ރައީސަށް، ދޯނީ އާއި ވިރާތުގެ ރަމްޒީ ހަދިޔާއެއް!

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމާ ބެހޭގޮތުން އިންޑިއާގެ ކްރިކެޓް ބޯޑާ އެކު ބެންގަލޫރުގައި ފުޅާ ދާއިރާއެއްގައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ މެޗެއް ބައްލަވާލައްވައިފި އެވެ.


މުބާރާތުގައި މިރޭ ޗެންނާއީ ސުޕަ ކިންގްސް އަތުން ރޯޔަން ޗެލެންޖާސް ބެންގަލޯ މޮޅުވި މެޗުގެ ކުރިން ދެ ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފަ އެވެ. އިންޑިއާ އިން 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކެޕްޓަންކަންކުރި ދޯނީ އާއި މިހާރުގެ ކެޕްޓަން ކޯލީ އަކީ ދުނިޔޭގެ އެންމެ މޮޅު ބެޓްސްމަނުންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

ބެންގަލޫރުގެ އެމް ޗިންނަސްވާމީ ސްޓޭޑިއަމުގައި ކުރިއަށް ދިޔަ މި މެޗު ރޯޔަލް ޗެލެންޖާސް އިން ކާމިޔާބުކުރީ އެއް ލަނޑުންނެވެ. އެ ޓީމުން ވަނީ 20 އޯވަރުގެ ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 161 ލަނޑު ހަދައިފަ އެވެ. ސުޕަ ކިންގްސް ޖަވާބުގައި ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 160 ލަނޑެވެ. ފަހު ބޯޅައިން ދެ ލަނޑު ހަދައި މޮޅުވުމުގެ ފުރުސަތު ސުޕަ ކިންގްސް އަށް އޮތް ނަމަވެސް ރޯޔަލް ޗެލެންޖާސް އިން އެ ބޯޅައިން ވިކެޓެއް ނެގީ އެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބަށް އެއް ވަނަ ޑިވިޝަނުގައި ކްރިކެޓް ކުޅުއްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިދަތުރުފުޅަކީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިއަދު މެންދުރުފަހު ބެންގަލޫރަށް ވަޑައިގެން ބީސީސީއައިގެ ސީއީއޯ ރާހުލް ޖޯހްރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ކްރިކެޓް ފުޅާކުރުމާ ބެހޭގޮތުންނާއި ގައުމީ ކްރިކެޓް ޓީމުގެ ތަމްރީންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރޯޔަން ޗެލެންޖާސް ބެންގަލޯގެ ކެޕްޓަން ވިރާތު ކޯލީ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަމްޒީ ޖާޒީއެއް ހަދިޔާކުރަނީ.

ނުރަސްމީ މި ދަތުރުފުޅުގައި ރައީސް ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރެއްވި އެވެ. ބެންގަލޫރުގައި ރައީސް ހުންނަވާ އައިޓީސީ ގާޑެނިއާ ހޮޓަލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހިންނާ މުހާތަބުކުރައްވައި ރައީސް ވާހަކަފުޅުދެއްކެވި އެވެ.

އާ ސަރުކާރާ އެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވެފައިވާ ގުޅުމުގެ ތެރެއިން ކުޅިވަރަށް، ހާއްސަކޮށް ކްރިކެޓަށް އަންނަނީ ބޮޑު ފައިދާއެއްކުރަމުންނެވެ. އެގޮތުން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް އެއްބަސްވެފަ އެވެ. އަދި ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ކްރިކެޓް ސިލްސިލާއެއް ބާއްވަން އެއްބަސްވެ އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.