ޝަކުވާތައް ފުނި ޖެހި، ގައުމީ ޓީމުގެ ކުޅުންތެރިން މާޔޫސްވެފައި!

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ފަހުން އެފްއޭއެމާއި ސަރުކާރުގެ ފަރާތުން އެއްވެސް އަޅާލުމެއް ނެތް ކަމަށާއި އަދި މުސާރަ އާއި ބޯނަސް ވެސް ހަމަނުޖެހޭ ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޝަކުވާ ފުންޏެއް އޮއްސާލައިފި އެވެ.


"މިހާރު"ގެ ނޫސްވެރިންނާ ބައްދަލުކޮށް ޓީމުގެ ކުޅުންތެރިން މިރޭ ބުނީ އެއްވެސް އުއްމީދެއް ނެތް ފަހަރެއްގައި ގޮސް ހޯދި ކާމިޔާބީ ދިވެހި ރައްޔިތުން ބަލައިގަނެ ޝުކުރުއަދާކޮށްފައިވާ ކަމަށާއި އެކަން ހެޔޮ ހިތުން ގަބޫލުކުރާ ކަމަށެވެ. އެކަމަކު ކަމާބެހޭ އެއްވެސް އިދާރާއެއްގެ ފަރާތުން އެކަން ބަލައިގަން ކަމުގެ ނިޝާނެއް ނުފެންނަ ކަމަށް އެ ކުޅުންތެރިން ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިދިޔަ ތިން މަސް ދުވަހުގެ މުސާރަ އަދި ނުލިބެ އެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދުމުން ބޯނަސް ދޭން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000ރ. ދޭން ޖެހެ އެވެ. އަދި އެފްއޭއެމުން ވެސް ފައިނަލަށް ދިއުމުންނާއި ތަށި ހޯދުމުން ވަކިވަކި ބޯނަސްތަކެއް ދޭން ވައުދުވި ކަމަށް ކުޅުންތެރިން ބުނެ އެވެ. މީގެ އިތުރުން ޗެމްޕިއަންކަން ހޯދުމުގެ ލިބުނު އިނާމް ފައިސާ ކަމަށްވާ 50،000 ޑޮލަރު (771،000ރ.) ގެ ތެރެއިން ވެސް ބައެއް، ކުޅުންތެރިންނަށް ދޭނެ ކަމަށް އެފްއޭއެމާ ހަވާލާދީ ކުޅުންތެރިން ބުންޏެވެ.

"އަޅުގަނޑުމެން އޭރު (މުބާރާތް ތެރެއިން) އެ ވާހަކައެއް ނުދައްކަން. އަޅުގަނޑުމެން ބެލީ ރާއްޖެ އަށް ތަށި ގެނެވޭތޯ. އެ ވިސްނުމުގައި އެކަމަށް އޭރު މަސައްކަތްކުރީ. އަދި ތަށި ލިބުމުން ވެސް އެ ވާހަކަ ނުދައްކަން. އެއީ ތަށްޓާ އެކު ލިބުނީ އާދަޔާހިލާފު ހިތްހަމަޖެހުމަކަށްވާތީވެ،" މި ބައްދަލުވުމުގައި ޓީމުގެ ފަރާތުން ވާހަކަދެއްކި ކުޅުންތެރިޔާ ބުންޏެވެ.

އެކަމަކު ކްލަބްތަކަށް މާލީ މައްސަލަތައް ދިމާވެ ކުޅުންތެރިންނަށް ކްލަބްތަކުން ވެސް މުސާރަ ނުލިބި އަތްމަތި ދަދިވުމުން ބޯނަސްގެ ވާހަކަދައްކަން މަޖުބޫރުވީ ކަމަށް ކުޅުންތެރިން ބުންޏެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރަ އަކީ އާއްމު އުސޫލުން ދޭ އެއްޗެއް. އެކަމަކު އެ ނުލިބި ވެސް ތިން މަސް ދުވަސް ވެއްޖެ. އަދި ދޭން ބުނި އެއްވެސް ބޯނަހެއް މިހާތަނަށް ލިބިފައެއް ނުވޭ،" ކުޅުންތެރިޔާ ބުންޏެވެ.

ސާފް ސުޒުކީ ކަޕުގެ ފައިނަލަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ވ-2) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ-2) އަދި ކުރީގެ ކެޕްޓަން އައްސަދު (ކ) މިހާރުގެ ކެޕްޓަން އަކްރަމާ އެކު ފޮޓޯ ނަގަނީ. –ފޮޓޯ: އިމޭޖަސް އެމްވީ

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ފައިސާގެ ކަންކަން ހަމަޖައްސަން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އޮތުމުން ލަސްތަކެއްވީ ގަބޫލުކުރެވޭ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ޖަމާކުރެވޭނެ ކަމަށް މިނިސްޓްރީއާ ހަވާލާދީ ޖަވާ ވިދާޅުވި އެވެ.

ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮންމެ ކުޅުންތެރިޔަކަށް 200،000ރ. ބޯނަހެއް ސަރުކާރުގެ ފަރާތުން ދެއްވަން ނިންމެވި އެވެ. އަދި އެ ފައިސާގެ ޗެކް ކުޅުންތެރިންގެ ފައި އެއާޕޯޓުގައި ޖެހުމާ އެކު ހަވާލުކުރި އެވެ. މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ދިން އެހީއާ އެކު ކޮންމެ ކުޅުންތެރިޔަކަށް ޖުމްލަ 308،000ރ. ގެ ބޯނަހެއް ލިބުނެވެ.

އެ ފަހަރު ގައުމީ ޓީމަށް ވަނީ އާދަޔާހިލާފު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. ވީއައިޕީން ރައީސް މައުމޫން މަރުހަބާ ދެންނެވިއިރު އެއާޕޯޓުން މާލެ ގެނައީ ހާއްސަ އުޅަނދެއްގަ އެވެ. އަދި މާލޭ ރަސްމީ ފާލަމުން ކޮންމެ ކުޅުންތެރިޔަކަށް ވަކިވަކިން މަރުހަބާކީ އިރު މާލޭގެ ބޮޑުމަގުތަކުގައި ލޮރީ ބުރެއް ބޭއްވި އެވެ. އެ ބުރު ގަލޮޅު ދަނޑަށް ނިންމާލައި އެތަނުގައި ވެސް ސަޕޯޓަރުންނާ އެކު އުފާފާޅުކުރުމަށް ކުޅުންތެރިން ގެޔަށް ދިޔައީ ކޮންމެ ކުޅުންތެރިޔަކަށް ހާއްސަކޮށްފައި އޮތް ޕްރައިވެޓް ކާރެއްގަ އެވެ.

އޭރާ ބަލާއިރު މި ފަހަރުގެ މަރުހަބާ ވަރަށް ވަނދެވެ. ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން ގެނައި އިއްތިހާދު އެއާވޭޒްގެ އޭ380 ގެ ބޯޓުން ޓީމު ގެނެސް، އެއާޕޯޓުން މަރުހާބާ ކީ ރަންވޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެހެންވެ ގައުމީ ޓީމަށް މަރުހަބާ އަށް ވަރަށް ބޮޑަށް ހިޔަނި އެޅުނެވެ.

ޓީމަށް މަރުހަބާ ކިޔަން މެންދުރުފަހުން ފެށިގެން އާއްމުން ބްރިޖް ދޮށަށް އެއްވި ނަމަވެސް، އެ ރަސްމިއްޔާތަށް ފަހު ޓީމު މާލެއާ ހަމައަށް ފޯރީ އިރުއޮއްސުނު ފަހުންނެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު އެތަނުން ވަނީ ގޮސްފަ އެވެ. އަދި މާލެ ތެރޭގައި ވެސް ލޮރީ ބުރެއް ނުބާއްވަ އެވެ.

"މި ޓީމުގެ ގިނަ ކުޅުންތެރިންނަށް 2008 ގައި ކަންތައްތައްވީ ގޮތާއި ކީ މަރުހަބާ ފެނިފައިވަނީ. އެހެންވެ ކުޅުންތެރިންގެ އުއްމީދުތައް ހުރީ މަތީގައި. ޒުވާން ކުޅުންތެރިން ތިބީ އޭރު އެ ކީ ފަދަ ބަތަލުންގެ މަރުހަބާއެއްގެ އިންތިޒާރުގައި. އެކަމަކު މި ފަހަރު އެފަދަ އެއްވެސް ކަމެއް ނެތް،" ސީނިއާ ކުޅުންތެރިޔަކު ބުންޏެވެ.

ސާފް ސުޒުކީ ކަޕްގެ ތަށި ހިފައިގެން ގައުމީ ޓީމު މާލެ އައިއިރު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ރަސްމިއްޔާތުތަކަށް ފަހު 2008 ގައި ޓީމަށް މަރުހަބާ ކިޔަން ސަރުކާރުން ހާއްސަ ރަސްމީ ޖަލްސާއެއް ދަރުބާރުގޭގައި ބޭއްވި އެވެ. މި ފަހަރު އަދި އެފަދަ ރަސްމީ އެއްވެސް ކަމެއް ނެތެވެ. މި ފަހަރު މިހާތަނަށް އޮތީ ޓާފް ދަނޑުގައި ބޭއްވި ފޮޓޯ ސެޝަނަކާއި ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދިއުމުގެ ދަތުރުތަކެކެވެ. އަދި އެމްޕީއެލް، އައިޖީއެމްއެޗާއި މީރާގެ އެދުމުގެ މަތިން އެތަންތަނަށް އެފްއޭއެމުން ޓީމު ގެންދިޔަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ބުނީ މާލެ އައި ދަތުރަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއާ ވެސް ރަސްމީކޮށް ބައްދަލުނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިހުސާސެއް ނުކުރެވޭ މިއައީ ސަރަހައްދީ ތަށްޓެއް ހޯދައިދެން ކަމަށް. ރަސްމީ އެއްވެސް ބަޔަކު އެކަމެއް ފާހަގައެއް ނުކުރޭ. މުބާރާތަށް ދިޔައީ އެއްވެސް އުއްމީދެއް ނެތި. އެކަމަކު ކުޅުންތެރިންގެ ހިތްވަރާއި ސަޕޯޓަރުންގެ ހެޔޮ ދުއާއާ އެކު އަޅުގަނޑުމެން ތަށި ނެގީ. މިއީ ޒުވާން ކުޅުންތެރިންގެ ކެރިއަރަށް ވެސް މުހިއްމު ކާމިޔާބެއް. އެކަމަކު އެކަން ބަލައިގަންނާނެ ބަޔަކު ނެތް،" އޭނާ ބުންޏެވެ.

އެ ކުޅުންތެރިން ވަނީ ޓްރެއިނިން ކޭމްޕާއި މުބާރާތާ އެކު ރާއްޖޭން ބޭރުގައި އާއިލާއާ ދުރުގައި 42 ދުވަސް ހޭދަކޮށްފަ އެވެ. އެކަމަކު ޓްރެއިނިން ކޭމްޕް ނިމެނިކޮށް ދިން 400 ޑޮލަރުގެ ޕޮކެޓް މަނީ ފިޔަވައި މިހާތަނަށް އެއްވެސް ފައިސާއެއް ނުލިބެ އެވެ.

"އަޅުގަނޑުމެންގެ ކާމިޔާބީ ރައްޔިތުން ބަލައިގެންފި. އެކަމާ ސުވާލެއް ވެސް ނެތް،" ކުޅުންތެރިޔަކު ބުންޏެވެ. "އަޅުގަނޑުމެން މިފަދަ ވާހަކައެއް ވެސް ނުދައްކާ ތިބެފިން. އެކަމަކު މުބާރާތަށް ފަހު މާލެ އައިތާ ތިން ހަފުތާ ވެއްޖެ. ކްލަބްތަކުން ވެސް މުސާރަ ނުލިބި ކުޅުންތެރިން ތިބީ ވަރަށް ހާލުގައި. އެހެންވެ މި ހުރިހާ ވާހަކަތަކެއް ރައްޔިތުންނާ ހިއްސާކުރަން ބޭނުންވީ،" ކުޅުންތެރިޔަކު ބުންޏެވެ.

މި ފަހަރުގެ ގައުމީ ޓީމުގައި ހިމެނިގެން ސާފަށް ދިޔަ ގިނަ ކުޅުންތެރިންނަށް މިއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރަން ލިބުނު ފުރަތަމަ ފަހަރެވެ. އެ ފުރުސަތުގައި އެތަކެއް ގުރުބާނީއެއްވެ، އެ ކުޅުންތެރިން ރާއްޖެ އަށް ރީތި ނަން ހޯދައިދޭން އެކުގައި ބުރަ މަސައްކަތެއް ކުރި އެވެ. އަދި މަސައްކަތުން މުޅި ގައުމަށް ބޮޑު ކާމިޔާބެއް ހޯދައިދިންއިރު، އެކަމުން އެކަށީގެންވާ ރީތި ނަމެއް ނުލިބި ދިރިއުޅުމަށް ވެސް އުފަލެއް ނުލިބުމަކީ، ކުޅުންތެރިން ފާހަގަކުރި ގޮތުގައި ބޮޑު މާޔޫސްކަމެކެވެ.