އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ މެމްބަރު ޒުމައިލް.
05 ޖޫން 2019 - 11:23
އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރު އިސްމާއިލް ޒުމައިލް ރަޝީދު އިންތިހާބުކޮށްފި އެވެ.
މިއީ އޭޝިއާގެ މައި ފުޓްބޯޅަ ޖަމިއްޔާގެ ޖުޑިޝަލް ކޮމިޓީއަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޗެއާމަނަކަށް ސިންގަޕޫރުގެ ލިމް ކިއާ ޓޮން އިންތިހާބުކުރިއިރު ވައިސް ޗެއާމަނަކީ ޗައިނާގެ ޝެން ރުއީ އެވެ. ޒުމައިލްގެ އިތުރުން ދެން ތިބެނީ އޮސްޓްރޭލިއާ، ބަހުރޭން، ޖަޕާން، ކުވޭތު، ފިލިޕީންސް އަދި ސައުދީ އަރަބިއާގެ މެމްބަރުންނެވެ.
މި ކޮމިޓީގެ އިތުުރުން ޖުޑިޝިއަލް އަނެއް ދެ ކޮމިޓީ ކަމަށްވާ އޭއެފްސީ އެންޓްރީ ކޮންޓްރޯލް ބޮޑީ އަދި އޭއެފްސީ އެޕީލް ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރީ ފްރާންސްގެ ޕެރިހުގައި އިއްޔެ ބޭއްވި އޭއެފްސީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.
އޭއެފްސީގެ ހިންގާ ކޮމިޓީ ކަމަށްވާ އެގްޒެކެޓިވް ކޮމިޓީގައި ނިމިގެން ދިޔަ ދެ ދައުރުގައި ވެސް ރާއްޖެ ވަނީ ތަމްސީލްވެފަ އެވެ. އެގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގެންފަ އެވެ.
އެންމެ ފަހުން ބޭއްވި އިންތިހާބުގައި ކުރިމަތިލީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑި އަށެވެ. އެކަމަކު އެފްއޭއެމުން ނަން ހުށަހެޅި މަރިޔަމް މުހައްމަދު (މާޔަން) އަށް އިންތިހާބުގައި ނާކާމިޔާބުވީ އެވެ. އޭނާ ވަނީ އިންތިހާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުކުރައްވައި، ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހޫ
06 June 2019
ޒިގީ އަށް މަރުހަބާ... އެފްއޭ އެމް ގަ ވެސް ރަގަޅު މީހުން ތިބޭ ދޯ
ހަސަނޭތޭ
05 June 2019
މަރްހަބާ ޒިގީ ... އަހުލާގު ރަނގަޅު ތައުލީމީ ޒުވާނެއް