެ އަންނާނެ އެވެ. ސަރުކާރުން ވަނީ މާދަމާ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ބައްސާމް ވިދާޅުވީ އުފާފާޅުކުރުމުގެ ހަރަކާތްތައް ވަރަށް ތަފާތު ވާނެ ކަމަށާއި އެކަން ކުރިއަށްގެންދާނީ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް ކަމަށެވެ.

ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން މުބާރާތުގެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިޔަ އެވެ. އެއީ ސަރުކާރުން އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ބުނެ އެއް ބަޔަކު އެކަމަށް ފާޑުކިޔެވެ.

"އަޅުގަނޑުމެންގެ ގައުމީ ޓީމަކީ ވަރަށް ގައުމީވަންތަ ޓީމެއް. އޭގެ މާނަ އަކީ އެކި ރަށްރަށުން މި ގައުމީ ޓީމުގެ ކުޅުންތެރިން އެބަ ހިމެނެޔޭ. މި ހުރިހާ ރަށަކަށް އަޅުގަނޑު ވަރަށް ބޭނުން އެ ކުޅުންތެރިންނާ އެކީގައި ތަށި ގެންދިއުމަށް. އިރާދަކުރެއްވިއްޔާ އެފްއޭއެމް ފަރާތުން މި އިންތިޒާމް ހަމަޖެހިގެންދާނެ. އަޅުގަނޑުމެން ކޮންމެ ކުޅުންތެރިއެއްގެ އުފަން ރަށަށް ތަށި ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައިދޭނަން. މިއީ ފުޓްބޯޅަ އާއިލާގެ ފަރާތުން ދެވޭ ހަދިޔާއެއް. ކުޅުންތެރިންނަށް ލިބޭ އުފަލެއް އަދި ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ވަރަށް ދަތި ހާލުގައި އޮވެ، ޓީމު އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

މި ފަހަރުގެ ސާފްގެ ތަށި ހޯދި 20 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެއް ރަށަކަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ޓީމު މާދަމާ ރާއްޖެ އަންނާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްސާ އޭ380 ގެ މަތިންދާބޯޓުގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ރަންވޭގައި ހުޅުވުމުގެ ގޮތުން މާދަމާ ޖެއްސުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓް މަރުކާ އޭ380 ގެ އިއްތިހާދު އެއާވޭޒްގެ މަތިންދާބޯޓެކެވެ. އެ ބޯޓުގެ ދުއްވާނީ، ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ ދިވެހި ޕައިލެޓެއް ކަމަށްވާ އަލީ އަހްސަން އެވެ.