ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ނޮވެމްބަރ 2018 - 12:52
ފުޓްބޯޅަ ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭއެމް ކަޕް ނުބާއްވަން އެފްއޭއެމުން ނިންމި ނިންމުމުގެ ސަބަބުން ކްލަބްތަކަށް ވުރެ ގެއްލުވާނީ ކުޅުންތެރިންނަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މި އަހަރުގެ ގައުމީ މުބާރާތް އަންނަ އަހަރަށް ފަސްކުރުމުން މިއީ އެ ޝަރަފްވެރި މުބާރާތް ނެތި ސީޒަން ނިންމާލާ ފުރަތަމަ ފަހަރެވެ. އަދި މިއީ މިދިޔަ ހަތަރު އަހަރު ތެރޭ އެފްއޭ ކަޕް ނުބާއްވާ ދެ ވަނަ އަހަރެވެ. މީގެ ތެރެއިން އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމުން ނިންމީ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު އެވެ.
މި ދެ މުބާރާތް ކެންސަލްކުރިއިރު މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތީ ޓީސީ އެވެ. އެހެންވެ މި ނިންމުމުގެ ސަބަބުން ޓީސީ އަށް ދެ ތަށްޓެއްް ހޯދުމުގެ ފުރުސަތު ގެއްލި އެ ޓީމަށް ގެއްލުންވާނެ ކަމަށް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ.
އެކަމަކު ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އެފްއޭ ކަޕް ކެންސަލްކުރަން ނިންމީ ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ގިނަ ޓީމުތަކުން މުބާރާތުގައި ކުޅެން ބޭނުންނުވާ ކަމަށް ބުނުމުން ކަމަށެވެ. އަދި ޓީސީން ވެސް ނިންމާފައި އޮތީ އެ މުބާރާތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށް އެ ކްލަބާ ހަވާލާދީ އެފްއޭއެމުން ބުނެފައިވެ އެވެ.
އެ ހުރިހާ ވާހަކަތަކެއް ދެކެވެމުން އަންނަނިކޮށް ނިޒާމްބެ ބުނީ މުބާރާތްތައް ކެންސަލްވުމުން ހަގީގަތުގައި ގެއްލުންވާނީ ކުޅުންތެރިންނަށް ކަމަށެވެ. އަދި ކްލަބްތަކަށް ގެއްލުންނުވާތަނުގައި ފައިދާ ވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ. އެ އިޝާރާތްކުރީ ސީޒަން އަވަހަށް ނިމުމުން ކްލަބްތަކަށް މާލީ ގޮތުން ލިބޭ ލުޔަށެވެ.
"މިއީ ކުޅުންތެރިންނަށް ވަރަށް ބޮޑު ގެއްލުމެއް. ވަރަށް ގިނަ ޕްލެޓްފޯމްތަކުގައި މި ވާހަކަ ދެއްކިއްޖެ އަސްލު. އަހަރުތެރޭގައި ކުޅުންތެރިންނަށް ލިބޭ މެޗުތަކެއް މިދަނީ ގެއްލިގެން. މިސާލަކަށް ޓީސީގައި އަލަށް މި ކުޅޭ ކުޅުންތެރިންނަށް މި ގެއްލެނީ ފުދޭ ވަރަކަށް ރަނގަޅު ފުރުސަތެއް. އެއީ މީގެ އެންމެ ބޮޑު މައްސަލަ އަކީ،" ނިޒާމްބެ ބުންޏެވެ.
މިދިޔަ އަހަރު ސީޒަން ދިގުލައިގެން ދިއުމުން އެންމެ ބޮޑު ގެއްލުމެއްވި ކްލަބަކީ ޓީސީ އެވެ. އެއީ މިދިޔަ އަހަރުގެ ސީޒަން ނިންމާފައި އެކަށީގެންވާ ރަނގަޅު ބްރޭކެއް ނުލިބި، މި އަހަރުގެ އޭއެފްސީ ކަޕަށް ސީޒަން އަވަހަށް ފަށަން ޖެހުމުންނެވެ.
"ކްލަބްތަކަށް ބަލާއިރު ގެއްލޭނެ އެއްވެސް އެއްޗެއް ނެތް. ކްލަބްތައް އޭއެފްސީ އަށް އެންމެ ވިސްނާނީ. އެފްއޭ ކަޕް ނުކުޅެންޏާ ލީގުގެ އެއް ވަަނަ އާއި ދެ ވަނަ އަށް އޭއެފްސީ ކަޕްގެ ޖާގަ ދެންޏާ އެކަން އެއޮތީ ނިމިފައި،" ނިޒާމްބެ ބުންޏެވެ.
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ބާކީ ތިން މެޗު ކުޅެން އޮތްއިރު، ޓީސީ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޓީސީ 13 މެޗުން 36 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް މާޒިޔާގެ އޮތީ 13 މެޗުން 31 ޕޮއިންޓެވެ.
ނިޒާމްބެ ބުނީ ލީޑެއްގައި އޮތަސް އަދިވެސް ރިސްކު ނެގޭނެ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު މެޗުތަކަށް ވާ ގޮތް ބެލުމަށް ފަހު ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.
"ޓީސީ ސްކޮޑުގައި މިހާރު ނުހުންނާނެ ދަނޑުމަތީގައި 70 ނޫނީ 80 މިނިޓް ނުކުޅޭ ކުޅުންތެރިއެއް. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ބަދަލު ކީޕަރު (އިބްރާހިމް ނަދީމް) އަށް އެންމެ މަދުން ފުރުސަތު ދެވިފައި ހުރީ. މިއީ މިހާ ވަރުގަދަ އަށް ވާދަކުރަމުން އައިއިރު ވެސް ވަރަށް ރަނގަޅަށް ކުރެވިފައި އޮތް ކަމެއް،" ނިޒާމްބެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy