އޭއެފްސީ ކަޕްގައި މި އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ނޮވެމްބަރ 2018 - 11:19
ބަންގްލަދޭޝްގެ އާއްމު އިންތިހާބު އަންނަ މަހު ބާއްވާތީ އެ ގައުމުގެ ފުޓްބޯޅަ ލީގު ފަސްކުރުމުން، އެ ގައުމަށް ލިބިފައިވާ އޭއެފްސީ ކަޕުގެ ދެ ޖާގައިގެ ތެރެއިން އެއް ޖާގަ ގެއްލިއްޖެ އެވެ.
މި މަހު ފަށަން ތާވަލްކޮށްފައި އޮތް ބަންގްލަދޭޝް ޕްރިމިއާ ލީގު ފަސް ކުރީ އަންނަ ޖެނުއަރީ މަހަށެވެ. ލީގު ފަސްކުރަން ނިންމީ އަންނަ މަހު އޮންނަ ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބު ތެރޭގައި ގައުމު ހަލަބޮލިވުމުގެ ފުރުސަތު ބޮޑުކަމުން އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ޕެޓިޝަނެއް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހެޅުމުންނެވެ.
ބަންގްލަދޭޝްގެ ޑާކާ ޓްރިބިއުން އިން ރިޕޯޓްކުރާ ގޮތުގައި އޭއެފްސީން ކުރިން ނިންމާފައި އޮތީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުމަށް ފަހު ފެޑެރޭޝަން ކަޕް ޗެމްޕިއަނަށް ޕްރިލިމިނަރީ ބުރުން ފުރުސަތު ދޭ ގޮތަށެވެ. އެކަމަކު އޭއެފްސީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްގެ ޕްރިމިއާ ލީގު ނުބޭއްވޭތީ މިހާރު ބަންގްލަދޭޝް އަށް ދިން ހަމައެކަނި ޖާގަ ލިބޭނީ ފެޑެރޭޝަން ކަޕް ޗެމްޕިއަން ޓީމަށެވެ.
އަންނަ ހުކުރު ދުވަހު އޮންނަ ފެޑެރޭޝަން ކަޕްގެ ފައިނަލުގައި ކުޅޭނީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް މިދިޔަ ދެ އަހަރު ހޯދައިދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ބަޝުންދުރާ ކިންގްސް އާއި ޑާކާ އަބަހާނީ އެވެ. އަބަހާނީ ވަނީ މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ.
މި ވަގުތު އޮތްގޮތުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ޖާގަ މި ވަގުތު ކަށަވަރުވެފައިވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން މިނެރްވާ ޕަންޖާބަށެވެ. ދެން އެ ގްރޫޕުގައި ހިމެނޭނީ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕްގެ ޗެމްޕިއަން އާއި ނޭޕާލްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަންގެ އިތުރުން ޕްލޭއޮފް ބުރުން އަންނަ ޓީމެކެވެ.
ޕްލޭއޮފް ބުރުގައި މިހާރު އޮތްގޮތުން ވާދަކުރާނީ ޗެއްނާއީން އާއި ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމެކެވެ. ޕްރިލިމިނަރީ ބުރުގައި ވާދަކުރަން އޮތީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ސްރީލަންކާގެ ކޮލަމްބޯ އެފްސީ އެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ރާއްޖޭގެ ކްލަބްތަކުން ކްލަބް ލައިސަންސިން ސިސްޓަމަށް ލިޔެކިއުންތައް ފޮނުވާފައިނުވާތީ ރާއްޖޭގެ ޓީމުތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ވަނީ ފުރުސަތު ގެއްލިފަ އެވެ. "މިހާރު" އާ ވާހަކަ ދެއްކި ބައެއް ކްލަބްތަކުން ބުނީ ލިޔެކިއުންތައް ފޮނުވުމުން އެ އެޕްރޫވްކޮށް އޭއެފްސީ އަށް ހަމައަށް އެ ފޯރުކޮށްދިނުމުގެ ފަހު ޒިންމާ އޮތީ އެފްއޭއެމް ބޮލުގައި ކަމަށާއި އެހެންވެ މި ކަމުގައި އެފްއޭއެމާއި ކްލަބްތަކުގެ ވެސް އިހުމާލު ވެސް އެބައޮތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ކުޅެމުންނެވެ. އެފްއޭއެމުން އަންނަނީ މި މުބާރާތުގައި ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ރަސްމީ ގުރުއަތުލުން އޮންނާނީ މާދަމާ މެލޭޝިއާގެ ކުއަލަލަމްޕޫރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy