ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

އެފްއޭއެމުން މުސާރަ ކަނޑައަޅައި ކްލަބްތަކަށް ފޮނުވައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅައި އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވައިފަ އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ އިއުލާންކުރިއިރު އަހަރެއްގެ މައްޗަށް ކުޅުންތެރިންނަށް އެންމެ ބޮޑުކޮށް ދެވޭނެ މުސާރަ އަކަށް ކަނޑައަޅާފައިވަނީ 400،000ރ. އެވެ. އެއީ 10 މަހަށް ބަލާއިރު މަހަކަށް 40،000ރ. ލިބޭގޮތަށެވެ. އެކަމަކު ކްލަބްތަކަށް އޮނިގަނޑު ފައިނަލް ކުރުމަށް ފަހު ފޮނުވިއިރު، އެ އަދަދު ވަނީ 300،000ރ. އަށް ކުޑަކޮށްފަ އެވެ. އެއީ 10 މަހަށް ބަލާއިރު މަހަކު 30،000ރ. ލިބޭގޮތަށެވެ. މުސާރަ ދޭއިރު އޭގެ ތެރޭގައި ބޯނަހާއި އެހެނިހެން އެލަވަންސްތައް ހިމެނޭނެ އެވެ.

ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އުސޫލު:

- 2019 ވަނަ އަހަރުން ފެށިގެން ކުޅުންތެރިންނާއި ކްލަބާ ދެމެދު ވެވޭ އެއްބަސްވުން ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން ތިން އަހަރަށް ހަދާފައިވާ އެއްބަސްވުން.

- ނޮން އެމެޗާ ކުޅުންތެރިއެއް ނަމަ ކުޅުންތެރިއާ ރަޖިސްޓްރީ ކުރާ ފޯމާއި ކުޅުންތެރިއާ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހުށަހެޅުން.

- ކްލަބާއި ކުޅުންތެރިއާ ދެމެދު ހެދޭ އެއްބަސްވުން އެފްއޭއެމްގައި ރަޖިސްޓްރީކުރުން. ރަޖިސްޓްރީ ކުރާ އެއްބަސްވުން ނޫން އެހެން އެއްބަސްވުމެއް އޮވެގެން ނުވާނެ. އޮތް ނަމަވެސް އެ އެގްރީމެންޓް ބެލޭނީ ބާތިލް އެއްޗެއްގެ ގޮތުގައި.

- ކްލަބާއި ކުޅުންތެރިންނާ ދެމެދު މައްސަލައެއް ޖެހިއްޖެނަމަ އެ މައްސަލައެއް ހައްލުކުރަން އެފްއޭއެމުން ބަލާނީ ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމަށް.

މިހާތަނަށް ރާއްޖޭގައި މިލިއަނަކަށް ވުރެ ބޮޑު މުސާރައެއް އަހަރެއްގެ މައްޗަށް ލިބޭ ގޮތަށް އެއްބަސްވުން ހެދީ މަދު ކުޅުންތެރިއެކެވެ. އޭގެ އިތުރުން އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންނަށް އަހަރެއްގެ މައްޗަށް ލިބެނީ 700،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެކެވެ. އެވްރެޖްޓް މުސާރަތަކަކީ އަހަރަކު 200،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދެކެވެ.

މީގެ 13 ވަރަކަށް ކުރިން ވެސް އެފްއޭއެމުން މުސާރައިގެ މިންގަނޑެއް ހެދި އެވެ. އެކަމަކު ކޮންޓްރެކްޓުގެ ބޭރުން ދޭ އެލަންސްތަކާ އެކު އެ އުސޫލުގެ ބޭނުން ކެނޑުނެވެ. އެފްއޭއެމުން ވަނީ އެ ފަދަ ސިއްރު އެއްބަސްވުންތަކެއް ފެންމަތިވެއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

"ހަގީގަތުގައި ކުރިން ވެސް މައްސަލަ ޖެހުނީ އުސޫލުން ބޭރުން ބޯނަހާއި އެހެނިހެން އެލަވަންސް ދޭން ފެށުމުން. މި ފަހަރު ތި އޮނިގަނޑުގައި ހިފެހެއްޓިއްޖިއްޔާ ވަރަށް ރަނގަޅު. އެއީ ލިބޭ އެއްޗަކަށް ވުރެން ބޮޑަށް ކުޅުންތެރިންނަށް ހަރަދުކޮށްގެން ފުޓްބޯޅަ ކުރިއަކަށް ނުދާނެ. އާމްދަނީ ލިބޭ ގޮތެއް ނެތި އޮއްވައި ކިހިނެއް ބޮޑު މުސާރަ ދެނީ،" ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

އެއްބަސްވުމުގައި ހިމަނަން ޖެހޭ ނުކުތާތައް:

- އެގްރިމެންޓްގެ މުއްދަތަކީ މަދުވެގެން 3 އަހަރު. 23 އަހަރުން ދަށުގެ ކުޅުންތެރިއަކު ނަމަ އެ ކުޅުންތެރިއެއްގެ އުމުރުން 23 އަހަރު ވަންދެން އެ ކްލަބަކާ އެކު އެގްރިމެންޓް ހަދަން ޖެހޭނެ.

- ކުޅުންތެރިންނަށް ދެވޭނެ އެންމެ ބޮޑު މުސާރަ އަކީ މަހަކު 30،000ރ. އެހެނިހެން އެލަވަންސް އާއި ބޯނަސް ވެސް ބެލެވޭނީ މުސާރައިގެ ތެރޭގައި ހިމެނޭ އެއްޗެއްގެ ގޮތުގައި.

- ކުޅުންތެރިންނަށް ސައިނިން ބޯނަސް (އެޑްވާންސް)ގެ ގޮތުގައި ދެވޭނީ މުސާރައިގެ ޖުމްލަ އަދަދުގެ 20 ޕަސެންޓް. (300،000ރ. މުސާރަ ލިބޭ ކުޅުންތެރިއަކަށް އެޑްވާންސްގެ ގޮތުގައި ނެގޭނީ 60،000ރ).

- ޖުމްލަ 60 ދުވަހު (ދެ މަސް) ކުޅުންތެރިއާ އަށް މުސާރަނުދީފި ނަމަ 60 ދުވަސް ހަމަވާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ކުޅުންތެރިއާ އަށް ނުދެވި ހުރި މުސާރަ ދޭންވާނެ. މި އުސޫލުން ވެސް މުސާރަ ނުދީފިނަމަ ހެދިފައިވާ އެއްބަސްވުން އޮޓަމެޓިކުން ބާތިލްވާނެ.

ކުޅުންތެރިންގެ މުސާރަ ކަނޑައެޅުމުގެ ކަންތައްތަކަށް ކްލަބްތަކުން ޖުމްލަ ގޮތެއްގައިވަނީ މަރުހަބާ ކިޔައިފަ އެވެ. އެއީ ގިނަ ކްލަބްތަކަކީ މާލީ ގޮތުން މާ ފުދުންތެރި ޓީމުތަކެއް ކަމަށް ނުވާތީ އާއި އެއްވެސް އޮނިގަނޑެއް ނެތުމުން ހިފެހެއްޓުމެއްނެތި ކުޅުންތެރިންގެ މުސާރަތައް ބޮޑުވަމުންދިއުމުގެ ގެއްލުން ކުޅުންތެރިންނާއި ޓީމުތަކަށް ވެސް ވަމުންދާތީ އެވެ.

މުސާރައިގެ އުސޫލުތަކެއް އެފްއޭއެމުން ކަނޑައެޅިއިރު، އެންމެ މަދުން ކުޅުންތެރިއަކަށް ދެވޭނެ މުސާރައެއް ކަނޑައަޅާފައިނުވާތީ ބައެއް ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިސާލަކަށް ބަލާނަމަ 23 އަހަރުން ދަށުގެ ކުޅުންތެރިއަކު 23 އަހަރު ވަންދެން އެ ކުޅުންތެރިއަކު އެއް ކްލަބެއްގައި ހުންނައިރު، މަދުވެގެން ދެވޭނެ މުސާރައެއް ކަނޑައަޅަން ޖެހެ އެވެ. އެހެން ނޫނީ މުޅިން ފުޓްބޯޅަ އަށް ހުސްވެގެން ތިބޭ ޒުވާން ކުޅުންތެރިންނަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުރިއަށްދާން އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.

"އެންމެ ގިނަ ވެގެން ދެވޭ ވަރެއް ކަނޑައަޅާފައި މަދުވެގެން ދެވެން ޖެހޭ ވަރެއް ވެސް އޮންނަން ވާނެ. އެއީ ޒުވާން ކުޅުންތެރިން އެބަތިބި ހުސް ފުޓްބޯޅަ އަށް ހުސްވެގެން ކުރިއަށްދާންތިބި. ބައެއް ކުޅުންތެރިންނަށް މިހާރު ވެސް މަހަކު ނިސްބަތުން ލިބޭ ވަރު ކުޑަ،" ޒުވާން ކުޅުންތެރިއަކު "މިހާރަ"ށް ބުންޏެވެ.

އަންނަ އަހަރު އާ އޮނިގަނޑެއްގެ ދަށުން މުސާރަ ދޭން ފަށައި ކަންތައްތައް އިސްލާހު ކުރަން މަސައްކަތްކުރާއިރު، މި ސީޒަނުގައި މުސާރަ ނުލިބި ތިބި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ބައެއް ކުޅުންތެރިން ވަނީ ނުލިބި ހުރި މުސާރަ ހޯދަން އެފްއޭއެމަށް މައްސަަލަ ހުށަހަޅަން ވެސް ނިންމައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އަންނަ އަހަރު އާ އޮނިގަނޑާ އެކު ފަށާއިރު މި އަހަރުގެ މުސާރަ ނުދީ ހުރި ޓީމުތަކުން އަންނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ދޭން ޖެހޭ މުސާރަތައް ދީ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

"އަންނަ އަހަރު ސީޒަން ފެށުމުގެ ކުރިން އެ މުސާރަތައް ދޭން ޖެހޭނެ. އެހެން ނޫނީ އެފްއޭއެމުން އެ ކްލަބްތަކަށް ފިޔަަވަޅު އަޅާނެ،" ޖަވާ ވިދާޅުވި އެވެ.

މި ވަގުތު ވެސް ބައެއް ޓީމުތަކުން ވަނީ ކުޅުންތެރިންނާ އެކު ދިގު މުއްދަތުގެ އެއްބަސްވުންތަކެއް ހަދައިފަ އެވެ. އެ އެއްބަސްވުންތައް އަންނަ އަހަރު ޖެހޭނީ އެފްއޭއެމުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރާށެވެ.

ކުޅުންތެރިންނާ އެކު ކްލަބްތަކުން ހަދާ އެއްބަސްވުމުގައި އެފްއޭއެމުން ހިމަނަން އަންގާފައިވާ ކަންތައްތައް ނުހިމަނައި ގެންނަ އެއްބަސްވުމެއް ރަޖިސްޓްރީ ނުކުރަން އެ އިދާރާ އިން ވަނީ ނިންމައިފަ އެވެ. އަދި އެ އުސޫލުތަކާ ހިލާފުވާ ޓީމުތަކަށް ވެސް ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

7 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 4%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބާ

11 December 2018

"ޖުމްލަ 60 ދުވަހު (ދެ މަސް) ކުޅުންތެރިއާ އަށް މުސާރަނުދީފި ނަމަ 60 ދުވަސް ހަމަވާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ކުޅުންތެރިއާ އަށް ނުދެވި ހުރި މުސާރަ ދޭންވާނެ. މި އުސޫލުން ވެސް މުސާރަ ނުދީފިނަމަ ހެދިފައިވާ އެއްބަސްވުން އޮޓަމެޓިކުން ބާތިލްވާނެ." މިިއިސްލާހު ނާޖާއިޒު ގޮތުގަ ކުލަބުތަކަށް ބޭނުން ކުރެވިދާނެ ދޭނެ އަދަބެއް ކަނޑައެޅިފައި ނެތިއްޔާ. ކުޅުންތެރިޔަކު 3 މަސްވަންދެން ގެންގުޅެންވީ މުސާރަނުދީ އޭގެ ފަހުން އެގްރިމޭންޓް އޮޓަމެޓިކުން ބާތިލްވީ.

The name is already taken The name is available. Register?

ސަޢުދު

11 December 2018

ދެން ކްލަބް ތަކަށް ކިހާވަރެއް ދޭނީ

The name is already taken The name is available. Register?

ޖަމަލޭ

11 December 2018

30 އަހަރުން މަތީގެ ކުޅުންތެރިން ކުލަބުތަކާ ގުޅެނީ ކޮން އުސޫލަކުން ކަމެއްނޭ. އެއުމުރުގެ ކުޅުންތެރިއަކު އެއްވެސް ގައުމެއްގަ ނޯންނާނެ 1 އަހަރަށްވުރެ ގިނަދުވަހު ބަހައްޓަން މަޖުބޫރު ކޮށްފައެއް. ރިޓަޔާ ކުރަން ކާރިވެފަ ތިބުމާއެކު އެކުޅުން ތެރިން ދެތިންއަހަރަށް ކޮންޓްރެކްޓް ހެދުމަކީ ބޮޑޮ ރިސްކެއް.

The name is already taken The name is available. Register?

ނިއްޓެ

11 December 2018

ރޮނާލްޑޯ އަދި މެސީ 30 އަހަރު ނުވަނީ ތޯ. ކޮސް ނުގޮވާ.

The name is already taken The name is available. Register?

ޑސޑsiސ

11 December 2018

ކޮންޓްރެކްޓް ހަދާއިރު ކުޅުންތެރިޔާ އައް ބޭނުމިއްޔާ ބާތިލު ކުރެވޭނެ ރިޓަޔަރ ވެސް ކުރެވޭނެ. އެޔަކީ އެހެން ޤައުމުތަކުގައި ކަންކަން ކުރާ ގޮތް

The name is already taken The name is available. Register?

ދާގީނާ

11 December 2018

ވިކްޓްރީ ދެމެޗް ނުކުޅު ދޫކޮށްލުމުން އެޅި ފިޔަވަޅެއް އެއްވެސް މީހަކަށް އިނގޭތަ؟

The name is already taken The name is available. Register?

ގަމާރު

11 December 2018

މިއީ ފުޓުބޯޅަ ހަލާކުކުރަން ކޮށްފައިވާ ކަމެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454