ސާއިދާ އެކު އައިއޯއައިޖީ އަށް 16 ދުވުންތެރިން

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދު ހިމަނައިގެން، މި އަހަރުގެ ގޭމްސްގައި ވާދަކުރަން އެތުލެޓިކްސް އިން 16 އެތުލީޓުންގެ ސްކޮޑެއް އިއުލާންކޮށްފި އެވެ.


މީގެ ހަތަރު އަހަރު ކުރިން ބޭއްވި ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑެއްޔެއް ހާސިލްކުރި ކުރި ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދި ސާއިދުގެ އިތުރުން ފިރިހެން ސްޕްރިންޓް ޓީމުގައި ހިމެނެނީ ސަރީސް އަހުމަދާއި އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އަދި އިބާދުﷲ އާދަމެވެ. އެ ފަސް ދުވުންތެރިން ތަމްރީންތައް ހެދުމަށް މާދަމާރޭ މެލޭޝިއާ އަށް ފުރާނެ އެވެ. ކޯޗަކީ އަހުމަދު ފާއިލެވެ.

ޖުލައި 19 ގައި މޮރިޝަސްގައި ފަށާ ގޭމްސް އަށް ދާ އެތުލެޓިކްސްގެ މިޑްލް އެންޑް ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނެނީ ހުސެއިން ރިޒާ އާއި ހުސެއިން ފަޒީލް ހާރޫނާއި މުހައްމަދު ނާއިލާއި އަހުމަދު ޝަރަފް އަދި ޝިފާޒް މުހައްމަދެވެ. މީގެ ތެރެއިން ރިޒާ އާއި ފަޒީލް އަދި ނާއިލް ވަނީ އިންޑިއާ ކޯޗު ޝިވަނަންޑާ އަލަގަވަޑީގެ ބެލުމުގެ ދަށުން ތަމްރީން ހަދަން އިއްޔެ އިންޑިއާގެ ބެންގަލޫރަށް ފުރައިފަ އެވެ. ހާފް މެރެތަން އަށް ތައްޔާރުވުމަށް ޝިފާޒް ކެންޔާގައި ތަމްރީން ހަދަމުން އަންނައިރު ޝަރަފް އަންނަނީ މޮރޮކޯގައި ތަމްރީންތައް ކުރިއަށްގެންދަމުންނެވެ.

ހަ އެތުލީޓުން ހިމެނޭ އަންހެން ޓީމުން އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔަކީ ރާއްޖޭގެ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރެތަންގެ ރެކޯޑް އޮންނަ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ރަސްމީކޮށް ދުވުމުގެ ތެރެއަށް ވަން މަރީގެ ބައިނަލްއަގްވާމީ ދެ ވަނަ މުބާރާތެވެ.

ދުވުމުގެ އެތައް ރެކޯޑެއް ހަދާފައިވާ މަރީ: މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވާނެ.

މިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށް އަދި ދާދި ފަހުން ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި ހިމްނާ އަކީ ސްކޮޑުގައި ހިމެނޭ އުއްމީދީ ދުވުންތެރިޔެކެވެ. ދެން ހިމެނެނީ މަރިޔަމް އަލްހާ ހުސެއިނާއި ނަޝާ ނިޒާރާއި ސާރާ މަސްއޫދު އަދި އައިމިނަތު ޖާއިޝާ ޖުނީޒެވެ.

މިޑްލް އެންޑް ލޯންގް ޑިސްޓެންސް ކޯޗު އިންޑިއާގެ ޝިވަނަންޑާ އާއި ސްޕްރިންޓް ކޯޗު އަހުމަދު ފާއިލްގެ އިތުރުން އަބްދުﷲ އިބްރާހިމް (އަބުޅޯ) ވެސް ކޯޗިން ޓީމުގައި ހިމެނެ އެވެ. މެނޭޖަރުންނަކީ މުހައްމަދު އާމިރާއި ފާތިމަތު ޔަސްމާން އެވެ.

މިދިޔަ މަހު އޮތް އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭން ހޯދި ކާމިޔާބީތަކާ އެކު، މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފަސް މެޑަލް ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ މެދު އުއްމީދު އާވެއްޖެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފަ އެވެ.

މިޑްލް ޑިސްޓެން ދުވުންތެރިޔާ ފަޒީލް:މެޑަލް ޓާގެޓް ދުވުންތެރިޔެއް.

އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސާއިދު ވަނީ 100 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ދުވެފަ އެވެ. އަދި ހުސެއިން ފަޒީލް ހާރުން ވަނީ 10،000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

"އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް އަޅުގަނޑަށް ސިފަކުރެވެނީ. މި މުބާރާތުގައި ދެ ނެޝަނަލް ރެކޯޑް އަދި އިތުރު ތިން ޕާސަނަލް ބެސްޓް ފެނިފައިވޭ. އަދި އެތުލީޓުން މިހާރު ތިބި ލެވެލްއާ ކުރިއަށް އޮތް އައިއޯއައިޖީ އަށް ތައްޔާރުވާން ފޯކަސް ކުރަންވީ އޭރިއާތަށް އެނގިގެން ހިނގައްޖެ. މި މުބާރާތުގެ ސަބަބުން އެތުލީޓުންނަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފި،" ތޮލާލް ވިދާޅުވި އެވެ.

އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ސާއިދު ރަން މެޑަލް ހޯދުމުގެ އިތުރުން އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދި އެވެ.