އަންނަ އަހަރު އޮންނަ އޭއެފްސީ ކޮންގްރެސްގެ އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމްގެ ފަރާތުން މަރިޔަމް މުހައްމަދު (މާޔަން)ގެ ނަން ހުށަހަޅައިފި އެވެ.
އެފްއޭއެމްގެ ވިމެންސް ފުޓްބޯޅަ ޑިޕާޓްމަންޓުގައި އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން މާޔަން އަންނަނީ އަންހެނުންގެ ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މާޔަން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތް ކޮށްފައިވާ މާޔަން ވަނީ ގައުމީ އަންހެން ޓީމަށް ވެސް ކުޅެފަ އެވެ. އަދި 2003 ވަނަ އަހަރު ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު މަސައްކަތް ފަށައި، ގިނަ އަހަރުތަކެއް ފަހުން އެފްއޭއެމްއާ ދުރަށް ދިޔަ ނަމަވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
މާޔަން އެންމެ ފަހުން ފެނުނީ ނިއު ރޭޑިއަންޓްގެ އަންހެން ފުޓްބޯޅައިގެ ހެޑްގެ މަގާމުންނެވެ. އެކަމަކު ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ރަސްމީ ސިފައެއްގައި ބާއްވާފައިނުވާތީ އެ ޓީމުގައި މާޔަން އަށް މާ ބޮޑު މަސައްކަތެއް އަދި ނުކުރެވެ އެވެ.
އަންނަ އަހަރު އޭޕްރީލް މަހު ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅަ އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ ލެވެލްގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. އެފްއޭއެމުން ގައުމީ އަންހެން ޓީމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަންނަ އަހަރު އަންހެން ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ވަނީ ރާވައިފަ އެވެ. އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ފަހަކަށް އައިސް އަންހެން ފުޓްބޯޅަ ޓީމު އަންނަނީ ވާދަކުރަމުންނެވެ.
އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތްކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވާ ދިވެހިންނަކީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ.