ރަފާ އަށް ތަށި މިލްކުވިޔަނުދީ ދީމާ ޗެމްޕިއަންކަން ހޯދައިފި

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި މިލްކުކުރަން ނުކުތް އައިޝަތު ރަފާ ނާޒިމް 4-1 ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި، ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ފާތިމަތު ދީމާ އަލީ މިއަދު ހޯދައިފި އެވެ.


މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޝައްފާން އިސްމާއިލް 4-1 ސެޓުން ބަލިކޮށް މޫސާ މުންސިފް އަހުމަދު ވަނީ ނުވަ ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުތަކަށް ފަހު ދީމާ އާއި މުންސިފަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަން މުންސިފް (ކ) އަށް ނައިބް ރައީސް ފައިސަލް ނަސީމް ތަށި ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަފާ އާއި ދީމާގެ ފައިނަލް މެޗު ވެގެންދިޔައީ ގައުމީ މުބާރާތުގެ ތާރީހުގައި އެންމެ ހަގު ދެ ކުޅުންތެރިން ވާދަކުރި ފައިނަލަށެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދި އުމުރުން 15 އަހަރުގެ ރަފާގެ މައްޗަށް ކުރި ހޯދި 11 އަހަރުގެ ދީމާ އަކީ ދާދި ފަހުން ނިމުނު ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން އެވެ.

ފުރަތަމަ ސެޓުގައި ދީމާ ނެގި ބޮޑު ލީޑާ އެކު 11-5 އިން ފަސޭހަކަމާ އެކު ސެޓު ކާމިޔާބުކުރި އެވެ. ދެ ވަނަ ސެޓުގައި ފެނުނީ ތަފާތު މަންޒަރެކެވެ. ރަފާ ފަށައިގެން ކުރި ހޯދި ގޮތަށް 11-6 އިން ސެޓު ކާމިޔާބުކޮށް އެއްވަރުކުރި އެވެ. އެކަމަކު ދީމާ ވަނީ ވާދަވެރިކޮށް ދިޔަ އަނެއް ދެ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެގޮތުން ތިން ވަނަ ސެޓުގައި ރަފާ ދެ ވަނަ ފަހަރަށް ލީޑު ނަގައި، އޭގެ ތެރެއިން ދެ ވަނަ ފަހަރު ސެޓު ނިންމުމާ ދެ ޕޮއިންޓް ގާތުގައި އޮއްވާ ދީމާ ވަނީ 11-10 އިން ލީޑު ނަގައިފަ އެވެ. ރަފާ އޭގެ ފަހުން އެއްވަރުކުރި ނަމަވެސް ދެ ޕޮއިންޓުގެ ލީޑާ އެކު 13-11 އިން ދީމާ ސެޓު ކާމިޔާބުކުރީ އެވެ.

އަންހެން ސިންގަލްސް ޗެމްޕިއަން ދީމާ (ކ) އަށް ނައިބް ރައީސް ފައިސަލް ނަސީމް ތަށި ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަތަރު ވަނަ ސެޓު ވެސް ވަރަށް އެއްވަރުކޮށް ގޮސްގޮސް އޮއްވާ ދީމާ ނެގި ތިން ޕޮއިންޓުގެ ލީޑަކާ އެކު، 11-7 އިން ސެޓު ކާމިޔާބުކުރި އެވެ. ފަސް ވަނަ ސެޓު ފެށުނީއްސުރެ ދީމާ ދިޔައީ ތިން ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުންނެވެ. އެގޮތުގައި ގޮސް އޭނާ 11-8 އިން ސެޓު ކާމިޔާބުކުރި އެވެ.

ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދި ދީމާ ބުނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ޗެމްޕިއަންކަމަށް ވުމަކީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"މަންމަ އާއި ބައްޕަ އަދި ކޯޗު (ޝިއުރީ) އަށް ވަރަށް ބޮޑު ޝުކުރިއްޔާ. އަޅުގަނޑު ވަރަށް އުއްމީދުކޮށްގެން ހުރީ. އެކަމަކު ބިރު ވެސް ގަތް. އަދި ފައިނަލް މެޗު ދިޔައީ އުނދަގޫކޮށް. ތަށި ލިބުނީމާ ވަރަށް އުފާވެފައި މިހިރީ،" ދީމާ ބުންޏެވެ.

އަންހެން ސިންގަލްސް ރަނަރަޕް ރަފާ ފައިނަލުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުން ބަލިވި ނަމަވެސް ރަފާ އަކީ އުއްމީދީ ކެރިއަރެއް އޮތް ކުޅުންތެރިޔެކެވެ. ޖޫނިއާ އުމުރެއްގައި ގައުމީ ޗެމްޕިއަންކަން އޭނާ މިދިޔަ ދެ އަހަރު ހޯދީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ މުއީނާ މުހައްމަދު ބަލިކޮށްފަ އެވެ.

ރަފާ ބުނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި ހޯދަން ފުރުސަތު އޮތުމުން އޭނާ މިއަދުގެ ފައިނަލަށް ނުކުތީ ވަރަށް ތައްޔާރުވެގެން ކަމަށާއި އޭނާގެ އެންމެ މަތީ ފެންވަރުގައި ކުޅެވުނު ކަމަށެވެ. އެކަމަކު ދީމާ އަށް ތަށި ހައްގު ކަމަށާއި އަންހެން ފައިނަލުގައި މިހާ ޖޫނިއާ ދެ ކުޅުންތެރިން ވާދަކުރުމަކީ ރާއްޖޭގެ ޓީޓީ އަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.

"މީގެން އެނގެނީ އަންހެން ޓޭބަލް ޓެނިހުގެ ކުރިމަގު އޮތްކަން. ދެން އޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރުން،" ރަފާ ބުންޏެވެ.

ފިރިހެން ސިންގަލްސް ރަނަރަޕް ޝައްފާން ފައިނަލުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިރިހެން ޗެމްޕިއަންކަން މުންސިފް ހޯދީ، ގައުމީ ރޭންކިންގައި އޭނާގެ މައްޗަށް ޝައްފާން ކުރި ހޯދި ހޯދުމުގެ ބަދަލުހިފަ އެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު މުންސިފް ގެންދިޔައީ ވަރަށް ފަސޭހަކަމާ އެކު 11-1 އިންނެވެ. މި ސެޓުގައި ޝައްފާނަށް ފުރަތަމަ ޕޮއިންޓް ހޯދުނީ ވެސް މުންސިފް ނުވަ ޕޮއިންޓް ހޯދާފައިވަނިކޮށެވެ.

އެކަމަކު ދެން ފެނިގެން ދިޔައީ ވަރަށް ވާދަވެރި ސެޓްތަކެކެވެ. އެގޮތުން ދެ ވަނަ ސެޓުގައި ޝައްފާން ފަހަތުން އަރައި މުންސިފާ އެއްވަރު ވެސް ކުރި އެވެ. އެކަމަކު މި ސެޓް ވެސް މުންސިފް ވަނީ 11-9 އިން ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓުގައި ޝައްފާން ނެގި ލީޑާ އެކު، 11-7 އިން ކާމިޔާބުކޮށް މެޗު ފޯރިގަދަކޮށްލި އެވެ. އެކަމަކު މުންސިފް ވަނީ އަނެއް ދެ ސެޓު 13-11 އިން އަދި 11-8 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

"އުނދަގޫ މެޗެއް މިއީ،" މުންސިފް ބުންޏެވެ. "ހޯލް ނުލިބޭތީ ޕްރެކްޓިސް ކުރާނެ އެކަށީގެންވާ ވަގުތެއް ނުލިބުނު. އެހެންވެ ފޯމަކަށް އެޅެން އުނދަގޫވި. އެކަމަކު ޝައްފާން އަޅުގަނޑުގާ ގެޕް ކުޑަކުރަމުން އައުން އެއީ ޓީޓީ އަށް ކުރިއެރުމެއް."

ޝައްފާން ބުނީ ފުރަތަމަ ފައިނަލާ ބަލާއިރު ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އޭނާ އަށް ވެސް މައްސަލައަކަށް ދިމާވީ ރަނގަޅަށް ޕްރެކްޓިސް ނުކުރެވުން ކަމަށެވެ.