ލަބާންގެ މޮޅު ކުޅުމުން ގްރީންސްޓްރީޓްސް އިން ޓީސީ ބަލިކޮށްފި

އިބްރާހިމް ލަބާން ޝަރީފްގެ މޮޅު ކުޅުމާ އެކު ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ވަރުގަދަ ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފި އެވެ.


އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ޓީސީ ބަލިވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެ ޓީމާ ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރާ ނިއު ރޭޑިއަންޓަށެވެ. މިވަގުތު 13 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ނިއު މާދަމާ ހަވީރު ވިކްޓަރީ އަތުން މޮޅުވެއްޖެ ނަމަ ޓީސީއާ ދެ ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.

މި ނަތީޖާއާ އެކު ގްރީންސްޓްރީޓްސް ވަނީ 13 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އަރައިފަ އެވެ. އެކަމުގެ ޝުކުރު އެންމެ ބޮޑަށް ހައްގުވަނީ، ޖަލުން މިނިވަންވެ ދާދި ފަހުން އަލުން ކުޅެން ފެށި ޒުވާން ކީޕަރު ލަބާނަށެވެ. ޓީސީ އަށް މެޗު އެއްވަރުކުރަން ފަހު ވަގުތު ލިބުނު ޕެނަލްޓީ ދިފާއުކޮށް އިތުރު ހަމަލާތަކެއް ވެސް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ލަބާން ސަލާމަތްކުރި އެވެ.

"ދެ އަހަރެއްހާ ދުވަހު ޖަލުގައި ހުރެފައި އައިތަނުން އޭނާ ފުރަތަމަ އެގާރައިގައި ހިމަނާނީ ވެސް ސަބަބުތަކެއް ހުރުމުންތާ،" ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ކީޕަރާ ބެހޭގޮތުން ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުންޏެވެ. "މީގައި މެޓާ (ގޯލްކީޕަރު ޓްރޭނަރު އަހުމަދު ސަލީމް) ގެ މަސައްކަތް ފާހަގަކުރަން."

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކްލަބް އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. އޭރު އޭނާ އައީ ކްލަބް އީގަލްސްގައި ތަފާތު މޮޅަށް ކުޅެމުންނެވެ. ލަބާން ޖަލުން މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ގްރީންސްޓްރީޓްސްއާ ގުޅުނީ ޖޫން 25 ގަ އެވެ.

ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ ގޯލް ޖަހާނެ ތިން ފުރުސަތެއް ތަނަވަކޮށްފަ އެވެ. އެގޮތުން 35 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުރަސްކުރި ބޯޅައެއް އަލީ އަޝްފާގް (ދަގަނޑޭ) ޖެހުމުން ގްރީންސްޓްރީޓްސްގެ ޑިފެންޑަރަކު ވަނީ ރޮނގު މަތިން ދިފާއުކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އިއްބެ ހުރަސްކުރި ބޯޅައެއް ގޯލް ކުރިމަތީ ހުހަށް ނަޝާތު އަހުމަދަށް ސީދާކޮށްނުލެވުނެވެ. އަދި 41 ވަނަ މިނެޓުގައި އިއްބެ ދިން ބޯޅަ އޭރިއާ ތެރެއިން އިޝާން އިބްރާހިމް (ސައްޓު) ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

އެ ހުރިހާ ފުރުސަތުތަކެއް ބޭކާރުވުމުގެ ނަތީޖާއަކަށްވީ ގްރީންސްޓްރީޓްސް އިން ލީޑު ނެގުމެވެ. ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރާށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލް ވައްދާލީ ކޮލަމްބިއާ ފޯވާޑް އަވީލާ އެވެ. ޓީސީގެ މުހައްމަދު އަޖުފާން ފަހަތަށް ޖައްސާލި ބޯޅަ ކިރަން އަށް ކޮންޓްރޯލްނުވުމުން، އަވީލާ ފަހަތުން ގޮސް އެ ބޯޅަ ހޯދައި ގޯލަށް ވައްދާލި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ޓީސީ އަށް އެއްވަރުކުރަން ފުރުސަތުތަކެއް ލިބުނު ނަމަވެސް ކީޕަރު ލަބާން ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. ދަގަނޑޭ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ޖެހި ޝޮޓާއި އޭރިއާ ތެރެއިން ވެއްޓިގެންފައި ފޮނުވާލި ބޯޅަ ވެސް ލަބާން ސޭވްކުރި އެވެ. އަދި ފޭދޫ އިއްބެ އަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ބޯޅަ ވެސް އޭނާ ސަލާމަތްކުރި އެވެ.

ދެން ފެނިގެން ދިޔައީ އަވީލާ އަނެއްކާ ވެސް ގޯލް ޖަހައި ގްރީންސްޓްރީޓްސް ލީޑު ފުޅާކޮށްދިން މަންޒަރެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލުގެ މަތީ ދާގަނޑުގައި ތަތްކޮށްލީ ޓީސީގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ހަމަޖެހިލައިގެންނެވެ. އެ ޓީމުގެ ރޮލޭންޑް ރަސެލް އާއި އަބްދުﷲ މިސްބާހަށް ތަފާތު ބޮޑުކުރަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.

ޓީސީން ތަފާތު ކުޑަކުރީ 79 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްކުރި ބޯޅައެއް ނިޝާމް މުހައްމަދު ގޯލަށް ވައްދާލައިގެންނެވެ. އޭގެ ތިން މިނެޓު ފަހުން ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ދަގަނޑޭ އަށް ގްރީންސްޓްރީޓްސްގެ މުހައްމަދު ސާއިފް ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީ ފޭދޫ އިއްބެ ޖެހުމުން ލަބާން މަތަކުރީ އެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ ތަފާސް ހިސާބުތަކަށް ބަލާއިރު މި ތިން ޕޮއިންޓަކީ މި ވަގުތު އެ ޓީމަށް މާ މުހިއްމު އެއްޗަކަށް ނުވާނެ ކަމަށާއި ސަބަބަކީ ގަދަ ހަޔެއް ކަށަވަރުވެފައި އޮތުމުން ކަމަށެވެ.

"އެކަމަކު ކުޅުންތެރިންގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރަން. އެހާ ބޮޑަށް އެ ކުޅުންތެރިން ހިތްވަރުކޮށްފި. ޓީސީ އަކީ ވަރަށް ވަރުގަދަކޮށް އޮތް ޓީމެއް. މިރޭ ނަސީބު ވެސް ދެރައީ އެ ޓީމުގެ. ފަހުން އަޅުގަނޑުމެން ކުރިއަށް ގޮސް، (ކުރީގައި އޮތް ޓީމުތަކާ) ގެޕް ކުޑަކުރާއިރު މި ތިން ޕޮއިންޓް މުހިއްމު ވެދާނެ،" ސުޒޭން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިރޭ ބަލިވީ ލަނޑު ނުޖެހިގެން ކަމަށެވެ. މި މިރޭ ބަލިވުމުން ލީގު ހޯދުމުގެ ރޭހުގައި ޕްރެޝަރު ބޮޑުވާނެތޯ އެހުމުން ނިޒާމްބެ ބުނީ ބަލިވަންޏާ މިއީ ބަލިވާން އެންމެ ރަނގަޅު ދަނޑިވަޅަށް ވެދާނެ ކަމަށެވެ.

"ލީގުގެ ފޯރި ގަދަވާނެ. މިހާ ކުރީކޮޅު ބޮޑު ފަރަގެއް އައިސްފިއްޔާ ކޮންމެ ފަދަ ގޮތެއް ވެސް ފަހުން ވެދާނެ. މީގެ ސަބަބުން ޓީސީ އިތުރަށް މަސައްކަތްކޮށް ހިތްވަރުކުރަން މަޖުބޫރުވެގެންދާނެ. (މެޗެއް ގެއްލެންޏާ) ގެއްލެން ރަނގަޅު ހިސާބެއް މިއީ. އަނެއްކާ ޓީސީ އަކީ ސީޒަނުގެ ނުވަތަ ލީގުގެ ހުރިހާ މެޗެއް ކާމިޔާބުކުރޭވެނެ ފެންވަރުގެ ޓީމެއް ނޫން،" ނިޒާމްބެ ބުންޏެވެ.