ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އޮކްޓޯބަރ 2018 - 09:20
ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށައިގެން ކުރިއަށްދާއިރު ޓީމުތަކުގެ ކަންތައް ހުރީ އެއްވެސް ޓީމަކުން ބޭނުންވާނެ ގޮތަކަށް ނޫން ކަމަށާއި އޭގެ ސަބަބުން ލީގަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޓީސީ ލީގުގެ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ލީގު މެދުކަނޑާލުމަށް ފަހު އެނބުރި އައި ފަހުން ޓީސީން ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް އަތުން މޮޅުވިއިރު، ޓީސީން ކުރިން ދައްކަމުން އައި ކުޅުން ނުދެއްކުނެވެ. އެއީ އެހާ ގިނަ ދުވަސް ފަހުން މެޗެއް ކުޅެން ޖެހުމުންނެވެ.
ނިޒާމްބެ "މިހާރަ"ށް ބުނީ އެހެން ޓީމުތަކަށް މައްސަލަ އޮތްގޮތާ ޓީސީ އަށް ދިމާވެފައިވާ ގޮތާ ތަފާތުވާ ސަބަބެއް އެބައޮތް ކަމަށެވެ.
"ޖުމްލަކޮށް ބުނަންޏާ ހުރިހާ ޓީމަކަށް ވެސް މައްސަލަތައް ކުރިމަތިވާނެ. އެއީ ޕްރީ ސީޒަނަކަށް ވުރެން ވެސް ބޮޑު ބްރޭކެެއް މި އައީ ހަމައެކަނި ޕްރެކްޓިސް ކޮށްލަ ކޮށްލާ ތިބީ. މެޗުތަކެއް އަނެއްހެން ނުވެސް ލިބޭ. ދެން އައިސް މެޗުތައް މި ކުޅެން ޖެހުނީ. އަސްލު ވަރަށް އުނދަގޫވާނެ ހުރިހާ ޓީމަކަށް. ޓީސީ އަށް އުނދަގޫވާ އެއް ސަބަބަކީ ބްރޭކް އައީ ޓީސީ ވަރަށް ރަނގަޅު ފޯމެއްގައި އޮތް ވަގުތެއްގައި ކަމަށްވާތީ،" ނިޒާމްބެ ބުންޏެވެ.
މި ފަހަރުގެ ލީގު ފެށިއިރު ޓީސީ އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު 70 ދުވަހުގެ މެދުކެނޑުމަކަށް ފަހު ލީގު އަލުން ފެށިއިރު، ޓީސީ އަށް އޮތީ ކުރިން އެ އޮތް ފޯމަށް ދިއުމަށް މަސައްކަތް ކުރުމެވެ. ނިޒާމްބެ ބުނީ ކުރިން އެ އޮތް ފޯމަށް ކުޅުންތެރިން ގެނެވޭނެ ކަމަށާއި އެކަމަކު އެ ގޮތުގައި ކުރިއަށްދާއިރު ހުރި ގޮންޖެހުންތައް ވެސް ގިނަ ކަމަށެވެ.
"އަދި ދެތިން މެޗެއް ކުޅެލީމަ ކުޅުންތެރިން ކުރިން ހުރި ލެވެލާ ގާތްވާ ވަރަށް ކުޅެވޭނެ. އެކަމަކު ދެން ވިސްނަން ޖެހޭ މާ ބޮޑު ކަންތައްތަކެއް އެބަހުރި. އެއީ ކުރިއަށް އޮތް ތިން މަހު މި ކުޅުންތެރިން ގާތްގާތުގައި ވަރަށް ގިނަ މެޗު ކުޅެން ޖެހޭނެ. މިހާރު ވެސް ތިން ދުވަހުން މެޗެއް އެބަކުޅޭ. މީގެ ސަމާލުވާންވީ މި ކުޅުންތެރިން އަނިޔާއެއް ވިޔަ ނުދީ ކުރިއަށްދެވޭތޯ. ކުޅުންތެރިންނަށް ރެސްޓެއް ނުލިބި އެހާ ގާތްގާތުގައި ކުޅެން ޖެހުނީމަ އެ ކުޅުންތެރިންނަށް ވެސް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވާނެ،" ނިޒާމްބެ ބުންޏެވެ.
ލީގުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް މާލީ ގޮތުން ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. އޭގެ ސަބަބުން އެކި ޓީމުތައް އޮތީ އެކި މައްސަލަތަކުގެ ތެރޭގަ އެވެ. ލީގުގައި މިރޭ ޓީސީ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. ތަފާތު ގިނަ މައްސަލަތަކެއްގެ ސަބަބުން ވިކްޓަރީ ޕްރެކްޓިހެއް ނުކުރެ އެވެ. އެންމެ ފަހުން މާޒިޔާ މެޗަށް ކުޅުންތެރިން ހަމަވީ ވެސް ކިރިޔަ ކިރިޔާ އެވެ.
ނިޒާމްބެ ބުނީ ލީގުގައި ވާދަކުރާ ގިނަ ޓީމުތައް މައްސަލަތަކެއްގެ ތެރޭގައި އޮތުމުން މުބާރާތުގެ ފެންވަރާއި ފޯރި އަށް ވެސް އަސަރުކުރާނެ ކަމެކެވެ.
"ބައެއް ޓީމުތަކަށް ހުރިހާ ކަމެއް އެބަ ނިމޭ ޕްރިމިއާ ލީގަށް ކޮލިފައިވާ ހިސާބުން. ދެން ލީގުގެ ފުރަތަމަ ފަސް މެޗެއް ނިންމާލާއިރަށް އެބަ އެނގޭ ވާދަކުރާނެ ޓީމުތައް. ހަގީގަތުގައި މި ސިސްޓަމް މި އޮތްގޮތުން މީތި ވޯކެއް ނުކުރާނެ. އެބަޖެހޭ ބަދަލު ގެންނަން. މިސާލަކަށް މާލޭ ލީގުގައި ޓީމުތައް ކުޅޭ ވާދަވެރިކަން މި ޕްރިމިއާ ލީގަށް ވެސް ގެނެވޭނެ ގޮތެއް ހޯދަންވީ. އެހެންނޫނީ ހަމައެކަނި ކުޅެލަން އަންނަ ވިސްނުމެއްގައި އޮންނަ ޓީމުތަކާ އެކު ރަނގަޅު ވާދައެއް ނުކުރެވޭނެ. ފޯރިއެއް ވެސް ނޯންނާނެ،" ނިޒާމްބެ ބުންޏެވެ.
"މާލީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރަން ހުރިހާ ޓީމަކުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ. ހަގީގަތުގައި އެންމެ މުހިއްމު ކަމަކީ އެ އޮންނަ ބަޖެޓެއްގެ ތެރެއިން ހުރިހާ ކަމެއް ނިންމަންވީ. ލިބޭނެ އެއްޗަކާއި އެ ހުރިހާ އެއްޗަކަށް ބަލައިގެން ޓީމު ރާވަން އުޅެގެން މައްސަލަތައް ދިމާވާނެ. މީގެ ކްލަބްތަކުން ގުޅިގެން ރަނގަޅު ހައްލެއް ހޯދަން މަޝްވަރާކުރަން ޖެހޭ."
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މިރޭ ވިކްޓަރީ އާއި ޓީސީ ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޔާޒް9
03 October 2018
ވެރިކަން ބަދަލް ވީ ޓީސީ ކަންތައް ނިމުނީ.
ނަގޫރޯޅި
03 October 2018
ރަގަޅު ގޮތެއް ނޯންނާނެ، މިހާރު ތިބުނީ މެޗްނުކުޅެ ގިނަދުވަސްވީ ވާހަކަ، ދެމެޗެއް ކުލޭއިރައް ކުޅުންތެރިންނައް ރެސްޓް ނުލިބި މެޗްކުޅެން ޖެހޭތި އެކަމާ ފޫގަޅާފަ. ކުރިންކިޔަނި ސަރުކާރުން އެހީ ނުވާތީ ކޯލުންތެރިންނައް ރަގަޅުއެއްޗެއްނުދެވޭތި އެމީހުން އިތުރުވަޒީތަކައްދާން މަޖުބޫރުވީމަ ކުޅުންތެރިން ފުޓުބޯޅަކުޅެން ހުއްކޮއްފަ ނުބޭއްތިއްބޭތި ރަގަޅު ކުޅުންތެރިން ނުއުފެދޭވާހަކަ. ގައިމު މިދިޔަ 5 އަހަރު ސަރުކާރުން ކުރިހަރަދެއްމަދެއްނުވާނެ، ދެނޯ؟؟
އަންކަލޯ
03 October 2018
ސުޒޭނުމެން ކަަހަލަ ކޯޗުން ލައިގެން މިގައުމުގެ ކުޅިވރު ނުވާނެ ރަނގަޅެއް... ސިޔާސީ ވީމަ ވާގޮތް. ސަރުކާރުން ހުރިހައިކަމެއް ކޮށްދިނީމަވެސް އިއްތިހާދަށް ތާއިޑު ކުރީ. މީ އެއްޗިސް އެނގޭނެ ފެންވަރުގެ މީހުން، ދެން ކޮބާ އެހްނމހުންގެ ހާލަކީ. ބއިހަލާކު
އަހްމަދު 22
03 October 2018
އެފް އޭ އެމް ބޮޑުތަނުން ފެއިލް ވެފަ އޮތީ. ރަށްފުށުގަ އާދައިގެ ކުލަބު ޖަމުޢިއްޔާތަކުން ބާއްވާ މުބާރާތްތަކަށް ވުރެ، ރާއްޖޭގެ އެއްވަނަ ލީގުގެ ފެންވަރު ދަށް. އެކަށީގެންވާ އިނާމް ފައިސާއެއް ނުދެވޭ. މުބާރާތް ޕްރޮމޯޓެއް ނުކުރެވޭ. އޯގަނައިޒިންގ ވަރަށް ދަށް. ބައްސާމް އިސްތިއުފާ!
އެގާރަ
03 October 2018
ރަގަޅު އެއްގޮތްވެސް ނެތް. ރަގަޅު ޕްރެކްޓިސް އެއްނުކޮށް ގައުމީ ޓީމު ސާފް ޗްމްޕއިންޝިމަށް ގޮސް ބަލިވެގެން އައިނަމަ ބުނާނީ ޕްރެްކްޓިސް ނުކޮށް ދިޔައިމަ ވީގޮތޭ. ވަގުތު ހޭދަކޮށް ގައުމީ ޓީމު އެއްކޮށް މަސައްކަތްހޮށް ތަށި ހިފައިގެން އައިމ މިބުނަނީ ކްލބް ތަކަށް ގެއްލުމޭ ކްލަބް ތަކަށް ޕްރެކްޓިސް ކުރަން ނުލިބެޔޭ ޕްރެކްޓިސް މެޗެއް ނުލިބެޔޭ. ރަގަޅު އެއް ގޮތެއްވެސް ނެތް
އިޚްސާލް
03 October 2018
ރާއްޖޭގެ ފުޓުބޯޅަ ކްލަބްތަކަށް ނިސްބަތުން ބޮޑު ހޭދައެއް ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާއިރު، ކްލަބްތަކުންވެސް ބޮޑުހޭދައެއް ކުރާކަން ފާހަގަކުރެވެއެވެ. އެކަމަކު ކްލަބްތަކުން ކުރާހޭދައާ އެއްވަރުގެ އާމްދަނީއެއް ނުލިބޭނަމަ، ޚަރަދުކުރާާނާނެ ފައިސާއެއް ނުހުންނާނެއެވެ. ސީޒަނުގެ މެދުތެރެއިން މުސާރަނުދެވި އޮންނަނީ މައްސަލަޖެހިފައެވެ. އެހެންކަމުން ލިބޭ އާމްދަނީއާ އެއްވަރަށް ޚަރަދު ކުރާށެވެ. ގިނަ ކާމިޔާބު ހޯދަން ނުފޯރާފޮތުން ފޫގަޅަން ނޫޅޭށެވެ.
އިއްސޭ
03 October 2018
މަށަށް ނުވިސްނޭކަމަކީ، ކީއްކުރަންބާއޭ ހެސްކިޔާފަ ބޮޑެތި މުސާރަދީފަ ބޭރުކުޅުންތެރިން ގެންނަނީ؟ ބިދޭސީކުޅުންތެރިން ގެނައުމުގެ މައްސަލައެއްނެތް. މައްސަލައަކީ، ޓީމްތަކުގައިތިބި ގިނަ މީގެ ކުޅުންތެރިންގެ ފެންވަރު ވަކި ދިވެހި ކުޅުންތެރިންނަށްވުރެ ތަފާތެއްނޫން. ލީގުގައި ކުޅެމުންދާ މޮޅު ބިދޭސީ ކުޅުންތެރިންގެ އަދަދު އެއްއަތުން ގުނާލެވޭ. ގައިމު މިކަހަލަ ބޭކާރު ޚަރަދުތައްކުރުން ހުއްޓާލައިފިނަމަ ބޮޑުތަން ހައްލުކުރެވޭނެ.
ލޯންގޭ
03 October 2018
ބަންސާމް ވަކިކޮށްގެން ނޫނީ ދިވެހި ފުޓްބޯޅަ ރަގަޅު ނުވާނެ. މިހާރުން މިހާރަށް ވެސް ބަންސާމް މަގާމުން ދުރުކުރެވޭތޯ ބަލަށްވީ.
އަލިކޮ
03 October 2018
ބަންސާމް އަކީ ކާކުތަ؟ ތި ކީބޯޑުގައި އަލިފު އަކުރު ނެތީތަ؟