މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ބަންގްލަދޭޝް ކުޅުންތެރިއަކު ކައިރިން ނޭޕާލްގެ ބިމަލް (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
13 އެޕްރީލް 2019 - 11:56
ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި ބިމަލް ގާތީ މަގަރު ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ގެންނަ ގޮތަށް ހަަމަޖެހިއްޖެ އެވެ.
ޓީސީގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ބިމަލް ގެންނަން އެ ކްލަބުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި ޓީސީން އާ ސީޒަނަށް ޕްރެކްޓިސް ފަށާއިރު ބިމަލް ގުޅޭނެ ކަމަށެވެ. ބިމަލްގެ އިތުރުން ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ޝެމްޝޮން ވަނީ މި ސީޒަނުގައި ޓީސީން ފެންނާނެ އެވެ. ކިރަން އަކީ މިދިޔަ ދެ އަހަރު ވެސް ޓީސީން ފެނުނު ކުޅުންތެރިއެކެވެ.
އުމުރުން 21 އަހަރުގެ ބިމަލް އަކީ އުމުރުން 14 އަހަރުގައި ނޭޕާލް ގައުމީ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިއެކެވެ. އޭނާ ވަނީ އުމުރުން 15 އަހަރުގައި ގައުމީ ޓީމަށް ލަނޑުޖަހައިދީފަ އެވެ. އޭނާ އަކީ ގައުމީ ޓީމަކަށް ލަނޑު ޖަަހައިދިން ހަ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ޒުވާން އުމުރުގައި ބިމަލް ހޯދަން ފެށި ކާމިޔާބީގެ ސަބަބުން ބައިނަލްއަގްވާމީ ލެވެލްގައި އޭނާ އަށް ފުރުސަތުތަކެއް ލިބެން ފެށި އެވެ. އެ ގޮތުން 2013 ވަނަ އަހަރު ނެދަލެންޑްސްގެ ކްލަބް ޓްވެންޓޭ އެފްސީގެ ޔޫތު ޓީމުގައި ބިމަލް މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް އެ ޓީމަށް ސޮއިކުރެވޭ ގޮތްނުވީ ފީފާގެ ގަވާއިދުތަކެއް ފުށުއަރާތީ އެވެ. އޭގެ އަހަރެއް ފަހުން ބިމަލް ވަނީ ބެލްޖިއަމްގެ ގަދަބާރު އެންޑަލެކްޓްގެ ޔޫތު ޓީމުގައި ވެސް ޓްރަޔަލްތަކެއް ފުރިހަމަކޮށްފަ އެވެ.
ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށުމަށް ފަހު ނޭޕާލް ކްލަބްތަކުގެ އިތުރުން ބިމަލް ދެން ކުޅުނީ އިންޑިއާގެ ގަދަބާރު މޯހަން ބަގަން އަށެވެ. ބިމަލް އަކީ 2016 ވަަނަ އަހަރު ބަންގްލަދޭޝްގައި އޮތް ގޯލްޑް ކަޕާއި އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރި ނޭޕާލް ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. ވާތު ފައިން ކުޅޭ ބިމަލް އަކީ ނޭޕާލްގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކެ އެވެ.
ޕާކިސްތާން ކުޅުންތެރިއަކު ކައިރިން ބިމަލް (ކ) ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ
ބިމަލް އެންމެ ފަހުން ކުޅުނީ ނޭޕާލުގެ ޗިޔާސަލް ޔޫތު ކްލަބަށެވެ. އެ ޓީމުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބިމަލް އެވެ.
މި ސީޒަނަށް ޓީމު ވަރުގަދަކުރަން ޓީސީން ސޮއި ހޯދި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އީސާ (މެސީ) އެވެ. މިދިޔަ އަހަރުތަކުގައި ޓީސީ އަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުންތައް އާ ކޮށްފަ އެވެ. ޓީސީން އަންނަނީ އިތުރު ކުޅުންތެރިން ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.
ފާއިތުވި އަހަރުތަކުގައި ޓީސީ އަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޓީސީން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކާއި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) އެވެ.
މިދިޔަ އަހަރުތަކުގައި ޓީސީ އަށް ކުޅުނު ބައެއް ފާހަގަކޮށްލެވޭ ކުޅުންތެރިން ވަނީ އެ ޓީމު ދޫކޮށް ގޮސްފަ އެވެ. އޭގެ ތެރޭގައި މާޒިޔާ އަށް ބަދަލުވި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަބްދުﷲ ހަނީފް (ބެންޖޯ) ހިމެނެ އެވެ. އަދި ޓީސީ އަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް މި ފަހަރު ފެންނާނީ ގްރީން ސްޓްރީޓްސް އިންނެވެ.
މި ފަހަރުގެ ސީޒަން ހުޅުވާ މެޗުގައި މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން ޓީސީ ކުޅޭއިރު އިދިކޮޅަށް ނުކުންނާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށްޓެވެ. ސީޒަން ހުޅުވާ މެޗުގެ ފޯމެޓް ދެ ލެގަށް ބަދަލުކޮށް އެ ލެގު މާލޭގައި އަނެއް ލެގު ތިމަރަފުށީގައި ކުޅޭނެ ކަމަށް އެފްއޭއެމުން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރިޔާ
15 April 2019
ތީމިގައުމްގެހަލާކް ސާބަހޭ އެފް އޭ އެމް ވިކްޓަރީ އިސްބެސްޓްދޯ
ބެއްޔާ
13 April 2019
ޓީސީ ތީ ކުލަބައެއްތަ. ވަރަށް ރުޅިއާދޭ ނިއުއާއި ދެކޮޅަށް ނިކުތީމަ. ބަލާނަމޭ ކިތައް މެޑަލު ލިބޭތޯ. ކިތައް ތަށި ލިބޭތޯ. ކަލޭމެންނަށް ބިރަކަށް ވީމަ ނިއު އަށް ފުރުސަތު ބަންދު ކުރީ ދޯ
ވީއާރބުލޫސް
13 April 2019
ކޮބާހޭ އެފްއޭއެމްގެ ވެރިންގެ ހިޔާނަތުގެ މަންސަލަތައް އަވަހަށް ބަލާ ފިޔަވަޅު އަޅާދޭށޭ ކަމާބެހޭ މުއަށްސަސާތައް ނިދާފަ ނުތިބެ.
މޯޑް
13 April 2019
ނިއު އާއި ނުލައި މިގައުމުގަ ފުޓްބޯޅަކުޅޭނި މޮޔައިން. އޭގެތެރެއިން މޮޔަ ޓީމެއް ތި ޓީސީއަކީ.