އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގައި މި އަހަރު އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ ޓީސީ ބައްދަލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ނޮވެމްބަރ 2018 - 12:54
އޭއެފްސީގައި ކްލަބްތައް ރަޖިސްޓްރީކުރަން ދިން މުއްދަތުގައި އެފްއޭއެމާއި ރާއްޖޭގެ ކްލަބްތަކުން އެކަންކޮށްފައިނުވާތީވެ ރާއްޖޭގެ ކްލަބްތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ.
"މިހާރަ"ށް އެނގިފައިވާ ގޮތުގައި އޭއެފްސީން ދިން މުއްދަތުގައި އެފްއޭއެމުން އޭއެފްސީގެ ކްލަބް ލައިސަންސިން އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރާއްޖޭގެ ކްލަބްތަކަށް ލައިސަންސް ލިބޭ ވަރަށް ލިޔެކިޔުންތައް ހަމަކުރެވިފައި ނުވެ އެވެ. އަދި އެކަން ކުރުމަށް އެ ސިސްޓަމަށް ލިޔެކިއުން ފޮނުވަން އަލުން ހުޅުވައިދޭން އެފްއޭއެމުން އެދުނު ނަމަވެސް އޭއެފްސީން ވަނީ އެކަން ކޮށްދެވެން ނެތް ކަމަށް އަންގައިފަ އެވެ.
އެފްއޭއެމަށް ޖަވާބުގައި އޭއެފްސީން ފޮނުވި ސިޓީގެ ކޮޕީއެއް "މިހާރަ"ށް ވަނީ ލިބިފަ އެވެ. އޭގައި އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ވިންސޯ ޖޯން ވަނީ އެފްއޭއެމުން އެދުނު ގޮތަށް އެކަންކޮށްދޭން މިހާރު މާ ބޮޑަށް ވަގުތު ފާއިތުވެފައިވާ ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މިދިޔަ ދެ އަހަރުގައި ވެސް އޭއެފްސީ މުބާރާތްތަކުގައި ރާއްޖެ ކުޅުނީ ކްލަބް ލައިސަންސިން ސިސްޓަމް ތެރެއިން ލިޔެކިޔުންތައް ފޮނުވައިގެން ކަމަށެވެ. އެކަމަކު މި ފަހަރު އޭއެފްސީގެ މިންގަނޑުތަކަށް ފެތޭވަރަށް ކްލަބްތަކަށް ލިޔެކިއުންތައް ހަމަކޮށް ސިސްޓަމަށް ނޭޅުނީ ކަމަށް ވިދާޅުވި އެވެ.
"އޭއެފްސީން އައިސް މިދިޔަ އަހަރު ވެސް ކްލަބްތަކަށް ލައިސަންސިން ކަންތައްތައް އޮންނަ ގޮތް އޮޅުންފިލުވައިދިން. ކޮންމެ ކްލަބެއްގައި ވެސް ހުންނަން ޖެހޭ ލައިސަންސް އޮފިސަރެއް. އޭނަ ޖެހޭނެ އެ އޮންނަ މުއްދަތުގެ ކުރިން އެ ކްލަބެއްގެ ޑޮކިއުމަންޓްތައް އޭއެފްސީގެ ލޮގިން މެދުވެރިކޮށް ފޮނުވަން. އަޅުގަނޑުމެން ދިޔައީ އޭއެފްސީގެ ޑެޑްލައިން ވެސް ހަނދާން ކޮށްދެމުން. އެކަމަކު އެ މުއްދަތަށް ކްލަބްތަކަށް އެކަން ނުވެ އޮތ،" ޖަވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސްމީކޮށް މިކަމުގައި އަދި ގޮތެއް ނުނިންމާ ކަމަށާއި އިތުރު ފުރުސަތަކަށް އޭއެފްސީގައި އެދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އެންމެ ގިނަ ލިޔުންތައް ހަމަކުރެވުނީ މާޒިޔާ އަށް ކަމަށާއި އެހެން ޓީމުތަކަށް ވަރަށް ގިނަ ލިޔުން ހަމަކުރަން ޖެހޭ ކަމަށެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ޖާގަ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް ލިބުނީ އެ ގައުމުގެ ޕްރިމިއާ ލީގާއި ކަޕް ޑާކާ އަބަހާނީ ކާމިޔާބުކުރިއިރު، ލީގުގައި ދެން އޮތް ގަދަ ތިން ޓީމުގެ ތެެރެއިން އެއްވެސް ޓީމެއްގައި އޭއެފްސީ ލައިސަންސް ނެތުމުންނެވެ. ސައިފް އަކީ މިދިޔަ އަހަރު ލީގުގެ ހަތަރު ވަނަ އެވެ.
އޭއެފްސީން ވަނީ އޭއެފްސީ ކަޕްގެ ފޯމެޓަށް 2016 ވަނަ އަހަރު ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ ދެ ޒޯނަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާ ގޮތަށެވެ. އޭގެ ފަހުން މުބާރާތުގައި ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރަނީ މި ސަރަހައްދުގެ ޓީމުތަކަށް ހާއްސަކޮށްފައި އޮތް ގްރޫޕުގަ އެވެ.
އިންޑިއާގެ ގޯލްޑޮޓްކޮމް އިން ރިޕޯޓްކުރާ ގޮތުގައި އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްްޓޭޖުން މި ވަގުތު ޖާގަ ލިބިފައިވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން މިނެރްވާ ޕަންޖާބަށެވެ. ދެން އޮތް ޖާގަތައް ކަށަވަރުވާނީ ނޭޕާލް ލީގާއި ބަންގްލަދޭޝްގެ ލީގު އަދި ޕްލޭއޮފް ބުރުންނެވެ.
ޕްލޭއޮފް ބުރުގައި މި ވަގުތު އޮތީ އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ޗެންނާއީ ޓީމެވެ. އެ ބުރުގައި ދެން ވާދަކުރާނީ ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމެކެވެ. ޕްރިލިމިނަރީ ބުރުގައި ކުޅޭނީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ސްރީލަންކާގެ ކޮލަމްބޯ އެފްސީ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގެ ޖާގައަކަށް ވާދަކުރާނީ ޗެންނާއީއާ އެވެ.
އޭއެފްސީން ރަސްމީކޮށް ގުރުއަތުލުމުގެ ކަންތައްތައް ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހު 22 ވަނަ ދުވަހު މެލޭޝިއާގެ ކުއާލަލަމްޕޫރުގަ އެވެ.
އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޓްސް
18 November 2018
ކޮމެންޓްތައް ކިޔާލީމަ ދޭހަވިކަމަކީ، ގިނަމީހުން ކޮމެންޓްކުރަނީ ހަމައެކަނި ސުރުހީ ކިޔާފަކަން.
ބުރާންޗާ
18 November 2018
ކުލަބުތަކުގެ ބޮލަށް ކަޑައިލައިގެން ބަންސާމް ސަލާމަތް ވާނެ ކަމަށް ހީނުކުރާތި. ބަންސާމަކީ މިހާތަނަށް އެފްއޭއެމާ ހަވާލުވި އެއްމެ ނާގާބިލު ރައީސް
ސުޒޭން
18 November 2018
ބަލަ އަދިވެސް ބައްސާމްތަ އިސްތިއުފާާ ދޭންވީ..؟ ކުލަބުތަކުގެ މަސްއޫލިއްޔަތުތަކެއްވެސް އޮވެޔޭ. އެކަން ކަން އެމީހުންނަށް ނުވީމަ ވެސް ބައްސާމްތަ ފެއިލްވަނީ؟؟ އަޖައިބެއް..
ޖޯޖް
18 November 2018
ބަލަ ބައއސާމްގެ ސިންމާއެކޭ އެމީހުންގެ ކަންކަން ވެސް ބެލުމަކީ
އިއްސޭ
18 November 2018
ޖަވާޒުމިބުނަނީ ތެދެއްނަމަ، މައްސަލަައަކީ ކްލަބްތަކުގެ ދޯހަޅިކަންދޯ؟ ބައިނަލްއަގުވާމީ މުބާރަތްތަކަށް ތައްޔާރުވާއިރުވެސް މިއުޅެނީ ރާއްޖޭގަ ކަންތައްކުރާގޮތަށް. އައިޑީކާޑުގެ ކޮޕީގެންދަން ހަނދާންނައްތާލާ، ވަގުތު ފާއިތުވުމުން ތަނުގެ ބޮޑުމީހެއްކައިރީ އާދޭސްކުރާ ވައްތަރަށް.
ޖަމަލޭ
18 November 2018
ބައްސާމު މިހާރުން މިހާރަށް ބޭރުކުރުމަށް ގޮވާލަން
ރާވެރިބެ
18 November 2018
މިހާރުން މިހާރަށް ބޭރުކުރުމުން ބައްސާމު ހުންނާނީ މިހާރުގައެވެ.
ޓަޓޫ
18 November 2018
ބައްސާމް އިސްތިއުފާ
މިނިކާވަގު
18 November 2018
މިއީ ތެދަކައް ވާނަމަ ބައްސާމް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން. ވަރަށް ލަދުވެތި.
ޖީޕު
18 November 2018
ބައްސާމް ދެން އިސްތިއުފާ ދީ! މީގަ ނެތް އިތުރަށް ދެވޭނެ އެއްވެސް ފުރުސަތެއް..
އާރީ
18 November 2018
ދެން ލީގު ކުޅޭނި ކަމެއް ނެތް. ހުރިހާ ކުލަބުތަކުގެ މީހުންގޮސް ބަންސާމް އިސްތިއުފާ ދެންދެން އެފްއޭއެމް ކައިރީ މުޒާހަރާ ކުރަށްވީ. ކިހާ ބޮނޑް ގެއްލުމެއް ކުލަބު ތަކައް
އިސްތިއުފާ
18 November 2018
ބައްސާމް ކަލޭ އިސްތިއުފާދީފަ ގެއަށް ދޭބަލަ. މުޅި ރާއްޖޭގެ ފުޓްބޯޅަ ކަލޭ ހަލާކުކޮށްފި. މީ ވަރަށް ދެރަވެ ހިތާމަހުރި ކަމެއް. ކްލަބުތަކުން މިކަމާމެދު އަޑުއުފުލުން މުހިންމު.