ކުޅިވަރު / މުހައްމަދު ނިޒާމް (ނިޒާމްބެ)

އޭއެފްސީ އަށް ނުދެވުމުން ގެއްލުންވާނީ ދިވެހި ފުޓްބޯޅަ އަށް: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ފުރުސަތު ރާއްޖޭގެ ކްލަބްތަކަށް ގެއްލުމުން އޭގެ ގެއްލުން ވަނީ ހަމައެކަނި ވަކި ކްލަބަކަށް ނޫން ކަމަށާއި މުޅި ދިވެހި ފުޓްބޯޅަ އަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ލީގުގައި އިއްޔެ ހަވީރު ހޯދި މޮޅާ އެކު ޓީސީ ވަނީ ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް މީގެ ކުރިން ރާއްޖެ އަށް ލިބެ އެވެ. އެކަމަކު އަންނަ އަހަރު ފުރުސަތު ގެއްލުމުން މިއީ 2004 އަހަރުން ފެށިގެން ރާއްޖޭގެ ކްލަބްތަކުން ވާދަކުރަމުން އަންނަ މުބާރާތުގައި ދިވެހި ކްލަބެއް ނުފެނި މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރަށެވެ.

"ވަރަށް ކުރުކޮށް ބުނަންޏާ ބުނެވޭނީ ދިވެހި ފުޓްބޯޅަ އަށް ލިބުނު މާޔޫސްކަމެކޭ މިއީ. އެއީ ވަކި ކްލަބަކަށް ލިބުނު އެއްޗެއް ނޫން. ކޮންމެ ކްލަަބަކަށް ލީގު ލިބުނަސް އެ ކްލަބެއް ބޭނުންވާނެ އޭއެފްސީ ކުޅެން. ކްލަބްތަކަށް އެ ލިބޭ ގެއްލުމަށް ވުރެ ކުޅުންތެރިންނަށް ލިބޭ ގެއްލުމެއް މި ވެސް،" އިއްޔެގެ މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

އޭއެފްސީން ވަނީ މި ފަހަރު އޭއެފްސީ ކްލަބް ލައިސަންސް ލިބޭ ވަރަށް ރާއްޖޭގެ ކްލަބްތަކުން ލިޔުން ފޮނުވާފައިނުވާތީ ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ. އެފްއޭއެމުން ރާއްޖޭގެ ކްލަބަކަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރި ނަމަވެސް އޭއެފްސީން އެ ފުރުސަތު ނުދީ އިއްޔެ ވަނީ މުބާރާތުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފަ އެވެ.

"މިހާރު" އާ މީގެ ކުރިން ވާހަކަ ދެއްކި ބައެއް ކްލަބްތަކުން ބުނީ ލިޔެކިއުންތައް ފޮނުވުމުން އެ އެޕްރޫވްކޮށް އޭއެފްސީ އަށް ހަމައަށް އެ ފޯރުކޮށްދިނުމުގެ ފަހު ޒިންމާ އޮތީ އެފްއޭއެމް ބޮލުގައި ކަމަށާއި އެހެންވެ މި ކަމުގައި އެފްއޭއެމާއި ކްލަބްތަކުގެ ވެސް އިހުމާލު ވެސް އެބައޮތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އޭއެފްސީ ކަޕަކީ ދިވެހި ކުޅުންތެރިންނަށް ރާއްޖޭގެ ޓީމެއްގައި ހުރެ ކްލަބް ލެވެލްގައި ރަސްމީ ސިފައެއްގައި ކުޅެލަން ލިބޭ އެންމެ ބޮޑު މުބާރާތެވެ. ނިޒާމްބެ ބުނީ ގެއްލިގެން ދިޔައީ ވަރަށް ގިނަ ކުޅުންތެރިންގެ ފުރުސަތުތަކެކެވެ.

"މިސާލަކަށް ގައުމީ ޓީމުގެ 22 ކުޅުންތެރިންގެ ތެރެއިން 18 ނޫނީ 19 ކުޅުންތެރިންނަށް އެންމެ ގިނަ ވެގެން ކުޅެލަން ފުރުސަތު ލިބެނީ. ދެން ތިބި ހުރިހާ ކުޅުންތެރިންނަށް މި ފުރުސަތު މި ގެއްލެނީ. މި އަހަރު އިންގޮތުން ވިއްޔާ ޕްލޭއޮފާ އެކު ދޭއް ނޫނީ ތިން ޓީމަކަށް ފުރުސަތު ލިބޭ ގޮތަށް އޮތީ. އެކަމަކު އެކަން ނުވީމަ މި ގެއްލުނީ ގާތްގަނޑަކަށް 60 ކުޅުންތެރިންގެ އިންޓަނޭޝަނަލް އެކްސްޕޯޝާ. އެކަމުގެ އަސަރު ދިވެހި ފުޓްބޯޅަ އަށް ކުރާނެ އެއީ ޔަގީންކަމެއް،" ނިޒާމްބެ ބުންޏެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޓީސީ އަށް ފުރުސަތު ނުލިބުނީ ޕްލޭއޮފް ބުރުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު އަތުން ބަލިވުމުންނެވެ. އުސޫލެއްގެ ގޮތުން ބަލާއިރު ހުރިހާ ކަމެއް ރަނގަޅަށް ދިޔަނަމަ މި ފަހަރު ރާއްޖޭގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ ޓީސީ އަށް ލިބުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެކަން ނުވިޔަސް ޓީސީގެ ކުޅުންތެރިންގެ ކުޅުމުން އެ އަސަރު ނުފެންނާނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"މީގެ ސަބަބުން ހިއެއް ނުވޭ ޓީސީ ކުޅުންތެރިންނަށް މާ ބޮޑު އަސަރުތަކެއް ކުރާނެހެން. މީގެ އޮތީ ދެކަމެއް. ފުރަތަމަ ކަމަކީ އަދި ޓީސީ އަށް ލީގެއް ނުލިބޭ. ފުރަތަމަ ފޯކަސް އަކަށްވާންވާނީ ލޯކަލް ލީގު ކާމިޔާބު ކުރުމަށް. ދެން ހުރި ކަންތައްތަކަކީ ކްލަބްގެ މެނޭޖްމަންޓުން ކުރަން ޖެހޭ ކަންތައްތައް،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަކީ ކޮންޓްރެކްޓުގައި ތިބޭ މީހުން ކަމަށާއި އަންނަ ސީޒަނުގައި ތިބޭނީ ކޮން ދިމާލަކު ކަމެއް ވެެސް ޔަގީންވާ ނުވާނެ ކަމަށާއި އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ވާހަކަތައް ކުޅުންތެރިން ދައްކަން އަދި އަވަސްކަމަށެވެ.

"މިހާރު ތިބި ކުޅުންތެރިންނަށް އަންނަ އަހަރުގެ ވާހަކަ ނުވެސް ދެއްކޭނެ ކަންނޭނގެ. ކޯޗެއްގެ ހައިސިއްޔަތުން ވެސް ނުދެއްކޭނެ. ކްލަބުން ކޮންޓްރެކްޓް އަތަށް ނުދޭހާ ހިނދަކު ކުރިއަށް އޮތް ސީޒަނުގެ ވާހަކަ ނުދެއްކޭނެ. މީގެ ތެރެއިން މަދު ކުޅުންތެރިއަކު ތިން ސީޒަނަށް ސޮއިކޮށްފައި އޮތީ. މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ސީޒަން ނިމޭއިރު ކޮންޓްރެކްޓް އާ ކުރަން ޖެހިފައި ތިބޭ ކުޅުންތެރިން،" ނިޒާމްބެ ބުންޏެވެ.

ލީގުގައި ބާކީ އޮތް މެޗުތަކަށް ވެސް ނުކުންނާނީ ހަމަމޮޅުވުމުގެ އަމާޒުގައި ކަމަށާއި ކުޅުންތެރިންގެ ވެސް އޮތީ އެ ރޫހު ކަމަށް ނިޒާމްބެ ގަބޫލުކުރެ އެވެ.

"އެއްވެސް ވަރަކަށް ހިއެއްނުވޭ ޓީސީ ތެރޭގައި(އޭއެފްސީ އަށް ނުދެވުމުގެ މާޔޫސްކަން) އޮތްހެނެއް. އެއީ ޓީސީ ކުޅުންތެރިން ކައިރީގައި އަބަދު ވެސް ބުނަނީ މާ ކުރިއަށް ނުވިސްނައި ދެން އިން ފިޔަވަޅަށް ދާން ވިސްނާށޭ. ޓީސީ ކުޅުންތެރިން ޑީމޯޓިވޭޓްވެ ކުޅެން ބޭނުންނުވެފައި ތިބި ތަނެއް ނުފެނޭ. އެ އަށް ވުރެ ބޮޑަށް މޮޅުވާން ކުޅެނީ،" އޭނާ ބުންޏެވެ.

ލީގުގައި ޓީސީ އަށް ކުރިއަށް އޮތީ އާދިއްތަ ދުވަހު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާގެ ހުކުރު ދުވަހުގެރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އާދިއްތަ ދުވަހު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ޓީސީ އަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 67%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޅުގަޑު

23 November 2018

އޭއެފްސީއިން ލިބިފައިވާ ޖާގަ ގެއްލުވާލުމަކީ ރާއްޖޭގެ ފްޓްބޯޅައަށް ތާރީޚުގައި ލިބުނު އެއްމެބޮޑު ގެއްލުންތެރޭގައިވާ ކަމެކެވެ. މައާފްނުދެވޭނެވަރުގެ ބޮޑުގެއްލުމެކެވެ. މިކަންމިވީގޮތް ދިރާސާކޮށް ޒިއްމާއުފުލަން ޖެހޭމީހުން ފާހަގަކޮށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އެފް.އޭ.އެމްތެރެއިން އަދި ކްލަބުތަކުގެވެރިންވެސް އެބަޖެހޭ ކްލަބުތަކުގެ ތެރެއިން ފިޔަވަޅުއަޅަން. މިހާ ފަސޭހައިން ދޫކޮށްލެވޭހާ ކުޑަވަރުގެ ކަމެއްނޫނަ މިއީ!

The name is already taken The name is available. Register?

ޒަންޕެ

23 November 2018

ލިޔެކިއުންތައް ފޮނުވިޔަސް "ޒޯން ޗެންޕިއަންކަން" ނުލިބެންޔާ އެފް އޭ އެމުން ތިކަންކަމުގައި ބައިވެރިވިޔަކަ ނުދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454