18 ނޮވެމްބަރ 2018 - 17:02
އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލުނީ ކްލަބްތަކުން އޭއެފްސީ އަށް ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށާއި އެ ފުރުސަތު ލިބޭތޯ އަދި ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެ ލިޔެކިޔުންތަކަކީ އޭއެފްސީން ދޫކުރާ ކްލަބް ލައިސަންސް ހޯދުމަށް ކްލަބްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކެކެވެ. މިދިޔަ އަހަރުން ފެށިގެން އެ ލައިސަންސް ނެތި އެއްވެސް ޓީމަކަށް އޭއެފްސީގެ މުބާރާތަކުން ފުރުސަތު ނުދެ އެވެ. އަދި ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އެއް އޮންނަނީ ދީފަ އެވެ.
އެ މަސައްކަތްތައް ކުރުމަށް ކޮންމެ ކްލަބެއްގައި ކްލަބް ލައިސަންސް އޮފިސަރެއް ހުންނައިރު، އެކަމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެމުން އައި ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި މި އަހަރުގެ އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބުން ވާދަކުރީ އެ ލައިސަންސް ލިބިގެން ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެ ލިޔެކިޔުންތައް ހުށަހެޅުމުގައި އޭއެފްސީން މިދިޔަ އަހަރު ލުއިތަކެއް ދިން ނަމަވެސް މި އަހަރު އެކަމުގައި އޭއެފްސީން އަމަލުކުރީ ހަރުކަށިކޮށެވެ.
"ދެހާސް އަށާރަ ވަނަ އަހަރު މި އެސޯސިއޭޝަނުން އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް)ގެ ޑޮކިއުމެންޓްސް ސަބްމިޝަންގެ ޑެޑްލައިންތައް ކްލަބްތަކަށް އެކި ފަހަރު މަތިން ވަނީ ތަކުރާރުކޮށް އެންގިފަ އެވެ. ނަމަވެސް ކްލަބްތަކުން ސިސްޓަމަށް ކްލަބްތަކުގެ ޑޮކިއުމެންޓްސް އަޕްލޯޑްކޮށްފައެއް ނުވެ އެވެ،" އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން ޓީސީ، ނިއު އަދި މާޒިޔާ އިން ގިނަ ޑޮކިއުމެންޓްތަކެއް ހުށަހެޅި ނަމަވެސް ހުރިހާ ލިޔެކިޔުންތައް ހަމަނުކުރެވުމުން އޭއެފްސީން އެ ކްލަބްތަކުގެ ލައިސަންސް އެޕްރޫވްނުވީ އެވެ.
"މި ސިސްޓަމުގައި މި އެސޯސިއޭޝަނުގެ ދައުރަކީ މޮނީޓަރުކުރުމާއި ކްލަބްތަކުން ބޭނުންވާ އިދާރީ އެހީތެރިކަން ދިނުމެވެ،" އެފްއޭއެމުން ބުނެފައިވެ އެވެ.
ލިޔެކިޔުންތައް ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުމަށް އެފްއޭއެމުން އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް އޭއެފްސީން އަންގާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެފްއޭއެމުން ވެސް ބުނީ އެ ސިޓީ އަކީ ކްލަބްތަކުގެ އެދުމުގެ މަތިން އިތުރު ފުރުސަތެއް ހޯދުމަށް އޭއެފްސީގައި އެދުމުން ދިން ޖަވާބު ކަމަށެވެ.
"އޭއެފްސީގެ ސިޓީ ބޭނުންކޮށްގެން މި އެސޯސިއޭޝަން ބަދުނާމްވާ ގޮތަށް ވާހަކަ ދެކެވޭކަމީ މި އެސޯސިއޭޝަނުން ވަރަށް ހިތާމަކުރާކަމެކެވެ. މި އެސޯސިއޭޝަނުން މަސައްކަތްކުރަމުންދަނީ ކްލަބްތަކުގެ ލާބައާއި ހިންގުން ހަރުދަނާ ކުރުމަށާއި ކްލަބްތައް ޒިންމާދާރު ކުރުވުމަށެވެ."
ކްލަބްތަކުން ލިޔެކިޔުން ހުށަހަޅަން ލޮގްއިން އަލުން ހުޅުވައިދޭތޯ އޭއެފްސީގައި އެފްއޭއެމުން އެދިފައިވީ ނަމަވެސް އެ ފުރުސަތު ދެން ލިބިދާނެ ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ސަބަބަކީ މުބާރާތުގެ ގުރުނެގުން އަންނަ ބުރާސްފަތި ދުވަހު އޮތުމާ އެކު އެކަށީގެންވާ ވަގުތު ނެތުމުންނެވެ.
އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮންޕީ
20 November 2018
ފުރުސަތު ގެއްލުނީ އެފުއޭ އެމުގެ ވެރިންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން......އަދިވެސް ބުނޭ މަށެއް ވާނޭ އޭ!! ދެންހުރޭ އަތްޖަހާލަޖާހާލަ!!!!
ޏަޖީބް
19 November 2018
ޚކުޅިވަރާއި ސިއާސީ މުޅިންދޭއޗެއް އިނގޭބާ ކިތަންމެ މޮޅު ކޯޗަކަސް ކުޅުންތެރިއަކަސް ޑިސިޕްލިން ނެތި ސިޔާސީގޮތުން ވަކިމީހަކައ މަސައްކަތް ކުރާގޮތަް ފެނުމަކީ ރީތިކަމަކައް ނުވާނެ ..ވަކިމީހަކު އެފްއެއމްގެ ރައީސްއަކަށް ހުންނާކައް ނުޖެހެ އަދި ރައީސް އަކީ ބޯލަޖަން އިނގޭމީހަކައވާކައވެް ނުޖެހެ..ތަންކޮޅެއްހަރުދަނާ ވިސްނުން ގެންގުޅުމަކީ ރަނގަޅުކަމެއް
ޢާސީ
19 November 2018
ބުނަން ކޮންމެކަމަކީވެސް އެހެންމީހުންގެ އެއްބާރުލުން ބޭނުންވާކަމެއް އަބަދުވެސް ސިޔާސީވެ މީހންނާ ޖެލަސް ވުމަކީ ވަރަްބޮޑުގޯހެއް ވަކިމީހަކުވެރިކަމުގަ ހުރީ މައޭކިޔައ ޖެއްސުންކުރުމަކީ އަހަރުމެންގެ ތެރޭ ވަރައް ބޮޑުކަމއެއް. މޮލަްފުޓބޯލަ ކުޅުމާ ޑިސިޕްލިންއަކީ މުޅިންދޭއްޗެއް..ޖުމްލަގޮތެއްގައި މިއުޅެނީ ޑިސިޕްލިން މައްސަލައާ އަދި ވަކިމީ ހަކު ގެނައުން މީކީނޫން ކުޅިވަރުގަ ބަހައްޓަންޖެހޭޑިސިޕްލިްއަކީ ސާފްބާ
ފާނަ
19 November 2018
ޒިންމާ ނުނަގާތި އެއްވެސް މީހަކު!
ނަފާ
18 November 2018
ބުރޯ ތީ ފެއިލިޔަރ އެކޭ.. ނުވާ ވަރުގެ ކަންކަން ކުރަން ނޫޅި އިސްތިއުދާދީފަ ގޭގަ ހުރެބަލަ..މުޅި ފުޓު ބޯޅަ ފުނޑާލީ ތިޔަކަހަލަ ބޯޅައެއްގަ ފައިންޖަހަން ނޭނގޭ މީހުން މީގެ ތެރެއަށްވަތެ ގަނޑުބަޑުކޮށްގެން
އާރީ
18 November 2018
އެފްއޭއެމްގެ ރައީސްގެ މަގާމްގަ ހުރެގެން ކުރިހާވެސް ކަމަކީ އެފްއޭއެމް ފުރާޅު ދަށުގަ މެޑަމްގެ އޮފީސް ހިންގާ. ފާޅުގަ ތިމަންނައަކީ ސިޔާސީ މަސައްކަތް ކުރާމީހޭކިޔާ އެހެންމީހުންނަށް ގޮންޖެހީ. މިއަދު މި ފެންނަނި އެކަމްގެ ހިތި ނަތީޖާ. ކުލަބުތައް ތަންކޮޅެއް ލޮނުމަޑީ. ކުލަބުތަކުން އިސްނަގާގެން ބަންސާމް ރައީސްކަމުން އެއްފަރާތް ކޮށް ބަންސާމްގެ މަންސަލަ ތަހުގީގު ކުރަށް ޖެހޭ
ޖޯޖް
18 November 2018
ކުލަބުތަކުގެ ބޮލަށްޖަހާފަ ބަންސާމަކަށް ރެކިއެއް ނުވެވޭނެ. ބަންސާމް އިސްތިއުފާ
މެސީ
18 November 2018
މާ ބޮޑައް އެގިގެން ދޯ ކޮމެންޓް ތިކުރަނީ... ކުލަބުތަކުގެ ޒިންމާއެއް ދޯ އެމީހުން މުބާރާތް ތަކުގަ ބައިވެރި ވުމަކީ... އެފްއޭ އަކަށް ނުޖެހޭނެ ދޯ ކުލަބުތައް ގަދަކަމުން މުބާރާތް ތަކުގަ ބައިވެރި ކުރަން... ކުލަބު %100 ޒިންމާ ނަގަން ޖެހޭ ކަމެއް...
ނޮޓް ބައްސާމް
18 November 2018
ބައްސާމްތަ މާ ހާޑުވެގެން ތިކޮމެންޓް ކުރަނީ ފޭކު އައިޑީ އަކުން؟
ނަފާ
18 November 2018
އެފްއޭއެމްގެ ޒިންމާ ބޮޑު..ކުލަބުތަކަށް ތިކަން ދާގޮތް ރޭކާލީ ލިއުން ހުށަހަޅާ ސުންގަޑި ހަމަވަނިކޮށް..އެފްއޭއެމް ނިދާފަ..ޕުރޯ އެކްޓިވްކޮށް ފުޓު ބޯޅަ ކުރިއަރުވަން އެއްކަމެއް ނުކުރޭ
ޢަހް
18 November 2018
ކޮންމެހެނަ ކްލަބުތަކުގެ ބޮލަށް ޖަހާފަ ރެކެން އުޅޭނެ ކަމެއް ނެތް. ކޮބާ ތިބޭފުޅާގެ ޒިންމާ؟
ޕޮކަޑިމޭން
18 November 2018
އަދިވެސް މީނަ މިއުޅެނީ ކުލަބުތަކުގެ ބޮލުގަ ހުރިހާކަމެއް އަޅުވާފަ ސަލާމަތްވޭތޯ