ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ބޮޑު މޮޅަކާ އެކު ޓީސީ ސެމީ ފައިނަލަށް

ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓީސީގެ އަކޫބެ ބޯޅަ ހިފައިގެންދަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

09 ފެބުރުއަރީ 2019 - 10:50

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޓީސީ ސެމީން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. ދަ ގްރާންޑޭ އަށް ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. ތިން ވަނައިގައި ވިކްޓަރީ އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. އާދިއްތަ ދުވަހު ށ. ފޯކައިދޫ އަތުން ވިކްޓަރީ މޮޅުވެއްޖެނަމަ އެ ޓީމަށް މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނެ އެވެ. އެކަމަކު އެ މެޗު އެއްވަރުވެއްޖެނަމަ ސެމީގެ ޖާގަ ލިބޭނީ ދަ ގްރާންޑޭ އަށެވެ. ކުޅުނު ދެ މެޗުން ބަލިވުމުން ފޯކައިދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ދަ ގްރާންޑޭގެ އަހުމަދު ހުސާމަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ޖެހި ބޯޅަ ޓީސީގެ ކީޕަރު ހަސަން ނިމާހު ވަނީ މަތަކޮށްފަ އެވެ. ޓީސީ އަށް ލީޑުނަގައިދިނީ މެޗުގެ 18 ވަނަ މިނިޓްގައި ޒަޔާން ނަސީރު އެވެ. ދަ ގްރާންޑޭގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ޒަޔާން ވަނީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީގެ ލީޑުފުޅާކޮށްދިނީ މެޗުގެ 25 ވަނަ މިނިޓްގައި ރޭގެ މެޗުގައި ހެޓްރިކެއް ހެދި އަކުމަލް މުހައްމަދު (އަކޫބެ) އެވެ. ދަ ގްރާންޑޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ޒަޔާން ޖައްސާލި ބޯޅަ އަކޫބެ ވަނީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ.

އަކޫބެ، ޓީސީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. ޒަޔާން ޖައްސާލި ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަކޫބެ މި ލަނޑު ޖެހީ ދަ ގްރާންޑޭގެ ކީޕަރު ޒައިދާން އަހުމަދު ކައިރިން ނައްޓާލުމަށް ފަހު އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. ދަ ގްރާންޑޭގެ އައިމަން ތައުފީގު މި ލަނޑު ޖެހީ ޓީސީގެ ކީޕަރު ނިމާހަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު ޖަހައި އަކޫބެ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެ ވަނަ ހާފްގެ ކުޅުން ފެށުނުތާ ނުވަ މިނިޓް ތެރޭގަ އެވެ. ހާފުގެ މެދުތެރޭގައި ހުރެފައި މުހައްމަދު ޖުމާން ހުސްކޮށްލާފައި އޭރިއާ ތެރެއަށް މަތިން ދިން ހިތްގައިމު ޕާހަކުން އަކޫބެ މި ލަނޑު ޖެހީ ހަމަޖެހިލައިފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ މާޒިޔާ އާއި ކްލަބް އޭދަފުށްޓެވެ. އޭދަފުށި ކުޅުނު ދެ މެޗުން މިހާތަނަށް ބަލިވެފައިވާއިރު، މާޒިޔާ ވަނީ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. ހަވީރު މެޗު ފަށާނީ ހަތަރެއް ޖަހާއިރު އެވެ.

މިރޭ 20:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. މި ދެ ޓީމު ވަނީ ފުރަތަމަ ކުޅުނު މެޗުން މޮޅުވެފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454