މިއީ ވަރަށް ރީތި ގައުމެއް، ފުޓްބޯޅައިގެ ކުރިމަގު އެބައޮތް: ޒަވީ

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ވެސް ފުޓްބޯޅައިގެ ހުނަރު އެބައޮތް ކަމަށާއި ބޭނުންވަނީ ރަނގަޅު ޕްލޭނަކާ އެކު ކުރިއަށްދިއުން ކަމަށް ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.


ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެ އައުމަށް ފަހު މެޗުގެ ކުރިން މިރޭ ރަސްމީ ބޯޅަ ދަނޑުގައި ނޫސްވެރިންނާ ބައްދަލުކުރަމުން ޒަވީ ބުނީ ރާއްޖެ އައިސް މި ފަދަ ހާއްސަ ހަރަކާތެއްގައި ބައިވެރިވެވޭތީ އުފާކުރާ ކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މިއީ. ވަރަށް ރަނގަޅު ތަޖުރިބާއެއް. މި ފަދަ ހާއްސަ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ ޝުކުރު އަދާކުރަން. ރާއްޖޭގެ ރީތި ކަމާއި މިކަމަކީ އެންމެނަށް ވެސް ލިބޭނެ އުފަލެއް،" ރާއްޖެއާ ބެހޭގޮތުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ ފުޓްބޯޅަ ހުނަރު މުޅި ދުނިޔޭގައި އެބައޮތް ކަމަށާއި ރާއްޖެ ފަދަ ގައުމުތަކަށް ވެސް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.

"ފުޓްބޯޅައިގެ ހުނަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބައޮތް. ކުދި ގައުމުތަކަށް އޮތް މަައްސަލަ އަކީ ބޭނުންވާ ވަރަށް ވަސީލަތްތައް ނެތުން. އެކަމަކު ފުޓްބޯޅަ ފެޑެރޭޝަނުން ރަނގަޅު ޕްލޭނަކާ އެކު ހަރަދުކޮށްގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ. އެކަމަށް ބޭނުންވަނީ ރަނގަޅު ޕްލޭނެއް،" ރާއްޖެ ފަދަ ގައުމުތަކުގެ ފުޓްބޯޅަ އޮތް ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން ޒަވީ ބުންޏެވެ.

މިރޭގެ މެޗުގައި ޒަވީ އަށް ނުކުޅެވެނީ އޭނާގެ މިހާރު ކުޅެމުން އަންނަ ގަތަރުގެ އަލް ސާދް މި ވަގުތު ޓްރެއިނިން ހަދަމުން އަންނާތީ އެ ކްލަބުގެ ހުއްދަ ނެތުމުންނެވެ. ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން އޭނާ ވާހަކަދެއްކި އިރު އޭނާ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރު އަތުން ފަހު ވަގުތު 1-0 އިން ރާއްޖެ ބަލިވި މެޗު ބަލައިފަ އެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން ޒަވީ އާއި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ވަނީ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ސަލާމްކޮށްފަ އެވެ.

"އައްސަލާމް އަލައިކުމް،" ސަޕޯޓަރުންނާ މުހާތަބުކޮށް ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ބުންޏެވެ.

އަދި ހާފް ޓައިމްގައި ޒަވީ އާއި އަޔާލާ ވަނީ އެ ދެ ކުޅުންތެރިންގެ ސޮއި ޖަހާފައިވާ ބޯޅަ ސަޕޯޓަރުންނަށް ހަދިޔާކޮށްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒަވީ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 1998 އިން 2015 އަށް 505 މެޗު ކުޅެދީފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ