ސާއިދު ސެމީ އަށް، ފަޒީލް ގައުމީ ރެކޯޑް މުގުރާލައިފި

ގަތަރުގެ ދޯހާގައި މިއަދު ފެށި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލަށް ދަތުރުކުރިއިރު 10،000 މީޓަރު ދުވުމުން ރާއްޖޭގެ ހުސެއިން ފަޒީލް ހާރޫން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.


މީގެ ދެ އަހަރު ކުރިން އިންޑިއާގައި ބޭއްވި މުބާރާތުގެ 100 މީޓަރު ދުވުމުން ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ ހޯދި ސާއިދު މިއަދު ސެމީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ބުރުގެ އެއް ވަނަ ހީޓުގައި 10.47 ސިކުންތުން ދުވެގެންނެވެ. އޭނާ ދިޔައީ ހީޓުގެ ފަސް ވަނަ އަށެވެ. މިދިޔަ ފަހަރު ފައިނަލުގައި ދުވީ 10.37 ސިކުންތުންނެވެ.

މި ހީޓުގެ އެއް ވަނަ ހޯދި ބަހުރޭނުގެ ފިޝާ އެންޑްރިއު ރޭސް ނިންމީ 10:15 ސިކުންތުންނެވެ. ދެ ވަނަ ހޯދި ގަތަރުގެ އޮގުނޯޑޭ ޓޮސިން ޖޯސެފް 10.22 ސިކުންތުން ދުވިއިރު ތިން ވަނަ އަށް ދިޔައީ 10.26 ސިކުންތުން ދުވި އީރާނުގެ ޓަފިޓާން ހަސަން އެވެ.

އެ ފަހަރުގެ ކާމިޔާބީއާ އެކު މި ބިޔަ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފާ އެކު ސާއިދު ވެގެން ދިޔައީ މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސަށެވެ.

ރާއްޖޭގެ ފަޒީލް 10،000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އޭނާގެ ކެރިއަރުގައި ތިން ވަނަ ފަހަރަށް މިއަދު މުގުރާލީ މިއަދު 32:46 މިނެޓުން ދުވެގެންނެވެ. އޭނާ އަކީ ރޭހުގެ 12 ވަނަ އެވެ. އެއް ވަނަ އަކީ 28:26 މިނެޓުން ރޭސް ނިންމި ބަހުރޭންގެ ފިކާޑޫ ޑަވީޓެވެ. ދެ ވަނަ އަކީ އެ ގައުމުގެ ގަނީ ހަސަނެވެ. ޓައިމިން އަކީ 28:31 މިނެޓެވެ. ތިން ވަނަ ހޯދީ 28:28 މިނެޓުން ދުވި އިންޑިއާގެ ގަވީޓް މުރްލީ ކުމާރެވެ.

ކުރިން ފަޒީލް އަތުގައި މި ރެކޯޑް އޮތީ މިދިޔަ އަހަރުގެ އޮކްޓޯބަރު ގައުމީ މުބާރާތުގައި 33:34 މިނެޓުން ދުވެގެންނެވެ. އޭގެ ކުރިން މި ރެކޯޑް އޭނާގެ އަތުގައި އޮތީ އިންޑިއާގައި 2017 އަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 34.21 މިނެޓުން ދުވެގެންނެވެ. ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސެއިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރު ހެދި ރެކޯޑް ފަޒީލް އެ ފަހަރު މުގުރާލީ 28 އަހަރަށް ފަހު އެވެ. މި ރާސްތާގެ ޓްރެކުން ބޭރު އިވެންޓް ކަމަށްވާ 10 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހެދި ދެ މަހެއްހާ ދުވަހުގެ ތަމްރީންތަކަށް ފަހު މުބާރާތާ ކުރިމަތިލި ރާއްޖޭގެ ޓީމުގައި ސާއިދާއި ފަޒީލްގެ އިތުރުން ހިމެނެނީ އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.

ފަޒީލް ދެން ދުވާނީ 5000 މީޓަރު ރޭހުގަ އެވެ. ސާއިދަށް ދެން އޮތީ 100 މީޓަރު އަދި 400 މީޓަރު ރިލޭ އެވެ. އޭނާއާ އެކު ސަރީސް ވެސް އެ ދެ އިވެންޓުގައި ވާދަކުރާނެ އެވެ. އައްޕި އާއި އިބާދުﷲ ވާދަކުރާނީ 200 މީޓަރު ދުވުމާއި 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގަ އެވެ. ނުޖޫމް ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގަ އެވެ. ރިޒާ ތިން އިވެންޓެއްގައި ދުވާނެ އެވެ. އެއީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުން އަދި 400 މީޓަރު ރިލޭ އެވެ.