ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި

އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. މި ނަތީޖާއާ އެކު ނިއު އަށް ވަނީ ލީގު ދިފާއު ކުރުމުގެ އަމިއްލަ ބާރު ހުރިހާ ގޮތަކުން ގެއްލިފަ އެވެ.


ޓީސީ އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 10 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 10 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާރޭ މާޒިޔާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ލީގުގެ ހަތަރު ވަނައިގައި ނިއު އޮތީ 11 މެޗުން 21 ޕޮއިންޓާ އެކު އެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މި ނަތީޖާއާ އެކު ލީގު ރޭހުން އެ ޓީމު ގާތްގަނޑަކަށް ބޭރުވީ ކަމަށެވެ.

"މި މެޗަށް އައީ މިއީ ޑިސައިޑިން މެޗެއް ކަމަށް ނިންމައިގެން. ކޮންމެ ގޮތެއް ވިޔަސް ދެ ވަނަ އަށް ދާން ވެސް ފުރުސަތު އެބައޮތް. އެހެންވީމަ އެގޮތަށް އަޅުގަނޑުމެން މަސައްކަތް ހުއްޓައެއް ނުލާނަން. އަޅުގަނޑު މިތަނަށް އައިއިރު މި ޓީމު އޮތީ ރަނގަޅު ހާލަތެއްގައެއް ނޫން އެ ހުރިހާ ކަމަކާ އެކު ވެސް ވަރަށް މަސައްކަތް ކުރެވިއްޖެ،" ސޮބާ ބުންޏެވެ.

"ވަރަށް ފަސޭހަ ގޯލެއް ފުރަތަމަ ވަނީ. އަޝްފާގު ކަހަލަ ކުޅުންތެރިއަކަށް އޭގެ ފަޅި ފުރުސަތެއް ލިބުނަސް ތަފާތު ދައްކާނެ އެތަން ފެނުނީ. ހަގީގަތުގައި މެޗުގެ ޓާނިން ޕޮއިންޓަކީ ސެންޓޭ ޕެނަލްޓީ ބޭރުކޮށްލި ހިސާބުން. އެއީ އަޅުގަނޑު އައި ފަހުން ތިން ވަނަ ޕެނަލްޓީ. މިހާ ވާދަވެރި ދެ ޓީމު ކުޅޭއިރު އެވަރުގެ ބޯޅައެއް ބޭނުންނުހިފުނީމަ އެތަން ފެންނާނެ. އޭގެ ފަހުން ވެސް ވަރަށް ފުރުސަތު ބޭކާރުވި."

މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމުގައި ވެސް ސަސްޕެންޝަނުގެ މައްސަލައެއް ނެތެވެ. ޓީސީގެ ކެޕްޓަނަކަށް ހުރީ މި އަހަރުގެ ކުރީކޮޅުގައި ނިއު އަށް ކުޅުނު ދަގަނޑޭ އެވެ. މިއީ ދަގަނޑޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ޓީސީ ޖޯޒީގައި ނިއުއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އަތުން 1-0 ނިއު ބަލިވި މެޗުގައި ދަގަނޑޭ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަައި ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ޓީސީ އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ އެއް ފަހަރުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ބޯޅަ ގޯލަށް ވަންއިރު ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

ޓީސީގެ ލީޑުފުޅާކުރަން މެޗުގެ 10 ވަނަ މިނިޓްގައި އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ފޭދޫ އިއްބެ އެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އަށް ދިން ބޯޅަ ނިއުގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. ނިއުގެ ފުރަތަމަ ހަމަލާ މެޗުގެ 11 މިނިޓްގައި ފޮނުވާލީ މުހައްމަދު އުމެއިރު އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ޓީސީގެ ގޯލުގައި ހުރި ނޭޕާލު ކީޕަރު ކިރަން ކުމާރް އަތަށެވެ.

ދަގަނޑޭ (ކ) ފޮނުވާލާ ބޯޅައެއް ނިއުގެ ޑިފެންޑަރު އަކުރަމް ބްލޮކްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެޗުގެ 22 ވަނަ މިނިޓްގައި ޓީސީގެ ކުޅުންތެރިން އަތުން މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި އަލީ ފާސިރު (ސެންޓޭ) އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށެވެ.

ޓީސީ އަށް ދެ ވަަނަ ލަނޑެއް ޖަހައިދޭން މެޗުގެ 43 ވަނަ މިނިޓްގައި ފޭދޫ އިއްބެ އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ މަސައްކަތްކުރީ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދީގެން ޖަހާށެވެ. އެކަމަކު އެ ބޯޅަ އޭނާ އަށް މާ ރަނގަޅަށް ފޮނުވާލެވެން އޮތެވެ. އޭގެ ފަހުން ޓީސީގެ ޒުވާން މިޑްފީލްޑަރު ސާދު ނިޒާރު އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެފައި ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ހަތް ވަނަ މިނިޓްގައި އޭރިއާތެރެއިން ނިއުގެ އުމެއިރު ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ޓީސީގެ ކުޅުންތެރިއަކު ނިއުގެ ހަމްޕު އަށް ފައުލުކުރުމުން ޕެނަލްޓީ ހޯދަން ނިއުގެ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު ރެފްރީ އަހުމަދު އަސްލަމް އެ ޕެނަލްޓީ ނުދެ އެވެ.

އެކަމަކު މެޗުގެ 56 ވަނަ މިނިޓްގައި ނިއު އަށް ޕެނަލްޓީ އެއް ލިބުނެވެ. ސެންޓޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މި ސީޒަނުގައި ސެންޓޭ އަތުން ގިނަ ޕެނަލްޓީތަކެއް ވަނީ ބޭކާރުވެފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ޓީސީ ދެ ކުޅުންތެރިން ކައިރިން ދެމިގަނެގެން ގޮސް އޭރިއާ ތެރެއިން ސެންޓޭ ޖެހި ބޯޅަ ވެސް ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފްގައި ޓީސީ އަށް ލަނޑުޖަހައިދޭން ފުރަތަމަ ފުރުސަތު ލިބުނީ ދަގަނޑޭ އަށެވެ. ދަގަނޑޭ ޖެހި ބޯޅަ ނިއުގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ބްލޮކްކުރުމުން ދެ ވަނަ ފަހަރަށް އެ ބޯޅަ ހޯދުމަށް ފަހު ދަގަނޑޭ ޖައްސާލި ބޯޅަ ސައްޓު ފޮނުވާލިއިރު ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދަގަނޑޭ ޓީސީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ނިއު އިން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ދަނޑިވަޅެއްގައި ކައުންޓަ އެޓޭކުގައި ދަގަނޑޭ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިއާތެރެއަށް ވަތްތަނުން ނިއުގެ ކީޕަރު ފައިސަލް ވަނީ އޭނާ އަށް ފައުލްކޮށްފަ އެވެ. ދަގަނޑޭ ހެޓްރިކް ފުރިހަމަކުރަން ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފޭދޫ އިއްބެ އަތުން ވެސް ރަނގަޅު ފުރުސަތެއް ގެއްލުނެވެ.

މިއީ ނިއު އަތުން ޓީސީން ޖެހިޖެހިގެން ހޯދި ދެ ވަނަ މޮޅެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ނިއު އަކީ ލީގުގެ ވަރުގަދަ ޓީމެއް ކަމަށާއި މި މެޗުގެ ކުރީކޮޅުގައި ލަނޑެއް ޖެހުމަކީ ޓީސީ އަށް ވަރަށް ރަނގަޅަށް ދިމާވި ކަމެއް ކަމަށެވެ.

"ބޭނުންވި ކަންތައް ހާސިލްވެއްޖެ. މި ތިން ޕޮއިންޓް ވަރަށް މުހިއްމު. ލީގުގައި ބަލަން ޖެހޭނީ ވަކި ކްލަބެއް ނޫން. އަބަދުވެސް ބަލަން ޖެހޭނީ އެންމެ ކައިރީގައި އޮތް ޓީމަށް. އަދިވެސް ނެތް ފަސޭހަ ކޮށްލެވެން. ދެން އޮތް ޓީމުތައް އަތުން ޕޮއިންޓް ހޯދަން ޖެހޭ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ދަގަނޑޭ އަށް ކެޕްޓަންކަން ދިނީ އޭނާ އަށް މި މެޗުގައި ލީޑަރެއްގެ ރޯލު ފުރިހަމަ އަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"ކެޕްޓަންކަން ދެނީ އެ ދުވަހެއްގައި އެންމެ ރަނގަޅަށް ބޭނުން ހިފޭނެ މީހަކަށް. ހިތަށް އެރީ މިއަދު ދަގަނޑޭ އަތުގައި ބޭންޑް އަޅުވާނަމޭ. ދެން އޭތި ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި ޓީމު ލީޑުކޮށްގެން އޭނާ ކުޅުވި. އޭނަގެ ކެޕްޓަންސީގައި ބޭނުންވި ކަންތައް ހާސިލްކޮށްފި." ނިޒާމްބެ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ފ. ނިލަންދޫ ކުޅޭނީ ގްރީން ސްޓްރީޓްސްއާ އެވެ. މާދަމާރޭ މާޒިޔާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.