ކުޅިވަރު / ކްރިކެޓް

އިންޑިއާ އިން 1000 ކުދިންނަށް ކްރިކެޓް ޖާޒީ ހަދިޔާކޮށްފި

އިންޑިއާ އެމްބެސެޑަރު ސަންޖޭ ސުދީރު (ވ) އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ (ކ-2) ދަރިވަރަކަށް ޖާޒީއެއް ހަދިޔާކުރާއިރު ކްރިކެޓް ބޯޑުގެ ރައީސް އަފްލާހު ބައިވެރިވަނީ.

ރާއްޖޭގެ ކްރިކެޓުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އާއި އިންޓަ ސްކޫލް މުބާރާތްތަކަށް ހާއްސަކޮށްގެން 1000 ކުދިންނަށް އިންޑިއާ ސަރުކާރުން ކްރިކެޓް ޖާޒީ ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށް ދިން މި އެހީގައި ހިމެނެނީ ޖާޒީ އާއި ޓްރެކްޝޫޓާއި ތޮތްޕެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުދިންނަށް މިތަކެތި ރަމްޒީ ގޮތުން ހަވާލުކުރެއްވީ އިންޑިއާގެ އެމްބެސެޑަރު ސަންޖޭ ސުދީރު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ އިންޑިއާ ސަރުކާރުގެ މި އެހީއަކީ ކްރިކެޓް ކުރިއެރުވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއަކާއި ހިތްވަރެއް ކަމަށެވެ.

'ވައިޑީޕީ އާއި އިންޓަ ސްކޫލް މުބާރާތްތަކަށް މިހާތަނަށް އެސޯސިއޭޝަން އެޓަޔާ މިފޯރުކޮށްދެނީ. އެ އެހީތެރިކަން އިންޑިއާ އިން ފޯރުކޮށްދިނުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލުއިވާނެ. އަދި މީގެ ސަބަބުން އިތުރު ގިނަ ބަޔަކަށް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އަދި އެއާ އެކު ގިނަ ބަޔަކު މީގެ ތެރޭގައި އިންވޯލްކުރެވޭވެ،" ފަޔާ ވިދާޅުވި އެވެ.

މިހާރު ވައިޑީޕީ ހިންގަނީ މާލޭގެ އިތުރުން ލ. ކުހަހަންދޫ އާއި ފުވައްމުލަކުގަ އެވެ. ފަޔާ ވިދާޅުވީ މި އެ ޕްރޮގްރާމް އުތުރަށް ފުޅާކުރަން ވިސްނަމުން އަންނަ ދަނޑިވަޅެއްގައި މި އެހީގެ ސަބަބުން އެކަމަށް ވެސް ހިތްވަރު ލިބިއްޖެ ކަމަށެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

އާ ސަރުކާރާ އެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު އޭގެ ތެރެއިން ލާފައި ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް އިންޑިއާ އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ލީގު އޮންނަ އިންޑިއާ އިން ދާދި ފަހުން ވަނީ ރާއްޖެއާ ގުޅިގެން 'މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ނަމުގައި ހާއްސަ މެޗުތަކެއް ބާއްވައިފަ އެވެ. އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުވްރާޖް ސިންގް ހިމެނޭ އެއާ އިންޑިއާގެ ޓީމުން މާލެ އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަކާއި ގައުމީ ކްރިކެޓް ޓީމާ ދެކޮޅަށް މެޗެއް ކުޅުނެވެ.

މީގެ އިތުރުން އެހެން ކުޅިވަރުތަކުން އެހީ ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އެމެބްސަޑަރު ސުދީރު ވަނީ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗަށް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމާއި ބޮލީވުޑުގެ ފިލްމީ އަދި މިއުޒިކީ ތަރިން ރާއްޖެ އައުމަށް ދައުވަތު ދެއްވައިފި އެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުފިޔާން

10 April 2019

މިވަރުވެސް މިހާރު ކޮށް ނުލެވެނީ ދޯ. ތި ބޯޑުން ތިޔަށް ވުރެ ގިނަ ކުދިންނަށް ޖާޒީ ދީ ކުޅޭ ސާމާނުދީ ޕޮރޮގްރާމްތައް ހިނގާފައިވޭ. ބޯޑުގެ އެއްވެސް ކަމަކަށް ބުރުލެއްނާރާ. އިންޑިޔާއިން ކްރިކެޓަށް ކަމެއްކޮށްދެންޔާ ދިގުމުއްދަތައް ރަގަޅު ކޯޗެއް ރާއްޖެ ފޮނުވާ. އަދި ދިވެހި ކުޅުންތެރިންނަށް އިންޑިޔާގެ އެކަޑެމީތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފަހިކޮށްދީ. ދެން ހުރިހާ ކުޑަކުދިންގެ ޖާޒީގައި އިންޑިޔާ ދިދަޖަހައިގެން ހަންފަތުރަން ކޮން ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454