ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނަގަނީ

ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭ ލައިސަންސް ކޯޗިން ކޯހުގައި ބައިވެރިވެއްޖެ އެވެ.


ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށީ ކޯސް މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި ނިޒާމްބެ މި ކޯހުގައި ބައިވެރިވާއިރު، ޖުމްލަ 21 ކެންޑިޑޭޓުން މި ކޯހުގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ، އިންޑިއާ، ބޫޓާން އަދި މެލޭޝިއާގެ ކޯޗުން ހިމެނެ އެވެ.

މި ކޯސް ކުރިއަށްގެންދަނީ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް އެންޑް ސްޓްރެޓީޖިކް ޑިރެކްޓަރު ޕައުލް ތޯމަސް ސްމޯލޭ އެވެ. މި ކޯހުގައި ބައިވެރިވެވެނީ އޭއެފްސީ ބީ އާއި ސީ ލައިސަންސް ލިބިފައިވާ ކޯޗުންނަށެވެ. މި ކޯހުގައި ޕްރެކްޓިކަލް ބައިގެ އިތުރުން ތިއަރީ ބައި ވެސް ހިމެނެ އެވެ.

ނިޒާމްބެ ވަނީ މިދިޔަ އަހަރު މާލޭގައި އޮތް އޭއެފްސީ އިންސްޓްރަކްޓާ ކޯސް ފުރިހަމަ ކޮށްފަ އެވެ. އެ ކޯސް ފުރިހަމަކޮށް މ. ދިއްގަރުގައި ކުރިއަށްދިޔަ ޑީ ލައިސަންސް ކޯޗިން ކޯހުގައި އެފްއޭއެމްގެ ފަރާތުން އިންސްޓްރަކްޓަރެއްގެ ގޮތުގައި ބައިވެރިވީ ނިޒާމްބެ އެވެ. އަދި ނިޒާމްބެގެ އިތުރުން ކޯޗު މުހައްމަދު ޝާހިދު (ޝާޑު) ވެސް ބައިވެރިވި އެވެ.

ޓީސީން މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރިއިރު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ނިޒާމްބެގެ ނަން ލިސްޓުގައި ނުޖެހުނީ އޭ ލައިސަންސް ނެތުމުންނެވެ. ނިޒާމްބެ ކޯޗުންގެ ހުރިހާ ޒިންމާއެއް ނެގި ނަމަވެސް ހެޑްކޯޗުގެ ގޮތުގައި ލިސްޓުގައި ޓީސީން ޖެހީ އިބްރާހީމް ހަލީމް (ޖަޑާ)ގެ ނަމެވެ.

ބަންގްލަދޭޝްގައި 2017 ވަނަ އަހަރު އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރުމަށް ފަހު ޓީސީން ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ޓީސީގެ އޮފިޝަލަކު ނިޒާމްބެ ގައިގައި ބައްދާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަސް އަހަރު ޓީސީ އަށް ކޯޗުކޮށްދިނުމަށް ފަހު އެ ޓީމަށް މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނިޒާމްބެ ވަނީ ޓީސީ ކޯޗުކަމުން ވަކިވެފަ އެވެ. ޓީސީ އަށް މި އަހަރު ކޯޗުކޮށްދޭނީ ގައުމީ އަންހެން ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރި ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.

ކްލަބް ވެލެންސިއާ އާއި އައިއެފްސީގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ވަނީ މީގެ ކުރިން ވިޔަންސާ އާއި ކަޅައިދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ. އަދި ޒުވާން ގައުމީ ޓީމުތަކުގައި ވެސް ނިޒާމްބެ ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކޯޗުގެ މަގާމު މިދިޔަ ދެ އަހަރު ހޯދައިފަ އެވެ.

މިދިޔަ އަަހަރު ޖެނުއަރީ މަހު މާލޭގައި ވެސް ވަނީ 11 އަހަރަށް ފަހު އޭ ލައިސަންސް ކޯހެއް ބާއްވައިފަ އެވެ. ޖޯޑަންގެ އިންސްޓްރަކްޓަރެއް ކިޔަވައިދިން މި ކޯހުގައި ނުވަ ކޯޗުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ބުރުނާއީ އާއި އިންޑޮނީޝިއާ ދެ ކޯޗުން ވެސް ހިމެނެ އެވެ. ރާއްޖޭން ބައިވެރިވި ކޯޗުންގެ ތެރޭގައި ގައުމީ ޓީމުގެ ކުރީގެ ދެ މިޑްފީލްޑަރުން ކަމަށްވާ އަޝްރަފް ލުތުފީ (ސަމްޕަތު) އާއި މުހައްމަދު ނަޒީހާއި ކްލަބް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި ށ. ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ހިމެނެ އެވެ.

އެފްއޭއެމުން މި އަހަރުގެ ގަވާއިދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓީމުތަކުގެ ކޯޗުންނަށް ތިބެން ޖެހޭނީ އޭ ލައިސަންސް ކޯޗުން ކަމަށެވެ. އެ ގޮތަށް ކަނޑައެޅީ ޓީމުތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާއި ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި ވާދަކުރަނީ އޭއެފްސީ ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަވެފައިވާ ޓީމުތައް ކަމުގައި ހެދުމުގެ ގޮތުންނެވެ. މިދިޔަ އަހަރު ކްލަބް ލައިސަންސް ކަންތައްތައް ފުރިހަމަނުވާތީ މި އަހަރު ރާއްޖޭގެ އެއްވެސް ޓީމެއް އޭއެފްސީ ކަޕްގައި ނުކުޅެ އެވެ.