ލީގުގެ ތައްޔާރީތަކަށް ސުޒޭންގެ ފާޑުކިޔުން

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަށް މަސް ދުވަހަށް ފަހު އަލުން ފެށިއިރު ހާލަތު އޮތްގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އަދި ފުޓްބޯޅަ އަށް އިހުލާސްތެރިކަމެއްނެތި އެއްވެސް ކަމެއް ރަނގަޅުނުކުރެވޭނެ ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ދިވެހި ޕްރިމިއާ ލީގަށް ވަރުގަދަ ސްކޮޑަކާ އެކު ކުރިމަތިލި ގްރީން ސްޓްރީޓްސް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ވާދަވެރި މާޒިޔާ އަތުން މިއަދު 3-1 އިން ބަލިވެފަ އެވެ. ސުޒޭން ބުނީ ގްރީން ސްޓްރީޓްސް ބަލިވުމުގެ ޒިންމާ ފުރިހަމަ އަށް ނަގާ ކަމަށާއި އެކަމަކު ވަށައިގެން ފުޓްބޯޅައިގެ މާހައުލަށް ބަލާއިރު ފެންނަނީ ވަރަށް ބޮޑަށް ހާލަތު ގޯސްވެފައި އޮތް މަންޒަރު ކަމަށެވެ.

ސުޒޭން އެންމެ ބޮޑަށް ފާހަގަކުރީ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ބާއްވާއިރު ފުރަގަހުގައި ހުންނަ ބެކްޑްރޮޕްގައި ބައެއް ނަމާ ދިމާލުގައި ސްޓިކާ ޖަހާފައި ހުރުމާއި ލީގުގެ މެޗުތައް ކުރީގެ ބާ ބޯޅަތަކުން ކުޅުމުގެ އިތުރުން ދަނޑުގައި ބަހައްޓާފައި ހުންނަ ލީގުގެ ޓައިޓަލް އިޝްތިހާރު ބޯޑުގެ ޑިޒައިން އާދައިގެ ގޮތަކަށް ހުރުމުގެ އިތުރުން އެހެނިހެން ތައްޔާރީތަކުގައި ފަރުވާ ކުޑަވުމުގެ ވާހަކަ އެވެ.

"އަޅުގަނޑުމެން މިދިޔަ އަށް މަސް އެންމެ ގިނައިން ދެއްކި ވާހަކަ އަކީ ކްލަބްތައް ރަނގަޅުކުރަން އެފްއޭއެމް ރަނގަޅުކުރަން މި ހުރިހާ ކަމެއް ރަނގަޅުކުރަން. މީދަ ބޯޑު (ބެކްޑްރޮޕް) ސްޓިކާ ހިއްޕާފައި މި ހުރީ. މިއަދު ކަންނޭނގެ އޭދަ ބޯޑު (ޓައިޓަލް ބޯޑް) ގެނައީ. ބޯޅަ މި ކުޅެނީ މިދިޔަ އަހަރުގެ ބާ ބޯޅައިން. ޕްރޯޑައިރެކްޓުން ބޯޅަ އޯޑަރު ޖަހާލާތާ ހަތް ދުވަސް ތެރޭގައި އަޅުގަނޑަށް ހީވަނީ ފުންޏެއް އޯޑަރު ޖެހިޔަސް އާދޭ ކަންނޭނގެ. މި ކިޔަނީ ޖައްވުން ގެންނަ އެއްޗެއްގެ ވާހަކައެއް ނޫން، ބޯޅަ ގެންނަ ވާހަކަ،" ސުޒޭން ބުންޏެވެ.

"އެހެންވެ މި ދަންނަވަނީ އެއް އަހަރު ލިބުނަސް މިކަން ކުރަން އުޅެގެން މިކަން ކުރެވޭނީ. މި އުޅެނީ ނޭނގިގެނެއް ނޫން އެއްވެސް އިހުލާސްތެރިކަމެއް ނެތިގެން. އެއް އަހަރު ވެގެން ބާ ވެގެން ގޮސް ކުލަ ގޮސްފައި ހުރި ބޯޅައިން މި ކުޅެނީ."

ރާއްޖެ އަކީ ސަރަހައްދުގެ ރަން ތަށި ދެ ފަހަރު ހޯދާފައިވާ ފުޓްބޯޅައިގައި ނިސްބަތުން ކުރިއަރާފައިވާ ގައުމެއް ކަމަށާއި އެކަމަކު ބާއްވާ މުބާރާތްތަކުގެ ފެންވަރު އާދައިގެ ގޮތަކަށް ހުރުމަކީ ފުޓްބޯޅައިގައި ގިނަ ދުވަސްވީ މީހެއްގެ ހައިސިއްޔަތުން ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

"ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ކިޔަކަސް ނުފުދޭ. ޕްރިމިއާ ލީގެއްގެ ޝަރުތު ހަމަކޮށްލަން މި ކަހަލަ ބޭސިކް ކުދިކުދި ކަންތައްތައް ރަނގަޅުކުރަންޖެހޭ. އެއްގޮތަކަށް ވެސް އެފްއޭއެމާ މައްސަލަ އޮވެގެން ދައްކާ ވާހަކައެއް ނޫން. މި ކަންތައްތައް ރަނގަޅުވިއްޔާ އުފަލުން އައިސް މިތަނުގައި ކުޅޭނަން. ފާޑެއް ނުކިޔާނަން. ބައިވަރު ރަނގަޅު ކަންތައްތައް އެބަވޭ މީގެތެރެއިން އެކަމަކު އޭގެ މާނަ އަކީ ދެން ހުރި ކަންތައްތައް ރަނގަޅުނުކުރާށެކޭ ނޫން،" ސުޒޭން ބުންޏެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރު ވެސް ސުޒޭން ވަނީ ލީގުގައި ރަނގަޅު ކުރަން ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށް ގިނަ ކަންތައްތަކާ މެދު ފާޑުކިޔައިފަ އެވެ. ސުޒޭން ބުނީ ކަންކަން ރަނގަޅުކުރުމުގައި ކްލަބްތަކާއި އެފްއޭއެމްގެ އިތުރުން މީޑިއާތަކުން ވެސް ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އައިސް މި ވާހަކަ ދެއްކީމަ ބުނާނެ މިއީ ހާދަ އަނގަގަދަ މީހެކޭ. އަނގަ ގަދައީކީ ނޫން. މިއީ 33 ވަނަ އަހަރު އަޅުގަނޑު ފުޓްބޯޅައިގައި. މި ރޮސްޓްރަމް ކައިރީ އެންމެ ފުރަތަމަ ތަށްޓެއްގައި ހިފީ އަޅުގަނޑު ކަންނޭނގެ 1986 ވަނަ އަހަރު. އަޅުގަނޑުގެ އިހުސާސްތަކެއް ހުންނާނެ ދިވެހި ފުޓްބޯޅައާ މެދު އެހެންވީމަ ވާހަކަ ދެއްކެނީ،" ސުޒޭން ބުންޏެވެ.

ދުނިޔޭގެ ފުޓްބޯޅަ ކުރިއަރައިގެންދާއިރު 2019 ގައި ރާއްޖޭގެ ފުޓްބޯޅައިގެ ކަންތައްތައް ވެސް ހުންނަން ޖެހޭނީ ރަނގަޅަށް ކަމަށާއި ކަމެއް ނުކޮށް ހުރެ ހަމައެކަނި ވާހަކަ ދައްކައިގެން ކަމަކުނުދާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. ފުޓްބޯޅައިގައި އޭނާ މި ވާހަކަތައް ދައްކަނީ މިކަމުގެ ތެރޭގައި އުޅޭތީ ކަމަށާއި އަދިވެސް އޭނާ އަށް މި ފުރުސަތު މި ލިބެނީ ފުޓްބޯޅަ އަށް ހިދުމަތްތަކެއް ކޮށްދީފައި ހުރުމުންކަން ސުޒޭން ފާހަގަކުރި އެވެ. އަދި އޭނާ އަކީ ފުޓްބޯޅައިގެ ކަމެއް ނޭނގޭ މީހެއް ކަމުގައިވާނަމަ 33 އަހަރު ވަންދެން ފުޓްބޯޅަ ތެރޭގައި ނޫޅޭނެ ކަމަށާއި ކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި ދެމިހުންނަނީ ފުޓްބޯޅައިގައި ކޮންމެވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރުމުން ކަމަށް ވެސް ބުންޏެވެ.