ކުޅިވަރު / ވިކްޓަރީ ސްޕޯޓްސް ކްލަބް

އެފްއޭއެމުން ބާއްވައިނުދިނުމުން ކްލަބްތަކުން އަމިއްލަ އަށް ކޮންގްރެސް ބާއްވަން ނިންމައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އިސްވެ އޮވެ، 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނު އެދުމަށް އެ އެސޯސިއޭޝަނުން ފުރަގަސްދީފައިވާތީ އެ ކްލަބުން އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބޭ އިހުތިޔާރެއްގެ ދަށުން އަންނަ ހުކުރު ދުވަހު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމައި ކްލަބްތަކަށް ދައުވަތު ފޮނުވައިފި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނަނީ 50 ޕަސެންޓަށް ވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދޭތޭ 14 ދުވަސް ތެރޭ ބާއްވައިދޭން ޖެހޭނެ ކަމަށާއި ނުބާއްވައިފި ނަމަ އެކަމަށް އެދުނު ކްލަބްތަކަކަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވިކްޓްރީން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެދުމުން އެފްއޭއެމުން އެކަމަށް ފުރަގަސްދިނީ، މި މަހުގެ 23 ވަނަ ދުވަހު އޯޑިނަރީ ކޮންގްރެސްއެއް އޮތުމާ އެކު ފީފާގެ ލަފާގެ މަތިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބާއްވަން ނިންމާފައިވާ ކަމަށް ބުނެ އެވެ. ފަހުން ބުނީ ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކޮށްފައިވާ 15 ކްލަބުގެ ތެރެއިން ތިން ކްލަބަކަށް ވޯޓްލުމުގެ ހައްގު ނެތުމާއި ހަތަރު ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާތީ އެ ހުށަހެޅުމުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކޮށްފައިވަނީ އެ ކްލަބުގެ އިތުރުން ނިއު ރޭޑިއަންޓް، ފޯކައިދޫ، ރޮކްސްޓްރީޓްސް، މާޒިޔާ، ގްރީންސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ކުޑަހެންވޭރު ޔުނައިޓެޑް، ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް ޕީކޭ، ކްލަބް ޒެފްރޯލް، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، އޮފްއެފްސީ އެވެ. މީގެ ތެރެއިން ނިއު ސަސްޕެންޑްކޮށްފައިވާއިރު، ރޮކްސްޓްރީޓްސް އާއި ފޯކައިދޫ އަކީ މެމްބަޝިޕް ކްލަބްތަކެއް ނޫނެވެ. އެ ތިން ކްލަބް ނުލާ ވެސް 12 ކްލަބް ހަމަވާތީ ގާނޫނީ އަދަދު ހައިސިއްޔަތު އެބައޮތް ކަމަށް ވިކްޓްރީން ބުނެ އެވެ.

އެކަމަކް ހަތަރު ކްލަބެއް ނަން އަނބުރާ ގެންގޮސްފައިވާ ނަމަ އަދަދު ހަމަނުވާނެ އެވެ. ވިކްޓްރީން ބުނީ އެއްވެސް ކްލަބަކުން ނަން އަނބުރާ ގެންދިޔަކަމެއް އަންގާފައިނުވާ ކަމަށެވެ. ނަން އަނބުރާ ގެންދިޔައީ ކޮން ހަތަރު ކްލަބަކުން ކަމެއް އެފްއޭއެމުން ބުނެފައެއް ނުވެ އެވެ. އެކަމަކު މީގައި ސޮއިކޮށްފައިވާ ކްލަބްތަކުގެ ތެރެއިން މާޒިޔާ، ގްރީންސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓްރީގެ އޮފިޝަލުންތަކެއް ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ އެކު ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެފަ އެވެ.

ބައްސާމް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މި ބައްދަލުވުމުގައި ސޮއިކޮށްފައިވާ ބައެއް ކްލަބްތަކުގެ އޮފިޝަލުން ބައިވެރިވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަސާސީ ގަވާއިދު ބުނާ ގޮތުން ކޮންގްރެސްގައި އޮންނާނީ 44 ވޯޓުގެ ހައްގެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބް (ކޮންމެ ކްލަބަކަށް ދެ ވޯޓް) އާއި ދެ ވަނަ ޑިވިޝަނުގެ 10 ކްލަބާއި ނުވަ ޒޯން (ކޮންމެ ޒޯނަކަށް އެއް ވޯޓް) އާއި ނުވަ ސަބް އެސޯސިއޭޝަނުގެ ހައްގުތަކެވެ. މީގެ ތެރެއިން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތުމުން ގެއްލޭ ދެ ވޯޓާއި ދެ ވަނަ ޑިވިޝަނުގެ ތިން ކްލަބަކަށް ވޯޓްލުމުގެ ހައްގު ނެތުމާއި ނުވަ ސަބް އެސޯސިއޭޝަން ހަދާފައި ނެތުމާއި އަށް ޒޯނުގެ ރެޕްރެޒެންޓޭޝަނެއް ނެތުމުން މިހާރު އޮތީ 22 ވޯޓް ކަމަށް ވިކްޓްރީން ބުނެ އެވެ. އަދި ވިކްޓްރީގެ ލިޔުމުގައި ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބް (ކޮންމެ ކްލަބަކަށް ދެ ވޯޓް) އާއި ދެ ވަނަ ޑިވިޝަނުގެ ހަ ކްލަބާއި ޒޯން ނުވައެއްގެ ކްލަބެއްގެ ވޯޓާ އެކު 17 ވޯޓް އޮތުމުން، ހައްގު އޮތް 22 ވޯޓުގެ ތިން ބައި ކުޅަ ދެ ބައި މެޖޯރިޓީ އޮތް ކަމަށް ވިކްޓްރީން ބުނެ އެވެ.

ވިކްޓްރީން ހުކުރު ދުވަހު ބާއްވާ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކުރިން އަންގާރަ ދުވަހު ފީފާ އާއި އޭއެފްސީގެ ގުޅިފައިވާ ވަފުދެއް ރާއްޖެ އަންނާނެ އެވެ. އެ ވަފުދުން އެފްއޭއެމް އާއި ކްލަބްތަކާ އެކު މަޝްވަރާކުރާނެ އެވެ. އަދި ސޮއިކޮށްފައި ނަން އަނބުރާ ގެންދިޔަ ކަމަށް ބުނާ ކްލަބްތަކާ ވެސް ބައްދަލުކުރާނެ ކަމަށް ފީފާ އިން ފޮނުވި ސިޓީގައި އޮތުމުން ބެލެވެނީ، ވިކްޓްރީން ބާއްވަން މަސައްކަތްކުރާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއާ މެދު އެ ވަފުދުން ބަހެއް ބުނާނެ ކަމަށެވެ.

އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާނެކަން އެފްއޭއެމަށް އެންގުމުން އެ އެސޯސިއޭޝަނުން ވެސް އެއީ ގަވާއިދާ ހިލާފު ކޮންގްރެސްއެއް ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. ވިކްޓްރީ އަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ ވަނީ "އެކަށީގެންނުވާ" ގޮތެއްގައި ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ފާސްކުރާ ނިންމުމެއް ވާނީ ބާތިލް ނިންމުމަކަށް ކަމަށެވެ. އަދި ވިކްޓްރީން އެންމެ ފުރަތަމަ އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިނުދޭން ނިންމީ ގާނޫނީ އަދަދަށް ސޮއި ނެތުމާއި ފީފާ ނޫން ބަޔަކަށް ނެތް ބާރެއް ކަމަށްވާ ނޯމަލައިޒޭޝަން ކޮމިޓީއެއް ހަދަން އެދިފައި އޮތުމާއި ހަގީގަތާ ހިލާފު މައުލޫމާތު ބަޔާންކޮށްފައިވުމާ އެކު ކަމަށެވެ.

ވިކްޓްރީން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާފައިވަނީ އެފްއޭއެމްގައި ފުރަތަމަ ބާއްވައިދޭން އެދުނު ކޮންގްރެސްގައި ހިމަނަން ހުށަހެޅި ކަންތައްތަކެވެ. އެއީ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ވަކިކުރުމާއި އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމެވެ. އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަކީ ފީފާ އަށް ލިބޭ ބާރެއް ކަމަށް އެފްއޭއެމުން ބުނެ އެވެ. އިތުބާރު ނެތްކަމުގެ ވޯޓަށް ޖަވާބުދާރީވުމުގެ ހައްގު ދިނުމުގެ ގޮތުން އެފްއޭއެމްގެ ރައީސް އާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނަށް ވެސް ވަނީ މި ކޮންގްރެސް އަށް ދައުވަތުދީފަ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ ކޮންގްރެސްގައި މެމްބަރުންނަށް ލިބިދޭ ބާރެކެވެ. އެކަމަކު އެކަމަށް މަގުބޫލު އުޒުރުތަކެއް ދައްކަން ޖެހޭނެ އެވެ. ވިކްޓްރީ ވަނީ ހަތް ސަބަބެއް ދައްކައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުބާރާތްތައް ރަނގަޅަށް ނުބޭއްވުމާއި އެގްޒެކެޓިވް ކޮމިޓީއަށް ގަވާއިދާ ހިލާފަށް މީހުން އައްޔަންކުރުމާއި އެފްއޭއެމް ހައުސްގައި ސިޔާސީ ކަންކަން ހިންގުމާއި އަސާސީ ގަވާއިދާ އެއްގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތައް ނުބޭއްވުމާއި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ސަރަހައްދީ އޮފީސްތައް ނެހެދުން ހިމެނެ އެވެ. މީގެ އިތުރުން އޭއެފްސީ ކަޕުގެ ޖާގަތައް ގެއްލުމުގައި އެފްއޭއެމްގެ ފަރުވާކުޑަކަން އޮތްކަމަށް ތުހުމަތު ކުރެވުމާއި ފުޓްބޯޅައާ ގުޅުން ހުރި މުހިއްމު ނިންމުންތައް އެގްޒެކެޓިވް ކޮމިޓީ އާއި ކްލަބްތަކުގެ ބަހެއް ނެތި ނިންމުން ހިމެނެ އެވެ.

އެ ތުހުމަތުތަކަކީ ހަގީގަތެއްތަ؟

އެގްޒެކެޓިވް ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަކިކުރީ ބައްދަލުވުންތަކަށް ހާޒިރުނުވާ ކަމަށް ބުނެ އެވެ. އެކަމަކު އޭގެ އަސްލު ސަބަބަކީ، އެ މެމްބަރުން ސިޔާސީ ގޮތުން ވިސްނުން ބަދަލުކުރުން ކަމަށް އޭރު ތުހުމަތުކުރެވުނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އެ މެމްބަރުން ސޮއިކުރެއްވި ދުވަސްކޮޅެވެ.

އޭގެ ތެރެއިން އަބުޅޯ "މިހާރަ"ށް ވިދާޅުވީ މަގާމުން ވަކިކުރިކަން އޭނާ އަށް އެނގިފައިނުވާ ކަމަށާއި އަދި އެކްސްކޯ ޖަލްސާއަށް ހާޒިރުނުވާން ނޯޓިސްއެއް ވެސް ފޮނުވާނުވާ ކަމަށެވެ. އޭރު ތުހުމަތުކުރެވިފައި އޮތީ، ވަކި އަދަދަކަށް ބައްދަލުވުންތަކަށް ހާޒިރުނުވެއްޖެ މެމްބަރުކަމުން ވަކިކުރެވޭ މާއްދާގެ ބޭނުން ހިފުމަށްޓަކައި، ގަސްދުގައި އުސޫލުން ބޭރުން ޖަލްސާތަކެއް ބޭއްވީ ކަމަށެވެ.

އެ މަގާމްތަކަށް އާ މެމްބަރުން އައްޔަންކުރީ ވެސް އެގްޒެކެޓިވް ކޮމިޓީންނެވެ. އިނގިރޭސި ބަހުން އޮތް އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި، މަގާމެއް ނުވަތަ 50 ޕަސެންޓާ ހަމަޔަށް މަގާމްތައް ހުސްވެއްޖެ ނަމަ، ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، ކޮމިޓީން އެ މަގާމްތައް ފުރަން ޖެހޭނެ ކަމަށެވެ. ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވިދާޅުވީ އޭގެ މާނައަކީ މިހާރު ތިއްބެވި މެމްބަރުންގެ އަދަދުން ކޯރަމް ހަމަކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. އެކަމަކު ދިވެހި ތަރުޖަމާގައި ބުނަނީ ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، މި މަގާމަށް މީހަކު ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި ދެބަހުން ލިޔެފައިވާ އެއް ލިޔުމެއްގެ މާނަ ފުށުއަރައިފި ހިނދެއްގައި އިސްކަންދެވޭނީ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމަށެވެ. އެހެންވެ އެގޮތުން ބަލާއިރު، އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރެއް އެގްޒެކެޓިވް ކޮމިޓީއަށް ނޯންނާނެ އެވެ.

ވިކްޓްރީން ފާހަގަކޮށްފައިވަނީ އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާއި ސިޔާސީ ހަރަކާތްތަކުގައި ނަހަމަ ގޮތެއްގައި ހިންގުން ގޮސް ގުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރު ހުޅުވި ހުޅުވުމާ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކޮށް އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަން މަސައްކަތްކުރީ ނިއު ރޭޑިއަންޓުންނެވެ. އެކަމަކު އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް ކަމަށް ބުނެ އެފްއޭއެމުން ސަސްޕެންޑްކުރުމުން އެކަންވާ ގޮތް ނުވީ އެވެ. އެތައް ކްލަބެއްގައި މުސާރައިގެ މައްސަލަތައް އޮއްވާ ހަމައެކަނި ނިއު ސަސްޕެންޑްކުރީ ވޯޓަށް ހުރަސް އަޅަން ކަމަށް އެ ކްލަބުން ބުނެ އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) ފީފާގެ ރައީސް އިންފަންޓީނޯ (ކ) އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާންއާ އެކުގައި: ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކަށް ރާއްޖޭން އިހުތިރާމްކުރާނެ ކަމަށް ވިދާޅުވި.

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ނިއު ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލައި އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލާން މިނިސްޓަރު ވަނީ އެފްއޭއެމްގައި އެދިފަ އެވެ.

އޭރު އެފްއޭއެމުން ތުހުމަތުކޮށްފައި އޮތީ މި ވޯޓަކީ، ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވި މިވަގުތު ގޭގައި ހުންނެވި މިނިސްޓަރު އަހުމަދު މަހުލޫފު އަޑީގައި ހުންނަވައިގަން ކުރައްވާ ކަމެއްގެ ގޮތުގަ އެވެ. އެހެންވެ ތިން ވަނަ ފަރާތެއް ނުފޫޒު ފޯރުވާނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

އަލީ ވަހީދުގެ އެ ވާހަކަތަކީ އެފަދަ ނުފޫޒެއްގެ ގޮތުގައި އެފްއޭއެމުން ތަރުޖަމާކޮށްފާނެ ކަމުގެ ބިރު އެބައޮތްތޯ 'މިހާރު"ން ސުވާލު ކުރުމުން ވިދާޅުވީ މަހުލުފޫ ވެސް ނުފޫޒު ފޯރުއްވި ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ހުދު އޭނާ ވެސް ވާހަކަދައްކަނީ ފީފާގެ ގަވާއިދުތަކާއި އަދި ދުނިޔެޔަވީ ހަމަޔާ އުސޫލުގެ މަތިން ކަމަށް ކަމަށް ވިދާޅުވި އެވެ.

18 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޜެންދޫ

10 March 2019

މާއްޓޭގެ ކުޅުދުއްފުށި އެކަޑެމީ ކުބައިތޯ މިހާރު....؟ ކުރިއަށް ދޭތޯ އެބަ؟ ހަމަ އަހާލީ......!!

The name is already taken The name is available. Register?

މަގޭ މަގޭ

10 March 2019

ބައްސާމް އައުޓް. ރީތި ގޮތް އޮއްވާ ހަމަ. ޗިޗިޗިޗި

The name is already taken The name is available. Register?

އާރީ

09 March 2019

ބަންސާމް ހީކުރަނި އޭނަ އެކެއްޏޭ ބޮލާ ސިކުނޑި އެއް ހުންނަނި. އެހެންމީހުން ތިބެނި މީދާކޭ އުބޭ.. ބަންސާމް އިސްތިއުފާ ދީ. އެހެން ނޫނީ ހުތުރުގޮތަކަަށް ވަކިކުރާނި މާގާމުން.

The name is already taken The name is available. Register?

މޯޑް

09 March 2019

މިފަހަރު ބަންސާމް އައުޓްވާނެ . ނޯ ފުރުސަތު.

The name is already taken The name is available. Register?

ހަމަ ރަންގަޅު

09 March 2019

އެންމެން ބޭރު ކޮށްލާ

The name is already taken The name is available. Register?

ބަބުރުލް ސަލީމް

09 March 2019

ފެރަޑައިސަށް ނުކޮށް މާލޭގާ ތި ކޮންގުރެސް ނުބޭއްވޭނެތަ؟

The name is already taken The name is available. Register?

ސުޒޭން

09 March 2019

މި ރަދީފަށް ހާދަ ފޯރިއެކޭ މިއަދު މިއަރަނީ!

The name is already taken The name is available. Register?

ނިއުމާ!

09 March 2019

ރަދީފް ކަލޭ ބައްސާމާ ނުބެެެެހެއްޗޭ!

The name is already taken The name is available. Register?

ރަދީފް!

09 March 2019

ބައްސާމް ކަދަވާނެ!

The name is already taken The name is available. Register?

ރަދީފް

09 March 2019

ބައްސާމް ކަލޭ އަނގަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454