އެކުގައި ފެށި މަސައްކަތުން ދެބެއިން އެންމެ އުހަށް!

މަސައްކަތް ވެސް ފެށީ އެކުގަ އެވެ. ކާމިޔާބީ ހޯދަމުން ވެސް އަންނަނީ އެކުއެކީގަ އެވެ. މިއީ ބެޑްމިންޓަނުގެ ދެ ތަރިން ކަމަށްވާ އެއްބަނޑުއެއްބަފާ ދެބެއިން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ވާހަކަ އެވެ. މީގެ އަށެއްކަ އަހަރު ކުރިން ފެށި މަސައްކަތުގައި ގިނަ މަސައްކަތްތަކެއްކޮށް މި ކުޅިވަރުން ކުރިއަށްދިއުމަށް ގިނަ ހުވަފެންތަކެއް ދިޔައީ ދެކެމުންނެވެ. މިހާރު އެ ދެބެންނަކީ ވެސް ގައުމީ ޗެމްޕިއަނުންނެވެ.


ނަބާހާ އާއި ނަބީހާ ގައުމީ ޖޫނިއާ ޓީމުގައި ހިމެނިގެން ޕްރެކްޓިސް ކުރަން ފެށީ 2014 ވަނަ އަހަރު އެވެ. އޭރު ވެސް މި ކުޅިވަރުން މި ދެ ކުޅުންތެރިންނަށް ކުރިއެރޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. އެއީ ކަމަށް ހުރި ޝައުގުވެރިކަމާއި ކާމިޔާބު ހޯދަން އެ ދެބެން ކުރާ މަސައްކަތްތައް ފެންނާތީ އެވެ. ޕްރެކްޓިހަށް ގަޑިއަށް އައިސް ފަރުވާތެރިކަމާ އެކު ޕްރެކްޓިހުގައި ކޯޗުންގެ އިރުޝާދުތައް އަހައިގެން ހިތްވަރުކުރާތީ ވެސް މެ އެވެ.

މިިދިޔަ އަހަރުގެ ގައުމީ މުބާރާުތުގެ އަންހެން ސިންގަލްސް ތަށި އުފުލާލީ ނަބީހާ އެވެ. މި އަހަރު އެ ޝަަރަފް ހޯދީ ނަބާހާ އެވެ. އެއާ އެކު މި ދެބެން ކުޑައިރުއްސުރެއް ދެކެމުން އައި ގައުމީ ޗެމްޕިއަންކަން ހޯދުމުގެ ހުވަފެން ހަގީގަތަކަށްވީ އެވެ. އަދި މި ދެބެން ވަނީ މި ފަހަރު ވެސް އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ނަބާހާ އަށް ފައިނަލް މެޗު ނުކުޅެ ކާމިޔާބު ލިބުނީ އިދިކޮޅަށް ކުޅެން އޮތް އައިމިނަތު ޝަހުރުނާޒްގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނުކުޅެވިގެންނެވެ. ނަބާހާ ވަނީ ސެމީ ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިއާ ނީލާ ނަޖީބު ބަލިކޮށްފަ އެވެ.

"ހަތަރު ވަރަަކަށް އަހަރު މި ވަނީ ގައުމީ ޓީމަށް ޕްރެކްޓިސް ކުރަމުން އަންނަތާ. ދެން އަދި މިހާތަނަށް ފުރަތަމަ ފަހަރަށް މި ލިބުނީ ގައުމީ ސިންގަލްސް ޗެމްޕިއަންކަން. މިއީ ވަރަށް ބޮޑު ޝަރަފެއް. ރާއްޖޭގެ އެއް ވަނައިގައި މި ހުރީ. ވަރަށް އުފާވޭ. ކުރި ހުރިހާ މަސައްކަތެއްގެ އަގު ލިބުނީމަ،" މިދިޔަ ހަފްތާގެ ގައުމީ މުބާރާތް ކާމިޔާބުކުރުމަށް ފަހު ނަބާހާ ބުންޏެވެ.

މިހާތަނަށް ނަބީހާ އާއި ނަބާހާ ވަނީ ތަފާތު މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. ގައުމީ ލެވެލްގެ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ކުޅެފި އެވެ. ދެބެން ވެސް އެއް ސްޕީޑެއްގައި ކުރިއެރުމުގެ ފަހަތުގައި އޮތީ ހާއްސަ ސަބަބެކެވެ. އެކެއް އަނެކަކަށް ބަހައްޓާ ގާތްކަމެވެ.

"އެކެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ. ވާދަވެރިންގެ ގޮތަށް ކޯޓަށް ދެ ފަޅިއަށް ދެ މީހުން އެރީމަ ފައިޓް ކުރާނީ ހަމަ މޮޅުވާން ދެ މީހުން ވެސް. ކޮންމެ ކަމެއް ކުރަން ޖެހުނަސް މޮޅުވުމަށް ދެ މީހުން ވެސް މަސައްކަތް ކުރާނީ. އެކަމަކު ކޯޓުން ފައިބައިގައި ޔަގީނުން ވެސް ދައްތަ އާއި ކޮއްކޮ މިއީ. ދެ މީހުން އެއްކޮށް މަސައްކަތް ކުރަމުން މި އަންނަނީ. ނަބާ އަށް ލިބޭ ކޮންމެ އެއްޗަކީ ހަމަ ނަބީއަށް ވެސް ލިބޭ އެއްޗެއް،" އުމުރުން 19 އަހަރުގެ ނަބާހާ ބުންޏެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގައި މިހާތަނަށް ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިދިނީ ނަބީހާ އާއި ނަބާހާ އެވެ. އެއީ މި އަހަރު ޖޫން މަހު އޮތް މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިގެންނެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަނުން ފަހުރުވެރިވާ ކާމިޔާބެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިހާރު އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރަމުން އަންނަ މަސައްކަތަކީ އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ހޯދުމެވެ. އެކަން ހާސިލްކުރުމުގެ ގޮތުން އެސޯސިއޭޝަނާއި ކުޅުންތެރިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެންނަށް ގޯލްޑް ލިބުމަކީ އެހާ ދުރުގައި އޮތް ކަމެއް ނޫން. ކުރިއަށް އޮތްތަނުގައި ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރަމުންދާނީ ޓީމެއްގެ ގޮތުގައި އޮވެ ރަން މެޑަލް ހޯދަން. ނުވާނެ ކަމެއް ނޫނޭ ބުނާނީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑެއްޔެއް ގެނެވޭނެ،" އުއްމީދުގައި ހުރެ ނަބާހާ ބުންޏެވެ.

ނަބާހާ އަކީ މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިއާ އެވެ. އަދި އޭނާ ވަނީ ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާސް އެވޯޑު" ހާސިލްކޮށްފަ އެވެ.