ޔޫވީ ބަލިކޮށް ގްރީން އުއްމީދު ބޮޑުކޮށްފި

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-0 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް އިން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.


ފަސް ޓީމު ވާދަކުރާ ގްރޫޕުގެ ހުރިހާ ޓީމަކަށް އަދިވެސް ސެމީގެ ދޮރު އޮތީ ހުޅުވިފަ އެވެ. އީގަލްސް އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. މިއަދުގެ މޮޅާ އެކު ގްރީން ސްޓްރީޓްސް އިން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަތަރު ވަނައިގައި އޮތް ކްލަބް އޭދަފުށި އަދި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ބުދަ ދުވަހު ހަވީރު އީގަލްސްއާ އެއްވަރުކޮށްލައިގެން ވެސް ގްރީން ސްޓްރީޓްސް އަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ. އެ މެޗަށް ދިއުމުގެ ކުރިން މިރޭ މާޒިޔާ އަތުން ބަލިނުވެ ފަރުޖައްސާލައިގެން އީގަލްސް އަށް ސެމީގެ ޖާގައެއް ޔަގީންވާނެ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނީ ފުރަތަމަ މެޗު އެންމެ ރަނގަޅަށް ނުދިޔަ ކަމަށް ވިޔަސް ފަހުން ކުޅުނު ދެ މެޗުން މޮޅުވެ ޓީމު މިހާރު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށެވެ.

"ފުރަތަމަ މެޗު ދިޔައީ އެންމެ ރަނގަޅަކަށެއް ނޫން. ހޫނުގަދަވެ، ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހި މި ކަހަލަ ކަންތައްތަކާ ހުރެ ގްރީންގެ އެންމެ ރަނގަޅު ކުޅުން ނުދެއްކޭ. މި މެޗުގައި ވެސް މެދުތެރެ ތަންކޮޅެއް ދަށްކޮށް ދިޔައީ. ދެން އޮތް މެޗުން ޕޮއިންޓެއް ހޯދައިގެން ދެވެން އޮތަސް ގްރީން އިން އެއްވެސް މެޗަކަށް ޕޮއިންޓަކަށް ނުނުކުންނާނެ. ހަމަ ހުރިހާ މެޗަކުން ވެސް މޮޅުވާން ކުޅޭނީ،" ސަމްޕަތު ބުންޏެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން (ޔާން) އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެެރެއިން ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ޔާމީން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 55 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ އަހުމަދު ޝާމިއު އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން ޝާމިއު ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އިބްރާހިމް އަޒްލީމް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ދައިޝަމް ޖެހި ބޯޅަ ވެސް އަޒްލީމް ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމާ އެންމެ ގާތަށް ޖެހިލީ މެޗުގެ 70 ވަނަ މިނިޓްގައި ޔޫސުފް ޖައިޝަމް އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޖައިޝަމް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ނަތީޖާ ހަމަހަަމަ ކުރަން ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ ފަހު މިނިޓްގައި ގްރީން ސްޓްރީޓްސް އިން އިތުރު ލަނޑެއް ޖެހުމެވެ. ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޔާމީން އެވެ. ޕެނަލްޓީ ލިބުނީ ވެސް ޔާމީން އަށް ކުރި ފައުލަކަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުއާވިއަތު އިލްހާމް ބުނީ އެ ޓީމުގެ ޕްލޭނާ އެއްގޮތަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި މަދުވީ ލަނޑެއް ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ސެމީ ފައިނަލުގެ ފުރުސަތެއް ލިބުން ވަރަށް އުނދަގޫ ނަމަވެސް މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

ގްރޫޕް އޭ އިން ސެމީގެ ފުރުސަތު ހޯދީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އެވެ.