ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ފުޓްބޯޅަ އަށް ބޭނުންވަނީ ދެމެހެއްޓެނިވި ފޯމެޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބ. ފެހެންދޫ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ފޯމެޓް އެކި ގޮތްގޮތަށް ބަދަލުކޮށް ތަޖުރިބާ ކުރަމުން އަންނަތާ ދެ އަހަރުވީ އެވެ. އަންނަ އަހަރަށް ވެސް ފޯމެޓަށް ބަދަލު އަންނާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އިއުލާންކޮށްފަ އެވެ. ފުޓްބޯޅަ ފޯމެޓަށް އެހާ ގާތްގާތުގައި ބަދަލު ގެންނަމުންދާތީ މި އަހަރު ވެސް ގިނަ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ކަލަންޑަރު ލިބުމާއި ފޯމެޓަށް ބަދަލުގެނައުމުގެ ޝަކުވާ އަބަދުވެސް އޮންނަނީ ފުނިޖެހިފަ އެވެ.

މާލޭ ލީގު، ބޭނުމެއް ނެތް މުބާރާތެއް!

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިދިޔަ ދެ އަހަރު ވަނީ މާލޭ ލީގު ބާއްވައިފަ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުރިއަށްދިޔަ މި މުބާރާތް ފެނިގެންދިޔައީ ފޯރި ކުޑަކޮށެވެ. އެއީ ފުރަތަމަ އަހަރު ގަދަ ހަތަރެއް އަދި ދެ ވަނަ އަހަރު ގަދަ ހައެއް ކަނޑައެޅޭ ހިސާބުން މުބާރާތުގެ ބޭނުން ކެނޑޭތީ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ހަރަދުކޮށްގެން ކުޅޭ ޓީމުތައް ވާދަކުރާ މި މުބާރާތް އެ ޓީމުތަކުން ނަގަނީ ހަމައެކަނި ޕްރިމިއާ ލީގަށް އޮންނަ ކޮލިފިކޭޝަނެއްގެ ގޮތުގަ އެވެ. އެއީ ތަށި ހޯދައިގެން ލިބޭ މާ ބޮޑު މޮޅެއް ވެސް ނޯންނާތީ އެވެ.

މާލޭ ލީގު ބާއްވައިގެން ކުރި އަނެއް ހިތި ތަޖުރިބާ އަކީ އަހަރު މެދަކަށް ދާ ހިސާބުން ބައެއް ޓީމުތަކަށް ސީޒަން ނިމުމެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ފަހު ވަރުގަދަ ހަތަރު ޓީމަކަށް ސީޒަން ނިމިއްޖެ އެވެ. މި އަހަރު އެ އަދަދު ދެ ޓީމަށް ކުޑަވިއިރު، ނިސްބަތުން ބަލާއިރު މި ދެ އަހަރު ތެރޭ ގިނަ ކުޅުންތެރިންނަށް ގެއްލުނީ ކުރިއަށްދާން ބަލާއިރު މުހިއްމު މެޗުތަކެކެވެ.

އެފްއޭއެމުން 2001 ވަނަ އަހަރު ތައާރަފްކުރި މާލޭ ލީގު 2007 ގައި ބާއްވާފައި ވަނީ ހުއްޓާލައިފަ އެވެ. އޭގެ ދިހަ ވަރަކަށް އަހަރު ފަހުން އަލުން މި މުބާރާތް ފަށައިގެން އެކަށީގެންވާ ހައްލެއް ނުފެނުނެވެ. އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެންނާނެ ބަދަލުތަކާ ބެހޭގޮތުން މިދިޔަ އޮކްޓޫބަރު މަހު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ އަންނަ އަހަރު މާލޭ ލީގު ނޯންނާނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން މިދިޔަ ދެ އަހަރުގައި އެ މުބާރާތަކީ ހަގީގަތުގައި ދުރު ވިސްނުމެއް ނެތި އެޅި ފިޔަވަޅެއް ކަމަށް ބެލެވުމުގެ ޖާގައެބައޮތެވެ.

އޮކްޓޫބަރު މަހު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ސާންތީ (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ޖެނެރަލް ސެކްރެޓަރީ ޖަވާޒް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭ ލީގު ބާއްވައިގެން މިދިޔަ ދެ އަހަރަށް ބަލާއިރު ޓީމުތަކަށް ވުރެ ބޮޑަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ކުޅުންތެރިންނަށެވެ. އެއީ މާލޭ ލީގާއި ރެލިގޭޝަން ޕްލޭއޮފް ނިމޭއިރު އޮންނަނީ ޓްރާންސްފާ މާކެޓް ބަންދުވެފައި ކަމުން ގިނަ ކުޅުންތެރިން މިދިޔަ ދެ އަހަރު ވަނީ ކުޅުމުގެ ފުރުސަތު ނުލިބި މަގުމަތިވެފަ އެވެ. އެކަން ވަނީ ގިނަ ކޯޗުން ވެސް ފާހަގަކޮށްފަ އެވެ.

މި އަހަރު މާލޭ ލީގުގައި ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދިން ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ރެލިގޭޝަން ފަހު މެޗަށް ފަހު ބުނީ ކުޅުންތެރިންނަށް ކުރާނެ އަސަރަކަށް ބަލާނުލައި ފުޓްބޯޅަ ފޯމެޓް އެކުލަވާލާނަމަ ފުޓްބޯޅަ އަށް ލިބޭނީ ހަގީގަތުގައި ގެއްލުން ކަމަށް ބުނެފަ އެވެ.

ޕްރިމިއާ ލީގުގެ ފެންވަރު ދަށް

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި ލީގު ރީބްރޭންޑްކޮށް ޕްރިމިއާ ލީގަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. ފޯމެޓަށް މިދިޔަ އަހަރު ގެނެވުނު ބަދަލާ އެކު ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތަކުގެ ޓީމުތައް ކުޅެވޭގޮތަށް ހެދި އެވެ. މިއީ ހަގީގަތުގައި މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމުގައި ކުރަން ވަރަށް މުހިއްމު ކަމެކެވެ. އެންމެ މަތީ ފަންތީގައި އަތޮޅުތަކުގެ ޓީމުތަކަށް ކުޅުމުގެ ފުރުސަތު އޮންނަން ޖެހެ އެވެ. އެކަމަކު އެކަން ކުރަން ޖެހޭނީ ފުރަތަމަ އުސޫލެއްގެ މަތިންނެވެ. ފުޓްބޯޅަ އަށް ފައިދާވާ ގޮތަށެވެ.

މިދިޔަ ދެ އަހަރު ޕްރިމިއާ ލީގުގައި އަތޮޅުތަކުގެ ޓީމުތައް ގެނެސްގެން ކުރަން ޖެހުނީ ހިތި ތަޖުރިބާ އެކެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ތެރެއިން އަތޮޅުތަކުން ޕްރިމިއާ ލީގަށް ކުޅެން އަންނަ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދޭގޮތަށް ހަމަޖެއްސިނަމަ ވެސް އެ ގަވާއިދު ލިބެނީ މަދު ފަހަރަކު އެވެ. އަދި އެ ނުލިބިގެންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ތަފާތު މައްސަލަތަކާ ހުރެ، ޓީމުތަކުގެ ކުޅުމަށް ވަރަށް ބޮޑު އަސަރުތަކެއް ކުރެ އެވެ. އަދި ލީގުގެ ގިނަ މެޗުތަކުގެ ފެންވަރު ދަށްވެ އެވެ.

ބައެއް ޓީމުތަކުން ފާހަގަކުރާ އެންމެ ބޮޑު ކަމަކީ އެއް އަހަރު ތެރޭ ދެ ލެވެލެއްގައި ކުޅެން އުނދަގޫވުމެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އެއް ފެންވަރެއްގެ ޓީމުތަކާ ދެކޮޅަށް ކުޅެފައި ދެ މަސް ދުވަހަށް ފަހު އަނެއްކާ މާ ފެންވަރުގެ ގޮތުން ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭއިރު ތައްޔާރުވާން ލިބޭ ވަގުތު މާ މަދުވުމެވެ. އެހެންވެ، އޭގެ އަސަރު ޓީމުތަކަށް ކުރާއިރު އޮންނަނީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިފައި ކަމެވެ.

މި ފަަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމުން މިހާރު މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކަށް އޮތީ ރަނގަޅު ގޮތެއް ކަނޑައަޅައިފަ އެވެ. އޮކްޓޫބަރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމުން ބުނީ އަބަދުވެސް މިނިވަން ޗެމްޕިއަންޝިޕް އޮންނާނީ އެއް އަހަރު ކުރިއަށްވާ ގޮތަށް ކަމަށެވެ. އެއީ އެއް އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައިވާ ޓީމުތައް ޕްރިމިއާ ލީގުގައި ކުޅެން ޖެހޭނީ ޖެހިގެން އަންނަ އަހަރުގަ އެވެ. މިއާ އެކު ޓީމުތަކަށް ބަޖެޓް ހޯދުމާ ތައްޔާރުވުމަށް ލިބޭ ވަގުތު ގިނަވާނެ އެވެ.

މިދިޔަ އަހަރު ދ. ކުޑަހުވަދޫގެ ކޯޗަކަށް ހުރި މި ފަހަރު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މި ފަހަރުގެ ލީގުގެ މެޗަކަށް ފަހު ބުނީ ޓީމުތަކުގެ ހާލަތު އޮންނަ ގޮތުގެ ތަޖުރިބާ އޭނާ އަށް ވަރަށް ރަނގަޅަށް ކުރެވިފައިވާ ކަމަށާއި އަތޮޅުތަކުން ޓީމުތައް ގެނެސްގެން ކުޅެވޭނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ވެގެން ކަމަށާއި އެ ފެންވަރު އަދި ނެތް ކަމަށެވެ.

"ހަގީގަތުގައި މިއީ ކުރިން ވެސް ތަޖުރިބާ ކޮށްފައި އޮތް ފޯމެޓެއް. މި ގޮތަށް މި ކަން ނުވާނެ. އަތޮޅުތަކުން ޓީމުތައް ގެނެސްގެން ކުޅޭ ކަމަށްވާނަމަ އަބަދުވެސް މައްސަލަ ހުންނާނެ. މި ކަމަށް މި ވަގުތު މާ ބޮޑު ހައްލެއް ނެތް. ހައްލެއް ލިބޭނީ ދުރާލާ ރާވައިގެން. އެންމެ ރަނގަޅު ހައްލަކީ އަތޮޅުތަކުގައި ދަނޑުތައް ތަރައްގީކޮށް ލީގު ހޯމް އެންޑް އަވޭ އުސޫލަށް މުޅި ރާއްޖެ އަށް ފުޅާކުރުން. އެކަމަކު މި ދައްކަނީ ވަރަށް މަސައްކަތުގެ ވާހަކަ،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ކުރިން މަސައްކަތްކުރި މޯހަން ބުންޏެވެ.

މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ފުޓްބޯޅަ ލީގު ބޭއްވުމުގެ ވިސްނުން އެފްއޭއެމްގެ ވެސް އެބަހުއްޓެވެ. އަތޮޅުތަކުގެ ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތެއް އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ނަތީޖާ އަށް ބެލުމަށް ފަހު އެފްއޭއެމުން ވަނީ ވިނަ ދަނޑުތަކެއް އަޅާނެ ރަށްތައް ކަނޑައަޅައިފަ އެވެ.

ފިލާވަޅު ހޯދާނަމަ މިއީ ގިނަ ކަންތައްތަކެއް ދަސްވާނެ ސީޒަނެއް

މި އަހަރުގެ ފުޓްބޯޅަ ފޯމެޓަށް ގިނަ ބަދަލުތައް ވަނީ ގެނެސްފަ އެވެ. މުބާރާތްތައް ކެންސަލްކުރަން ޖެހުނުއިރު، އެކި ސަބަބުތަކާ ހުރެ މެޗުތައް ލަސްކުރަން ޖެހުނު އަދަދު ވެސް އެހާމެ ގިނަ އެވެ. އެންމެ ފުރަތަމަ ކަމަކަށް ، 2009 ވަނަ އަހަރުން ފަށައިގެން ބާއްވަމުން އަންނަ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު އެންމެ ފުރަތަމަ ލަސްކުރީ އޭރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުންނެވެ. ފަހުން އެ މެޗު އެއްކޮށް ކެންސަލްކުރީ ކަލަންޑަރަށް ބަދަލެއް ގެނެސްފިނަމަ ޓީމުތައް އުނދަގޫވާނެ ކަމަށް ބުނެ އެވެ.

މާލީ ހާލަތު ތަށް ނުދޭތީ މިދިޔަ ދެ އަހަރު ވެސް މާލޭ ލީގު ކޮލިފިކޭޝަން/ ރެލިގޭޝަނުގައި ދެ ވަނަ ޑިވިޝަނުގެ ޓިމުތަކަށް ނުކުޅެވުނެވެ. އެއީ ދެ ވަނަ ޑިވިޝަން ނިމުމަށް ފަހު ކޮލިފިކޭޝަނާއި ދެމެދު ގިނަ ދުވަސްވާތީ ޓީމުތަކަށް ކުރިމަތިވާ އުނދަގޫތަކެއްގެ ސަބަބުންނެވެ.

ލީގު ޗެމްޕިއަންކަން ހޯދި ޓީސީ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީޒަން ދިގުލައިދާތީވެ، މި ފަހަރުގެ ގައުމީ މުބާރާތް ނުބާއްވައި އަންނަ އަހަރުގެ ކުރީކޮޅުގައި ގައުމީ މުބާރާތް ބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. ދެން ކޮންމެ އަހަރެއްގައި ވެސް ފުރަތަމަ އޮންނާނީ ގައުމީ މުބާރާތް ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ. ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު މި ފަހަރުގެ އެފްއޭ ކަޕް ކެންސަލްކުރިިއިރު، މިއީ މިދިޔަ ހަތަރު އަހަރުތެރޭ މި މުބާރާތް ނުބާއްވައި ދިޔަ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ވެސް މި މުބާރާތް ނުބާއްވަ އެވެ. އެއީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ދަނޑުގައި އެޅި ރަބަރުގަނޑެއްގެ ސަބަބުން ވިނަގަނޑު ހަލާކުވުމުންނެވެ.

ބޮޑު ދެ މުބާރާތް ނެތި ފަޅު ފުޓްބޯޅަ ސީޒަނެއް ނިމިދިޔައީ އެވެ. ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން މިކަމުގެ ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކުރާއިރު، ހަގީގަތުގައި މީގެ އެންމެ ބޮޑު ގެއްލުން ވަނީ ކުޅުންތެރިންނަށެވެ. ފުޓްބޯޅަ ފޯމެޓް އަހަރުން އަހަރަށް ބޮޑެތި ބަދަލުތައް ގެންނާތީ ގިނަ ކްލަބްތަކަށް ވެސް ހުންނަ ގޮންޖެހުންތައް ގިނަ އެވެ. އެ ހުރިހާ ކަމަކަށް އޮތް ހައްލަނީ ފުޓްބޯޅަ އަށް ދެމެހެއްޓެނިވި ފޯމެޓެއް ކަނޑައެޅުމެވެ. ބަދަލެއް ގެންނަން ޖެހިއްޖެނަމަ ދުރާލާ އެ ކްލަބްތަކާ މަޝްވަރާކޮށްފައި އޭގެއިން ނުކުންނާނެ ނަތީޖާތަކާ މެދު ވެސް ވިސްނާފައި އޮތުމެވެ.

އަންނަ އަހަރުގެ ފުޓްބޯޅަ ފޯމެޓް ބައްޓަން ކުރާނެ ގޮތަކާ މެދު އެފްއޭއެމުން ވަނީ ކްލަބްތަކާ މަޝްވަރާތަކެއް ބާއްވައިފަ އެވެ. ބޭރު ގައުމުތަކުގައި ކުޅޭ ފަދަ ފޯމެޓަކަށް ޖޫން މަހު ލީގު ފަށާގޮތަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު އަދި ވަކިގޮތެއް ކަނޑަނާޅަ އެވެ. އެފްއޭއެމުން "މިހާރަ"ށް ބުނީ އަންނަ އަހަރުގެ ފުޓްބޯޅަ ފޯމެޓާ ބެހޭގޮތުން ނިންމަން ޖެހޭ ކަންތައްތަކާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެ ކަންތައްތައް ނިމުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމަށެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިރޭ

11 December 2018

މުޅި އަހަރުތެރޭ ކުޅެ ރަށްރަށަށް ގޮސް މެޗުތަށް ނުކުޅޭނަމަ ދިވެހި ފުޓުބޯޅަ ދުވަހަކުވެސް ނުހިނގާނެ! ބޭރު ޤައުމުތަކުގެ ވާހަކަ ދައްކާއިރު ކޮންމެޓީމެއްވެސް އެމީހުންގެ އަމިއްލަރަށުގައި ކުޅޭ! އެ ފުރުސަތު ރާއްޖޭގައި ނުދީ، އެހެންކަންކަމުގައި ކަންކުރާ އުސޫލުން ހުރިހާ ލީގުގެ ބޮޑެތި މެޗެއް މާލޭގައި ކުޅޭނަމަ ދުވަހަކުވެސް ކުރިނާރާނެ! މިކަމަކަށް ކޮންސަލްޓަންޓެއް ބެނުމެއްނުވޭ! ކަންކުރަން ނުކެރެނީ މާލޭގަ ހުންނަ ބޮޑުމީހާގެ ބިރަށް! މަހުލޫފަށްވާވަރު ބަލަމާ!

The name is already taken The name is available. Register?

މެސީ

08 December 2018

މިނިސްޓަރ މަހްލޫފަށް ފުޓްބޯޅަ ތަރައްގީކޮށް ފޯރި އިތުރުކޮށް ދަނޑު ފުރާލާނެ ސްޓެރެޖީއެއް ކޮންސަލްޓެންޓެއްގެ އެހީގައި ނަމަވެސް ކުރަންވެއްޖެ. ފުޓްބޯޅައަކީވެސް ކޮމާޝަލް ވެލިއު ވަރށް ބޮޑަށް އެކުލެވޭ ކުޅިވަރެއް. ފުރިހަމައަށް މާކެޓް ކުރެވޭނެ ޕްލޭނެއް އެކުލަވާލުން މުހިންމު.

The name is already taken The name is available. Register?

haneef

08 December 2018

ބައްސާމް ރާއްޖޭގެ ފްޓް ބޯޅަ ހަލާކު ކުރަނީ

The name is already taken The name is available. Register?

ޙުސަން

08 December 2018

ބޭރު ގައުމުތަކުގައި އޮންނަހެން އޮގަސްޓް އިން އަނެއް އަހަރު މޭ ޔަށް ބާއްވާ. ޢެއީ އިންޓަނޭށަނަލް ސްޓޭންޑާޑަކީ

The name is already taken The name is available. Register?

އިއްސޭ

08 December 2018

އޭޝިއާގެ ކަލެންޑަރު އޮންނަނީ ފެބްރުއަރީއިން ނޮވެމްބަރަށް. ސަބަބަކީ، އޭޝިއާގެ ގިނަ ގައުމުތަކުގެ މޫސުމާއި، ސްކޫލްތައް ހިނގަނީ މިފަދައިން. ހަމައެކަނި ރާއްޖޭގަ ޔޫރަޕާ އެއްގޮތަށް ބަދަލުކޮށްފިނަމަ ލިބޭނީ ލަނޑު. ބޮޑު ޗުއްޓީ ދިމާވާނީ ސީޒަންގެ މެދުތެރޭގަ. ކުޅުންތެރިން، އާއިލާއާއެކު ހޭދަކޮށްލާނެ މުހިއްމު ޗުއްޓީދުވަސްވަރު ގެއްލިގެންދާނެ. އަދި އޭއެފްސީ ކަޕްގެ ނޮކައުޓް މެޗުތައް ކުޅެންޖެހޭނީ ސީޒަން ނިމޭފަހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454