ނިއުގެ ޒުވާން ޓީމު ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި ވާދަކުރަނީ!

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން އަންނަ ހަފްތާގައި ފަށާ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި މުބާރާތުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.


އެފްއޭއެމުން ހޮނިހިރު ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.

އެ ސަސްޕެންޝަނާ ގުޅިގެން ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރަން މީގެ މަހެއްހާ ދުވަސް ކުރީއްސުރެ ތައްޔާރުވަމުން އައި 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނަށް މުބާރާތުގައި ނުކުޅެވިދާނެތީ، އެފްއޭއެމުން ވަނީ އެ ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވާން ފުރުސަތު ހުޅުވާލައިފަ އެވެ. މިއަދުގެ ރަސްމީ ގަޑީގެ ކުރިން އެހެން ޓީމެއް ބައިވެރިވާން އަތުވެއްޖެ ނަމަ ފުރުސަތު ދޭނެ ކަމަށް ގުރުނެގި ދުވަހު އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ނިއުގެ ކުޅުންތެރިން ހިމެނޭ ޓީމެއް ނަމަ އެވެ.

އެ ފުރުސަތުގެ ބޭނުންހިފައި މިހާރު ނިއުގެ ކުޅުންތެރިން މުބާރާތުގައި ކުޅެން ނިންމާފައިވަނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. ޔުނައިޓެޑް ވިކްޓަރީ އަކީ މި މުބާރާތުގައި މީގެ ކުރިން ކުޅުނު ނަމަވެސް މި ފަހަރު ބައިވެރިނުވެ އޮތް ޓީމެކެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ ނިޔާޒް (ޓެޑް) "މިހާރަ"ށް ވިދާޅުވީ ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި މުބާރާތުގައި ކުޅެން ނިންމީ ކުޅުންތެރިންގެ ހައްގުގައި ކަމަށެވެ.

"ޓްރަޔަލެއް ބާއްވައި އަޅުގަނޑުމެން ވަރަށް ރަނގަޅު ޓީމެއް އެކުލަވާލީ. މަހެއްހާ ދުވަސް ޕްރެކްޓިސް ވެސް ކުރެވިއްޖެ. މި ކުޅުންތެރިން ކޮންމެހެނެއް ވެސް ބޭނުންވޭ މި މުބާރާުތުގައި ކުޅެން. ދެން މި ހުރިހާ ކުޅުންތެރިންގެ ވެސް އެދުމަކީ އެއް ޓީމަކަށް ކުޅުން. އެހެންވެ ޔުނައިޓެޑް ވިކްޓަރީ އަށް ހުރިހާ ކުޅުންތެރިން ކުޅޭ ގޮތަށް ނިންމީ. މިއީ މި ކުޅުންތެރިންނަށް ގެއްލުމެއް ވިޔަ ނުދެން ނިއު އިން ނިންމި ނިންމުމެއް،" ޓެޑް ވިދާޅުވި އެވެ.

ނިއު ސަސްޕެންޑްކޮށްފައިވަނިކޮށް، އަންނަ މަހު ހަތަރު ވަނަ ދުވަހު ޔޫތު ޗެމްޕިއަންޝިޕް ފަށާގޮތަށް ވަނީ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ނިއުގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭން އަމާޒުކޮށް ހުޅުވާލި ފުރުސަތުގައި ޔުނައިޓެޑް ވިކްޓަރީ ބައިވެރިވުމުން މުބާރާތުގެ އަދަދު ނުވަ ޓީމަށް އަރާނެ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބް، ފޯކައިދޫ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ދަ ގޭންގެވެ. އަނެއް ގްރޫޕުގައި އޮތީ މާޒިޔާ، ގްރީންސްޓްރީޓްސް، އޭދަފުށި އަދި އީގަލްސް އެވެ. އެފްއޭއެމުން ނިންމާފައިވަނީ ދެ ވަނަ ގްރޫޕުގައި ޔުނައިޓެޑް ވިކްޓަރީ ހިމަނާށެވެ.

މީގެ އަށް އަަހަރު ކުރިން ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ. އަދި މި މުބާރާތް އެންމެ ފަހުން 19 އަހަރުން ދަށަށް ހާއްސަކޮށްގެން މިދިޔަ އަހަރު ބޭއްވިއިރު ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.