އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަތައް ކަނޑައާޅާނީ އެފްއޭއެމުން ކަމަށާއި ކުޅުންތެރިޔަކަށް ގިވަވެގެން މަހަކު ދެވޭނީ 40،000ރ. ކަމަށް އެފްއޭއެމުން ނިންމައިފި އެވެ.

އަދި ކުޅުންތެރިޔަކު ކްލަބަކާ އެކު މަދުވެގެން ތިން އަހަރަށް ކޮންޓްރެކްޓެއް ހަދަން ޖެހޭނެ ކަމަށާއި ޖެހިޖެހިގެން ތިން މަސް ދުވަހު މުސާރަނުދީފި ނަމަ ކޮންޓްރެކްޓް އޮޓޮމެޓިކުން ބާތިލްވާ ގޮތަށް ވެސް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާލް އަދީލް ޖަލީލް ވިދާޅުވީ މި ނިންމުން ނިންމީ ކްލަބްތަކާއި ކުޅުންތެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ކްލަބްތަކުގެ ހިންގުން ކުރިއަށްގެންދެވޭނީ މިފަދަ އުސޫލެއް ތައާރަފްކޮށްގެން ކަމަށް ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ.

އެފްއޭއެމުން މި ނިންމުން ނިންމީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތައް މާލީ ފުންވަޅުގަނޑަކަށް ވެއްޓި ކުޅުންތެރިންނަށް މުސާރަނުދެވޭ ހިސާބަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. މުސާރައިގެ މައްސަލަ ދިމާވެ، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވިކްޓަރީން ރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅެން ހާޒިރެއްނުވެ އެވެ.

ބައްސާމް ވިދާޅުވީ މުސާރައިގެ އޮނިގަނޑު ހަދާއިރު އެކި ކެޓަގަރީތައް ހިމެނޭ ކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރަ ތަފާތުވާނެ ކަމަށެވެ. މުސާރަތައް ކަނޑައަޅާއިރު ކުރީ އަހަރު އެ ކުޅުންތެރިޔާ ކުޅުނު ވަގުތާއި ޕާފޯމަންސާއި އިޖްތިމާއީ އަހުލާގަށް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކްލަބްތަކާ މި ސްޓްރަކްޗާ ހިއްސާކުރާނީ. އެކަމަކު ނިންމާފައިވާނީ އެންމެ ބޮޑުކޮށް މުސާރަ ދެވޭ ކުޅުންތެރިޔާ އަށް އަހަރެއްގެ މައްޗަށް ދެވޭނީ 400،000 ރުފިޔާ ކަމަށް. އެއީ މަހަކު 40،000 ރުފިޔާ (10 މަހުގެ ސީޒަނަކަށް)،" ބައްސާމް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި މިލިއަނަކަށް ވުރެ ބޮޑު މުސާރައެއް އަހަރެއްގެ މައްޗަށް ލިބެނީ ދެ ތިން ކުޅުންތެރިޔަކަށެވެ. އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންނަށް އަހަރެއްގެ މައްޗަށް ލިބެނީ 700،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެކެވެ. އެވްރެޖްޓް މުސާރަތަކަކީ އަހަރަކު 200،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދެކެވެ.

ބައްސާމް ވިދާޅުވީ ބޮޑެތި މުސާރަތަކެއް ކޮންޓްރެކްޓުގައި ޖެހި ނަމަވެސް އެ އަދަދުތައް ނުދެވޭ ކަމާށާއި އެންމެ ފަހުން ކޮންޓްރެކްޓް ބާތިލްކޮށް ދެ ފަރާތަށް ވެސް މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެންމެ ފުރިހަމަ ގޮތަކީ ދެވޭނެ އެކަށީގެންވާ އަދަދުތަކެއް ކަނޑައަޅައި އެވަރު ކުޅުންތެރިންނަށް ލިބުން ކަމަށްވެ.

"މިހާރު އިންނަ ގޮތުން މުސާރަ ނުލިބިއްޖެ ނަމަ ޕްލޭޔާ ސްޓޭޓަސް ކޮމިޓީއަށް ގޮސް ދިގު ޕްރޮސެސްއެއް އޮންނަނީ. އެކަމަކު ކުރިއަށް އޮތްތަނުގައި ޖެހިޖެހިގެން ތިން މަސް ދުވަހު މުސާރަ ނުދީފި ނަމަ ކޮންޓްރެކްޓް ބާތިލްވާނެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ކަނޑައަޅާފައިވަނީ އަންނަ އަހަރުން ފެށިގެން ކޮންޓްރެކްޓް ރަޖިސްޓްރީކުރަން ޖެހޭނީ އެތަނުގައި ކަމަށެވެ. އަދި މަދުވެގެން ތިން އަހަރަށް ކޮންޓްރެކްޓް ހަދާއިރު އެ ދެމެދުން ކުޅުންތެރިޔާ ކްލަބް ބަދަލުކުރާ ނަމަ އެކަން ނިންމަން ޖެހޭނީ ދެ ކްލަބުންނެވެ.

މީގެ 13 ވަރަކަށް ކުރިން ވެސް އެފްއޭއެމުން މުސާރައިގެ މިންގަނޑެއް ހެދި އެވެ. އެކަމަކު ކޮންޓްރެކްޓުގެ ބޭރުން ދޭ އެލަންސްތަކާ އެކު އެ އުސޫލުގެ ބޭނުން ކެނޑުނެވެ. ބައްސާމް ވިދާޅުވީ ކޮންޓްރެކްޓުގެ ބޭރުން "އެލަވަންސް" ތަކެއް ދޭ ފަދަ ވަކި ކޮންޓްރެކްޓްތަކެއްގެ މައްސަލަ ފެންމަތިވެއްޖެ ނަމަ ހަރުކަށި އަދަބުލިބޭނެ ކަމަށެވެ.

"ފީފާ އާއި އޭއެފްސީ އިން ދޭ ފަދަ އަދަބުތަކެއް އަންނާނެ. އެންމެ ފުރަތަމަ ބޮޑު އަދަދަކުން ޖުރުމަނާކުރުމަށް ފަހު އޭގެ ފަހުން ޕޮއިންޓް އުނިކުރެވޭނެ،" ބައްސާމް ވިދާޅުވި އެވެ.

ކްލަބްތައް ހަރުދަނާކުރުމަށްޓަކައި އެފްއޭއެމުން 23 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ކޮންމެ ޓީމެއްގައި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވެސް އުސޫލެއް ހަދައިފަ އެވެ. ހެޑްކޯޗަކަށް ހުންނަ މީހަކަށް އޭ ލައިސަންސް އޮންނަން މަޖުބޫރުކުރުމާއި އެސިސްޓަންޓް ކޯޗަށް ބީ ލައިސަންސް އޮންނަން މަޖުބޫރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

"އެ ކޯޗުން ޖެހޭނީ އެފްއޭއެމުން ދެން ބާއްވަމުން ގެންދާނެ، ރިފްރެޝާ ކޯސްތަކުގައި ބައިވެރިވާން. އެހެން ނޫން ނަމަ ޖެހިގެން އަންނަ އަހަރު ރަޖިސްޓްރީނުކުރެވޭނެ. މިހާރު ރާއްޖޭގައި އެބަތިބި 2006 ގައި އޭ ލައިސަންސް ނެގި ކޯޗުން އެކަމަކު އޭގެ ފަހުން އެއްވެސް ކަހަލަ ރިފްރެޝާއެއް ނަހަދާ،" ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރުންނާއި މެޑިކަލް އޮފިސަރުންގެ ގޮތުގައި ތިބެވެނީ ވެސް އެފްއޭއެމުން ބާއްވާ ކޯސްތަކާއި ބައިނަލްއަގްވާމީ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި ކޮންމެ ޓީމެއްގައި މީޑިއާ އޮފިސަރަކު ހުންނަން ޖެހޭ ގޮތަށް ހަދައި، އެކަން ވެސް ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

އިދާރީ އަދި ގާނޫނީ މިފަދަ ކަންކަން ކްލަބްތަކާއި ކުޅުންޔެރިން ފުރިހަމަކުރޭތޯ ބެލުމުގެ ގާބިލްކަން އެފްއޭއެމްގެ ކިބައިގައި އެބަހުރިތޯ އެހުމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މި ހަމަޖެއްސި އުސޫލުތަކަށް ކްލަބްތަކާއި ކުޅުންތެރިންގެ ފުރިހަމަ ރުހުން އެބައޮތް ކަމަށާއި އެ ހުރިހާ މަރުހަލާތަކެއްގައި އެ ފަރާތްތަކުގެ ބަސް އޮންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.