މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް އަދި ސީއީއޯ ހުސެއިން ޝާފިއު (ކ) ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޑިސެމްބަރ 2018 - 10:27
ދިވެހި ފުޓްބޯޅައާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު އުފައްދަވާފައިވާ ފެކްޓް ފައިންޑިން ކޮމިޓީގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ބުނެފި އެވެ.
ރާއްޖޭގެ ކްލަބްތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު މައްސަލަ ބަލަން ކަމަށް އިއުލާންކޮށް އެންމެ ފުރަތަމަ އެ ކޮމިޓީ އުފެއްދި ނަމަވެސް ފަހުން މިނިސްޓަރު ވިދާޅުވީ އެ ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ވާނީ އަންގާފައި ކަމަށެވެ.
އޭރު އޭއެފްސީން ވެސް އޮތީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރީގެ އެ މަސައްކަތް ހުއްޓާލުމަށް ނުސީދާކޮށް އިންޒާރުދީފަ އެވެ.
ކްލަބް ލައިސަންސް ނުލިބުމުގެ ސަބަބުން އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖެ އަށް ފުރުސަތު ގެއްލުނުއިރު، މާޒިޔާ އަކީ އޭގެ ތެރެއިން ކްލަބެކެވެ. ލައިސަންސް ލިބުނު ނަމަ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން މާޒިޔާ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރާނެ އެވެ.
އެ ކްލަބުން ރޭ ކުރި ޓްވީޓެއްގައި ބުނީ ކޮމިޓީގެ މެންޑޭޓް އެންމެ ރެޔަކުން ބަދަލުވެއްޖެ ކަމަށާއި ފެކްޓް ފައިންޑިން ކޮމިޓީގެ ހަގީގީ މަގުސަދަކީ ކޮބައިތޯއާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ކޮމިޓީގެ މަގުސަދާ މެދު ކަންބޮޑުވޭ. އެފްއޭއެމްގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގެ ބުނާ ގޮތަށް. ޔޫތު މިނިސްޓަރު ބޭނުންފުޅުވާ ގޮތަކަށް ނޫން،" މާޒިޔާގެ ޓްވީޓުގައި ބުނެފައިވެ އެވެ.
އާއްމު އުސޫލެއްގެ ގޮތުން ވެސް، ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މައްޗަށް ސަރުކާރަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ އެވެ. އަދި އެފަދަ ކަމެއް ފެންމަތިވެއްޖެ ނަމަ އެ ގައުމެއް ސަސްޕެންޑްކުރާނެ އެވެ. މައްސަލައެއް ދިމާވެއްޖެ ނަމަ ބަލާނީ ސަރަހައްދީ ފެޑެރޭޝަނުން ނުވަތަ ފީފާ އިންނެވެ.
މިނިސްޓްރީން އެފަދަ މައްސަލައެއް ބަލާތީ އެފްއޭއެމުން އޭއެފްސީގައި ލަފައަކަށް އެދުމުން އޭއެފްސީން ބުނީ އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ޒިންމާތައް އަދާކުރަން ޖެހޭނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ހުރަހެއް ނެތިކަމަށެވެ.
އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން މަހުލޫފު ނިންމެވީ، އެކަމުގައި ކޮޅެއް މެދެއް ނުފެނި ކްލަބްތަކާއި އެފްއޭއެމުން ދެ ފަރާތް ކުށްވެރިކުރުމުގެ ކުޅިވަރެއްގައި ތިއްބަ އެވެ.
އެކަމަކު މަހުލޫފު ވަނީ އެފްއޭއެމްގެ ތެރެއަށް ނުވަންނާނެ ކަމަށާއި އޭއެފްސީ އަދި ފީފާ އިން ރާއްޖެއާ މެދު ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއާ މާދަމާ ލަންޑަނުގައި ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެނގިފައިވާ ގޮތުގައި މިއީ މިއީ ސީދާ ޝެއިޚް ސަލްމާންގެ އެދުމުގެ މަތިން އަދި އޭނާގެ ދައުވަތަކަށް މަހުލޫފު ލަންޑަނަށް ވަޑައިގެން ބައްދަލުކުރައްވާ ކުރެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރިފް ރިޒާ
23 December 2018
ދައުލަތުގެ ހުރިހާ ކުންފުނި ތަކުން މާކެޓިން ބަޖެޓް އެކޮށް އެފްއޭއެމް އަށް. އެފްއޭއެމް އިން ކޮންމެ ކުލަބަކަށް 3 މިލިއަން ރުފިޔާ. އެހެން ކުޅިވަރަކަށް ދޭނެ ސޮޕޮންސާއެއް ނެތް.ދޯދިޔާވެ ހިންގުންތެރިކަން ނެތް ބަޔަކާ ފައިސާ ތަކެއް ހަވާލު ވީމަ ވާންވީ ގޮތް މިވަނީ. ފުޓްބޯޅަ މަތިން ފޫހިވެއްޖެ. އެހެން ކުޅިވަރު ތަކަށް ތިވަރަށް ޙަރަދު ކުރާނަމަ ނަތީޖާ ނިކުންނާނެ.
ޢަލީބަލީ
21 December 2018
ރައްޔިތުން ހިއްސާވާ ކުންފުނިތަކުންނާއި ސަރުކާރުން މިމީހުންނަށް ހަރަދުކުރުން ހުއްޓާލަން ގޮވާލަން.
އަދުރޭ2
21 December 2018
ބޭރު ޤައުމުތަކުގެ އެންބަސީ ތަކަށްވުރެ ތިޔަ ފެޑެރޭޝަންތައް މާބާރު ގަދަތާދޯ. އާ ދިވެހި ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ މިނިސްޓަރަކަށް، ރައީސަކަށް އެއްވެސް ލިޔެކިޔުމެއް ނުދައްކާ ތިހެން އުޅެވެންޏާޔޯ؟
ކޮކީ
21 December 2018
މަހްލޫފް އުޅެނީ މާ ގަދަ މީހަކަށް ވެގެން
ސިނާ
21 December 2018
އަމިއްލަ ނަމުގައި ކޮމަންޓް ކުރަން ނުކެރޭ ކަމަށް ވާނަމަ ކޮމަންޓް ނުކުރުމަށް ގޮވާލަން. ?
ވިދާތަރި
21 December 2018
ތިއުޅެނީ ކަލޭމެންގެވެސް މިސްޓޭކަކުން ކަން ފަޅާއަރާފާނެތީ. ދައުލަތުގެ ހިއްސާވާ ރައްޔިތުންގެ ކުންފުނި ތަކުން ސްޕޮންސާގެ ގޮތުގައި ޓީމްތަކަށް ދިން ފައިސާއަށް ވީގޮތް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ މިނިސްޓަރެއްގެ ހައިސިއްޔަތުން ބެލޭނެ.