ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގޯލްކީޕާސް އެކެޑަމީ: އަސްލަމްގެ ބޮޑު މަސައްކަތް

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަސްލަމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މުސްތަގުބަލަށް ޒުވާން ކީީޕަރުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ވާހަކަތައް މިދިޔަ ދޮޅު އަހަރުތެރޭގައި އެފްއޭއެމުން ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ދައްކައިފަ އެވެ. އެކަން ކަމަށް ތަފާތު މަޝްވަރާތަކެއް ކުރެވި ދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ފަހިކޮށްދޭން އެކި ހިޔާލުތައް އެކި ފަރާތްތަކުން ހުށަހެޅި އެވެ. އެފްއޭއެމް ގޯލްކީޕަރުންގެ އެކެޑަމީގެ މަސައްކަތް ތަޖުރިބާކާރު ކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމްގެ ބެލުމުގެ ދަށުން މިހާރު ފަށާފައިވާއިރު، ދިވެހި ކީޕަރުންގެ ކުރިމަގާމެދު އޭނާގެ އޮތީ ބޮޑެތި އުއްމީދުތަކެވެ. މިއީ ބޮޑު މަސައްކަތެކެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަގާމުގައި ހުރި އަސްލަމް މީގެ ކުރިން ވަނީ ކްލަބް އީގަލްސްގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު ބުދަ ދުވަހު އެފްއޭއެމްއާ އެކު ހެދުނު އެއްބަސްވުމާ އެކު އަސްލަމް މިހާރު ހުސްވެގެން ހުރީ ހާއްސަ އަމާޒެއްގައި މުސްތަގުބަލަށް ޒުވާން ކީޕަރުން ބިނާކޮށް މިހާރު ތިބި ދިވެހި ކީޕަރުންނާއި ކީޕަރު ޓްރެއިނަރުގެ ތަރައްގީ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ އަޒުމުގަ އެވެ.

ހަތް އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ގޯލްކީޕަރު އެކެޑަމީގެ ދޮރު މިހާރު ހުރީ ހުޅުވިފަ އެވެ. އެންމެ ޒުވާން އުމުރުގައި ކީޕަރު ތަމްރީން ކުރުމުގެ މަސައްކަތަށް އަސްލަމް ހުރީ ކެރިގެން ކުރިމަތިލައިގެންނެވެ.

ރާއްޖޭގެ ޒުވާން ކީޕަރުންނަށް ދިމާވާ އެންމެ މައްސަލަ އަކީ ގިނަ ގޯލުތަކެއް ބައިކޮޅަށް ވަނުމުން އެ މަގާމަށް ކުޅެން ފޫހިވުން ކަމަށާއި އެ ފަދަ ކަންތައްތަކަށް ހައްލެއް ހޯދޭނީ ވިސްނުންތެރިކަމާ އެކު އެ ކަންތައްތައް ކޮށްގެން ކަމަށް އަސްލަމް ގަބޫލުކުރެ އެވެ.

"މިހާރު ގޯލްކީޕަރުންނަށް ބަލާއިރު ބަލަން ޖެހޭ ކަމަކީ ކުޅުންތެރިއަކު އެ ޕޮޒިޝަނަށް ކުޅެން ފަށަނީ ކޮން އުމުރެއްގައިތޯ. އާންމު ގޮތެއްގައި ޔޫތު ޕްލޭޔަރުން 14 އަހަރުގައި ކަންނޭނގެ ނިންމަނީ އެ ކުއްޖަކު ކުޅޭނެ ސީދާ މަގާމެއް. ދެން އެޑިއުކޭޝަން ރަނގަޅަށް ނުދެވި އޮތީމަ ބައިވަރު ގޯލުތަކެއް ވަނީމަ ކުޅުން ހުއްޓާލާ ކަންތައް ދިމާވަނީ" ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އަސްލަމް ބުންޏެވެ.

"ރަނގަޅު އެޑިއުކޭޝަން ދެވިއްޖިއްޔާ އަޅުގަނޑަށް ހީވަނީ ކުޅުންތެރިއަކު އެ ކުޅެން ނިންމާ ޕޮޒިޝަނެއްގައި ހިފަހައްޓޭނެ. ކީޕަރުންގެ ވެސް އެގޮތަށް އޮތީ. ކީޕަރުން ވެސް އެ އިތުބާރުގައި ކުރިއަށްދާނެ."

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގޯލްކީޕަރުން ތަމްރީނުކުރަން މަސައްކަތް މީގެ 13 ވަރަކަށް އަހަރު ކުރިން ކުރުމަށް ފަހު މި އަހަރު ވަނީ އަސްލަމްގެ އިސްނެގުމާ އެކު ގޯލްކީޕަރު ޓްރެއިނިން ކޯހެއް ބާއްވައިފަ އެވެ.

އެފްއޭއެމްގެ ވިސްނުމަކީ އަސްލަމްއާ އެކު ގޯލްކީޕަރުންގެ އެކެޑަމީގައި މަސައްކަތްކުރަން އިތުރު ޓްރެއިނަރުން ބައިވެރިކޮށް މީގެ ވީހާވެސް ގިނަ ބަޔަކަށް ޝާމިލުވެވޭ ގޮތަށް ކުރިއަށް ގެންދިއުމެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އިތުރު ޓްރެއިނަރުން ވެސް މީގެ ތެރޭގައި އެކި އުސޫލުން ބައިވެރިވާނެ ކަމަށާއި އޭގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެފްއޭއެމުން ވަނީ އަންނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭގޮތަށް ހަދަން ނިންމައިފަ އެވެ. އެކަމަކު މި ފަހަރުގެ ސީޒަން ޖޫން މަހު ފަށާއިރު، ސީޒަން ކުރިއަށްދާނީ އަންނަ އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވައިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ބައްސާމް ވިދާޅުވީ ގޯލްކީޕަރުންގެ އެކެޑަމީގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި ފުޓްބޯޅަ ކްލަބްތަކަށް މީގެ ސަބަބުން އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"ކީޕަރުން ވެސް އެބަޖެހޭ ނެރެން. އެހެންވެ މި ހުރިހާ މަސްއޫލިއްޔަތަކާ އެކީ މި އެކެޑަމީގެ މަސައްކަތް ފެށިގެންދަނީ. މިހާރު ތިބި ގޯލްކީޕަރު ޓްރެއިނަރުން އިތުރަށް ޓްރެއިން ކުރުމަކީ ވެސް މީގެ ތެރެއިން ކުރެވޭނެ މަސައްކަތެއް. މިއީ ކީޕަރުންނަށް އުއްމީދީ މަސައްކަތެއް. އެ ޒިންމާ ބޮޑު،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު 17 އަހަރު ވަންދެން ބެލެހެއްޓުމަށް ފަހު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔަކުރިއިރު، އެ މަގާމު ފޫބައްދާނެ ކުޅުންތެރިއަކު ނެތުމުގެ ޝަކުވާ ގިނަވި އެވެ. އެކަމަކު އޭގެ ފަހުން އަނެއްކާ ވެސް ދިވެހި ކީޕަރުންނަށް އުއްމީދު އާ ވެގެންދިޔައީ 10 އަހަރަށް ފަހު ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެނައި ޓީމުގައި ގޯލްކީޕަރު މުހައްމަދު ފައިސަލް ދެއްކި ކުޅުމުންނެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބައްސާމް ވިދާޅުވީ ކީޕަރުންގެ އެންމެ މުހިއްމު ކަމަކީ ތަޖުރިބާގެ އަލީގައި ކޮންފިޑެންސް އިތުރުކުރުން ކަމަށެވެ.

"ކޮންފިޑެންސާއި ޓްރެއިނިން ކަންނޭނގެ ކީޕަރުންނަށް އެންމެ މުހިއްމީ. އަޅުގަނޑުމެން ކޮޅަށް 17 ލަނޑު ޖެހި ދުވަހެއް ވެސް ދިޔަ. އަދި 10 ވަރަކަށް ގޯލު ޖޫނިއާ ޓީމު ކޮޅަށް ޖެހި ދުވަސްތަކެއް ވެސް ގޮސްފި. ކީޕަރުންގެ މި ކަންކަމަކީ ތަޖުރިބާ. މި ކަހަލަ ކަންތައްތަކުގެ މައްޗަށް ކަންނޭނގެ ކޮންފިޑެންސް މި ބިލްޑްވަނީ. ކޮންމެވެސް ގޯސްތަކެއް ހެދިގެން އެކަން ރަނގަޅުކޮށްގެން ޑިވެލޮޕް މިވަނީ،" ބައްސާމް ވިދާޅުވި އެވެ.

އީގަލްސްގައި އަސްލަމް ކުރި މަސައްކަތުގައި ގިނަ ކީޕަރުންތަކަކަށް ކުރިއެރުން ހޯދައިދިނެވެ. އޭގެ ތެރޭގައި ޒުވާން ކީޕަރުންގެ އިތުރުން ސްރީލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ހިމެނެ އެވެ. ބައްސާމް ވިދާޅުވީ ގޯލްކީޕަރު ޓްރެއިނިން އަށް އަސްލަމް ވަނީ މިހާތަނަށް ވެސް ތަފާތު ދައްކައިދީފައި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން ކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ރަނގަޅު ފެންވަރެއްގެ ތަމްރީންތަކަކާ އެކު އަސްލަމް ފަދަ ކޯޗުން ތިބުމުން ތަޖުރިބާއާ އެއްވަރަށް އެބަކިޔައިދެވޭ ރަނގަޅު ގޮތް. ރަނގަޅު ތަމްރީން ދެވިއްޖިއް ގޯލްކީޕަރުން ޖެހިލުމެއްނުވާނެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް ގޯލްކީޕަރު އެކެޑަމީއާ ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަސްލަމްގެ ފަރާތުން ގޯލްކީޕަރުންގެ ޓްރެއިނިން އަށް ބޭނުންވާނެ އެހީތެރިކަން އެކި ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުއްލާމު

27 April 2019

މިދެން އެކެޑަމީއެއް ހަދާވަރު ކަމެއްތެ

The name is already taken The name is available. Register?

ކުޜެންދޫ

28 April 2019

ގޯލްކީޕަރުންނަކީ ވަކި ހުނަރެއްގެ ބައެއް. ފިޓްނަސް އަދި ޓްރޭނިންގްއަށް ބެލިޔަސްވެސް....ދެން ފުޓްބޯޅަ ނުބަލާ ނުކުޅޭމީހުން މިކަހަލަ ކަންކަމަށް ކޮމެންޓް ކުރަންޏާ ވާނެ ތިހެން. ފަހުން ރަނގަޅުވާނެ. އޯކޭ

The name is already taken The name is available. Register?

އިހްސާސް

26 April 2019

ތިޔަތާ ބައިވެރިވަނީ ކިހިނެއް. އެފްއޭއެމްއަށްތަ ދާންޖެހެނީ.؟؟

The name is already taken The name is available. Register?

އަހު

26 April 2019

އހަރެން ތިޔަ ފުޓުބޯޅައަށް ސަލާމް ބުނަން، މިހާރު ބައްސާމުގެ ވެލެންސިޔާގެ ހުރިހާމީހުން އެފް. އޭ.އެމް އަށް އެގެންނަމުންދަނީ، ދެން ފެންނާނީ ވެލެންސިޔާ އެއްވަނަ ޑިވިޝަނުގައި ކުޅެވޭގޮތަށް ހަމަ ޖައްސާތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454