ރާއްޖޭގެ ދީމާ (ވ) ޗެމްޕިއަން އިންޑިއާ ކުޅުންތެރިޔާ އާއި ތިން ވަނަ ހޯދި ކުޅުންތެރިންނާ އެކު.
13 މެއި 2019 - 15:40
އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައި އެ ކުޅިވަރުން ރާއްޖެ އަށް އޭޝިއާގެ މުބާރާތަކުން ފުރަތަމަ މެޑެއްޔެއް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފާ އެކު، ދުނިޔޭގެ ހޯޕްސް މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުން، 2007 އާއި 2008 ގައި އުފަންވި ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޖޫނިއާ އުއްމީދީ ކުޅުންތެރިންގެ މުބާރާތުގެ ފައިނަލުން އުމުރުން 11 އަހަރުގެ ދީމާ ބަލިވީ އިންޑިއާ ކުޅުންތެރިޔާގެ އަތުންނެވެ.
އޭނާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ވެސް ބަލިވީ އިންޑިއާ ކުޅުންތެރިޔާ އަތުން އެކަންޏެވެ. އަނެއް ތިން މެޗުން ލެބަނަން، ތައިލެންޑް އަދި ކަޒަކިސްތާން އަތުން މޮޅުވެ ސެމީ ފައިނަލް އިއްޔެ ހަވީރު ކަށަވަރު ކުރިއިރު ފައިނަލަށް ދިޔައީ މިއަދު ހެނދުނު އީރާން އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، އޭޝިއާ މުބާރާތަށް ކޮލިފައިވި ދީމާ މި މުބާރާތުގެ ގަދަ ދެ ކުޅުންތެރިން ތެރޭ ހިމެނި ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވުމަކީ ބޮޑު ކުރިއެރުމެކެވެ.
ދީމާ މި އަހަރުގެ ގައުމީ މުބާރާތުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ދީމާގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލްވުމަކީ އެސޯސިއޭޝަނުން ކުރިން ދެކެވިފައިވާ ހުވަފެނެއް ނޫން ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ދީމާގެ މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ ކުރި މަސައްކަތާއި ދިން ސަމާލުކަމަށް މަރުހަބާ އާއި ޝުކުރުއަދާކުރާ ކަމަށެވެ. އަދި އަބަދަށް ދެމުން އަންނަ އެއްބާރުލުރުމަށް، އެފަދަ ބޮޑު ޝުކުރެއް ޓީޓީ އެސޯސިއޭޝަނާއި ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓީޓީ އާއިލާ އަށް ވެސް ޝިއުރީ އަދާކުރި އެވެ.
"މިއީ ދުނިޔޭގެ ސްޓޭޖަށް ތައްޔާރުވާންވީ ވަގުތު،" ޝިއުރީ ބުންޏެވެ.
ސައުތު އޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން މި އަހަރުގެ ކުރީކޮޅު ހޯދުމާ އެކު ދީމާ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް ޓޭބަލް ޓެނިހުން، އެއްވެސް ކެޓަގަރީއަކުން ރަން މެޑެއްޔެއް ހޯދައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މިއަދު އޭޝިއާ މުބާރާތުން ހޯދި ކާމިޔާބީ އަކީ އެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ބޮޑު ކާމިޔާބެކެވެ.
ދީމާ ވަނީ މާލޭގައި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 12 އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ހިމެނިގެން ރާއްޖޭގެ އަންހެން ޓީމުން ވަނީ ޖޫނިއާ ކެޓަގަރީންނާއި ކެޑޭޓް ކެޓަގަރީން ލޯ މެޑެޔެއް ވެސް ހޯދި އެވެ.
މި އަހަރުގެ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.
މި އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލް މެޗަށް ފަހު އަންހެން ސިންގަލްސް ޗެމްޕިއަން ދީމާ (ކ) އަށް ނައިބް ރައީސް ފައިސަލް ނަސީމް ތަށި ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ފާހަގަކުރެވުނީ 2016 ވަނަ އަހަރު މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގައި ޗެމްޕިއަންކަން ހޯދުމުންނެވެ. ދުނިޔޭގެ ޓޭބަލް ޓެނިހުގެ ކުރީގައި އޮތް ގައުމެއް ކަމަށްވާ މެލޭޝިއާގެ ވަންސަ މަޖޫ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 11 އަހަރުން ދަށުގެ ބައިން އޭނާ ރަން މެޑަލް ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މި އަށް މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
އޭނާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދައިފަ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި، ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.
ލަންކާގައި އުފަންވި ދީމާ އޭނާއާ އެކު އާއިލާއާ އެކު މިދިޔަ އަހަރާ ހަމަޔަށް ވެސް ދިރިއުޅެމުން އައީ ލަންކާގަ އެވެ. އޭނާ ލަންކާގައި ހޯދި ކާމިޔާބީތަކާ އެކު ލަންކާ ގައުމީ ޓީމަށް ކުޅެން ވެސް ދައުވަތު ދިނެވެ. އެކަމަކު އޭނާގެ މަންމަ އާއި ބައްޕަ ނިންމީ ރާއްޖެ އަށް ކުޅުވާށެވެ.
ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ ހުވަފެނެއް ކަމަށް ދީމާގެ މަންމަ ވަނީ "މިހާރު" ގެ ނޫސްވެރިން ގާތު ބުނެފަ އެވެ. އަދި އެ ހުވަފެން ސީދާކުރުމަށްޓަކައި، ރާއްޖެ އައިސް މިދިޔަ އަހަރު ރާއްޖޭގެ ގައުމީ މުބާރާތުގައި ވާދަކުރުމާ އެކު ލަންކާގެ ޖޫނިއާ ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. އެހެންވިޔަސް އޭނާގެ އާއިލާ އިން ބޭނުންވީ ރާއްޖެ ތަމްސީލްކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް މޮޅު
13 May 2019
މަރުހަބާ ދީމާ. އިންޑިޔާ މީހުންނަކީ ސްޕޯޓްސްއަށްވެސް އަދި އެހެން ކަންކަމަށްވެސް ވަރަށް މޮޅު ބަޔެއް. އިރާދަަކުރެއްވިއްޔާ ދީމާއަށް އަދި އެ ފެންވަރަށް ކުޅެވޭނެ، ހިތްވަރާ އެކު މަސައްކަތްކުރޭ.
ވަަރަށްބޯކޮށް މަރުޙަބާ
13 May 2019
ދީމާއަށް ވަރަށް ބޯކޮށް މަރުޙަބާ. ދީމާ ވަަރަށް ތުއްތުއިރުންފެށިގެން އަމިއްލަ ޖީބުން ޚަރަދުކޮށް އެތައް ޤުރުބާންތަކެއް ވަމުންދާ ދީމާގެ މައިންބަފައިންނަށްވެސް މަރުޙަބާ. ދެންހަމަ ޝިއުރީއަށްވެސް. ޝިއުރީ ބުންޏަސް ޓީޓީ އެސޯޝިއޭޝަނަށް އެއްވެސް އެއްޗެއް ޙައްޤެއް ނުވާނެ ދީމާއަށް ލިބޭ ކާމިޔާބަކުން. ޓީޓީއޭއެމް އުފެއްދި ކުޅުންތެރިއެއްނޫން ދީމާއަކީ. އެމީހުންނަށް ވޭތުވެ 5 އަހަރުގައި މޮޅުކުޅުންތެރިއަކު ނެތް އުފެއްދިފައެއް.
ދިވެހި ރައްޔަތެއް
13 May 2019
މަރުހަބާ ދަރިޔާ
ޒަޔާން
13 May 2019
މީ އަސްލު ޗެންޕިއަނުންނަކީ މަރްހަބާ ދަރިޔާ...ނަބީހާ އާއި ނަބާހަ ވެސް ގޯލްޑް މެޑެލް އަޅަންޔާ ދީމާކައިރީ އަހާ...ވަރައްވެސް އުފާވެރި ބޮޑު ކާމިޔާބީ އެއް މީ. މަރްހަބާ އައްޔަ އަށް ވެސް