ހެނދުނު ވަގުތުގައި އެމަނިކުފާނު ކާރުކޮޅުން ފައިބައިވަޑައިގެން އާއްމުކޮށް ވަންނަވާނީ ކޮންމެވެސް އޮފީހަކަށެވެ. ހުންނަވާނީ ކޯޓްފަޓްލޫންކޮޅުގަ އެވެ. އެކަމަކު މިއަދު ހެނދުނު ހެނދުނާ އެމަނިކުފާނު ވަޑައިގެންނެވީ، މާލޭ ފަތާ ޓްރެކް ސަރަހައްދަށެވެ. ހުންނެވީ ފެހި ކުލައިގެ ކުޅިވަރު ކިޓެއްގަ އެވެ. ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތައްޔާރުވެވަޑައިގެން ހުންނެވީ ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ފެތުމުގެ ޓްރެއިނިންއެއް ހެދުމަށެވެ. އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކުރެއްވި "ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް" ޗެލެންޖް، ގަބޫލުފުޅުކުރައްވައި އެތުލީޓުންނަށް ހިތްވަރު ދެެއްވުމަށެވެ.
"ވަރަށް މޮޅު ކަމެއް އިގޭތޯ މިއީ. މިކަން ފެށްޓެވީތީ ވަރަށް އުފާކުރަން. އަޅުގަނޑު ކޮންމެހެން މާމޮޅަށް ފަތާ މީހަކަށް ވެގެނެއް ނޫން މި އައީ. ހިތްވަރު ދިނުމުގެ ގޮތުން ބައިވެރިވީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން ސްވިމިންގައި ހަދާ ސްޓްރެޗިންތައް ހަދާލާނީ. އެއަށް ފަހު އަޅުގަނޑު ބަލާލާނަން ކިހާވަރަކަށްތޯ ފެތެނީ. އެއަށް ފަހު ޓްރެއިނިން ފަށާނީ،" ސަޖަން ކިޔައިދިނެވެ.
"އަޅުގަނޑު ކުޑަކޮށް ފަތަން،" ރައީސް ވަހީދު ވިދާޅުވި އެެވެ.
ސަޖަންގެ އިރުޝާދާ އެކު، ސްޓްރެޗްކުރެއްވުމަށް ފަހު ގައުމީ ކޯޗު އިސްމާއިލް ފަރުހާން (ފަރޭ) އާ އެކު ރައީސް ވަހީދު އެންމެ ފުރަތަމަ ފައިބައިވަޑައިގަތީ ޓްރެކް ސަރަހަައްދުގެ ތިލަ ތަނަށެވެ. އެތަނުގައި ހެއްދެވީ ބޭސިކް ތަމްރީންތަކެވެ. ފަތާއިރު އަތްގެން އުޅެން ޖެހޭ ގޮތާއި އެހެނިހެން ބައެއް އުކުޅުތައް ރައީސަށް ދަސްކޮށްދެއްވީ ފަރޭ ކޯޗެވެ. އެތަނުގައި ބައިގަޑި އިރެއްހާ އިރު ތަމްރީން ހެއްދެވުމަށް ފަހު، ދެން އެރިވަޑައިގަތީ މައި ޓްރެކަށެވެ. އެތަނަށް ވަޑައިގެން އިރު އެމަނިކުފާނު ގެންދެވެނީ، ތައިލެންޑުގައި ސަޖަން ފުރިހަމަކުރައްމުން ގެންދާ ޓްރެއިނިންއާ ބެހެ މައުލޫމަތު ވެސް ހޯއްދަވަމުންނެވެ.
"ފަތިހު ތަމްރީން ހެދުމަށް ފަހު މެންދުރުފަހު ޖިމް ޓްރެއިނިން އޮވޭ. ޖުމްލަ ހަ ގަޑިއިރު ދުވާލަކު ތަމްރީން ހަދަން،" ސަޖަން ކިޔައިދިނެވެ.
މައި ޓްރެކުގައި ވެސް ރައީސް ވަހީދު ވަރަށް ޝައުގުވެރިކަމާ އެކު، ތަމްރީން ހެއްދެވި އެވެ. ތަފާތު އެކި އިވެންޓްތަކަށް ތައްޔާރުވާ ގޮތާއި، އެހެނިހެން ގިނަ މައުލޫމާތާއި އިރުޝާދު ހޯއްދެއްވި އެވެ. އަދި ސަޖަންއާ އެކު، ފްރީސްޓައިލް އެއް ލެޕް ވެސް ފުރިހަމަކުރެއްވި އެވެ. މީގެ އިތުރުން ސްޓާޓް ބްލޮކަށް އަރާވަޑައިގެން ދެ ޑައިވް ވެސް ޖެއްސެވި އެވެ.
"ސާބަސް އިގޭތޯ. ވަރަށް ފުރިހަމަ،" އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން ތަރުހީބު ދެމުން ދިޔަ އެވެ.
ޕްރޮފެޝަނަލް ފެތުންތެރިޔަކަށް ވިޔަސް، ކަސްރަތަށް ފަތާ މީހަކަށް ވިޔަސް، ބޭނުންކުރަން މާލޭގައި އޮންނަ ހަމައެކަނި ފަތާ ޓްރެކުގައި ގަޑިއިރެއްހާއިރުގެ ތަމްރީން ހެއްދެއްވުމަށް އަރާވަޑައިގެން އެމަނިކުފާނު ވިދާޅުވީ "ރާޅުތަކުގެ ތެރޭގައި މިކަންކުރަންވީމާ ފަސޭހަ ނޫން" ކަމަށާއި "ފެތުންތެރިންނަށް ޕޫލެއް ވަރަށް މުހިއްމު" ކަމަށެވެ.
"ސަރުކާރުން ޕްރޮފެޝަނަލް ޕޫލެއް ހެދުމަށް ހިޔާލުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސްފައިވަނީ. އެކަމަކު މިކަމަށް ޝައުގުވެރިވާ ޒުވާނުން ގިނަ ވުމާއެކު ވީހާ ވެސް އަވަހަކަށް އޮލިމްޕިކް ސައިޒުގެ ޕޫލެއް އަޅާނެ ކަމަށް އުއްމީދުކުރަން،" ރަސްފަންނު މިހާރު ހަދާފައިވާ ސަރަހައްދުގައި ޕޫލެއް އެޅުމަށް ބިމެއް ހަމަޖައްސައިދެއްވުމަށް ވެރިކަމުގައި ހުންނެވި އިރު ވަރަށް ބޮޑަށް މަސައްކަތްފުޅު ކުރެއްވި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުޑަކޮށް ފަތާއުޅޭ ކަމަށާއި އެކަމަކު އެކަން ކުރެއްވީ ވަކި އުސޫލެއްގެ ދަށުން ނޫން ކަމަށެެވެ. އަދި އެންމެ ކުޑައިރުން ފެށިގެން ކުޑަކުދިންނަށް ކަން އޮންނަ ގޮތަށް ފަތަން ދަސްކޮށްދިނުން މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ވަކި އުސޫލެއް ނެތި ފަތަން ދަސްކުރީމަ ނޭވާލުމަށާއި، އެކަން ކުރަން އޮންނަ ގޮތަށް ކުރަން ވަރަށް އުނދަގޫ. މުޅި އުމުރުގައި، ކުރަންވާ ގޮތަށް ނޫން ގޮތަކަށް ކުރީމާ އެކަން ޖެހޭ އަލުން ބަދަލުކުރަން. އެކަން ބަދަލުކުރުން އެއީ ވަރަށް އުނދަގޫ ކަމެއް. އެހެންވެ އެންމެ ކުޑައިރުން ފެށިގެން ވަރަށް މުހިއްމު ކުޑަކުދިންނަށް އެ އޮންނަ ގަވާއިދުން ފަތަން ދަސްކޮށްދިނުން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ޓްރެއިނިން ނިންމަވާލެއްވުމަށް ފަހު، އާއްމުން ވެސް ބޭނުންކުރާ ފެންވަރާ ސްޓޯލް، ބޭނުންކުރެއްވިއިރު އެމަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ސްވިމިންގެ ހަރަކާތްތައް ބަލާލެއްވުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މުބާރާތެއް އޮތިއްޔާ އަންގަވާލައްޗޭ. އަޅުގަނޑު އަންނާނަން ބަލާލަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
މަރޭގެ މި ޗެލެންޖުގެ މަގުސަދަކީ، އެތުލީޓުންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެތުލީޓުންނަށް ސަމާލުކަން ހޯދައިދީ އެތުލީޓުންގެ އަގުވަޒަން ވެސް ކުރުވުމެވެ. ހަމައެކަނި މިއަދުގެ އެ ގަޑިއިރެއްހާއިރުގެ ތެރޭގައި ވެސް އެކަން ވަރަށް ބޮޑަށް ހާސިލްވި އެވެ. ރާއްޖޭގެ ރައީސްކަންކުރައްވާފައި ބޭފުޅަކު ފަތާ ޓްރެކަށް ވަޑައިގެން އެކަމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ސަޖަންގެ އިތުރުން މުޅި ސްވިމިން ކޮމިއުނިޓީއަށް ލިބުނު ބޮޑު ހިތްވަރެކެވެ.
"މިއީ ސަޖަންގެ އިތުރުން ސްވިމިންގައި އުޅޭ ހުރިހާ ކުދިންނަށް ލިބުނު ބޮޑު އުފަލެއް،" ސްވިމިން އެސޯސިއޭޝަނުގެ ނައިބް ރައީސް އިސްމާއިލް އަލީ ވިދާޅުވި އެވެ. "ތަނުގެ ހާލަތު ވެސް ވަރަށް ބޮޑަށް އެނގިގެންދާނެ މީޑިއާ ކަވަރޭޖާއި މި ހުރިހާ ކަމެއްގެ ސަބަބުން. އެހެންކަމުން މިއީ ސްވިމިން އަށް ހެޔޮ ފާލެއްގެ ގޮތުގައި ދެކެނީ."
ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދާފައިވާ ސަޖަން ވަނީ ދުނިޔޭގެ އެންމެ މޮޅު ފެތުންތެރިންނާ އެކު ފަތާފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްތަކުގައި އޭނާ ވަނީ ވާދަކޮށްފަ އެވެ. އެކަމަކު ގައުމެއްގެ ރައީސަކާ އެކު، މިގޮތަށް ތަމްރީން ހަދާލުމަކީ އޭނާ ދުވަހަކު ވެސް ހިތަށް އެރި ކަމެއް ވެސް ނޫނެވެ.
"ވާނެޔޭ ދުވަހަކު ހިތަށް އެރި ކަމެއް ނޫން މިއީ. ވަރަށް ތަފާތު އެކްސްޕީރިއަންސެއް މިއީ. ވަރަށް އުފާވެއްޖެ،" ސަޖަން ބުންޏެވެ. "މުޅި ސްވިމިން އަށް މިކަމުން ހިތްވަރު ލިބޭނެ."
ސަޖަން ބުނީ މަރޭގެ ޗެލެންޖް، ރާއްޖޭގެ ހަތަރު ރައީސުން ވެސް ގަބޫލުފުޅުކުރައްވައި އެތުލީޓުންނާ އެކު ތަމްރީން ހަދާތީ ވަރަށް އުފާވާ ކަމަށެވެ.
ރައީސް ވަހީދު ވެސް ވިދާޅުވި ފަދައިން، ސަޖަންގެ ވެސް އެންމެ ބޮޑު އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ޕޫލެއް ލިބުނެވެ. އޭނާ ބުނީ ފެންވަރުގެ ޕޫލެއް ނެތަސް އެތުލީޓުންނަށް ތަމްރީން ވެވޭ ވަރުގެ ޓްރެއިނިން ޕޫލެއް އޮތުމަކީ، ފަތަން ފެށީއްސުރެ ކުރަމުން އަންނަ އުއްމީދެއް ކަމަށެވެ. އަދި އާއިލާއާ ދުރުގައި ރާއްޖޭން ބޭރުގައި ތަމްރީން ހަދާތާ ހަތަރު އަހަރުވެއްޖެ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫން ކަމަށެވެ.
"އެކަމަކު ސްވިމިންގެ އިމްޕްރޫވްމަންޓަށްޓަކައި ވަރަށް ބޮޑު ސެކްރިފައިސްއެއްކޮށްގެން ރާއްޖޭން ބޭރުގައި މިއުޅެނީ. ރަނގަޅު ފެސިލީޓީސްއާ އެކު ރާއްޖޭގައި ޓްރެއިން ކުރެވެންޏާ މާބޮޑަށް މޯޓިވޭޓްވާނެ. ބޭރަށް ދަންޏާ މިދެވެނީ ބައެއް ކުދިންނަށް. ނެޝަނަލް ޓީމުގައި ރަނގަޅު ކުދިން އެބައުޅޭ. އެކަމަކު ސްކޫލް އޮތުމާ އެކު ބޭރަށް ނުދެވޭނެ ހުރިހާ ކުދިންނަށް. އެކުދިން ކުޑައިރުން ފެށިގެން ތަމްރީން ކުރަންޏާ ދިވެހިރާއްޖޭގެ ސްވިމިން މައްޗަށް ގެންގޮސްދޭނެ،" ސަޖަން ބުންޏެވެ.