ހަމްދޫން "މިހާރު"ގެ ވޯލްޑް ކަޕް ގައިޑެއް ހިފައިގެން. --މިހާރު ފައިލް ފޮޓޯ
30 ޖޫން 2019 - 14:09
އަންނަ މަހު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ދިވެހި މީޑިއާ ޓީމުގެ ހެޑަކަށް "މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު، ސްޕޯޓްސް މުހައްމަދު ހަމްދޫން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ހަމަޖައްސައިފި އެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް ކަވަރުކުރާ ދިވެހި މީޑިއާ ޓީމުގެ ހެޑަކަށް ހަމްދޫން ހަމަޖެއްސިއިރު އޭނާ އަކީ އެމްއޯސީގެ މީޑިއާ ކޮމިޝަންގެ މެންބަރެއް ވެސް މެ އެވެ.
އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) "މިހާރު" އަށް މިއަދު ވިދާޅުވީ މީޑިއާ ޓީމުގެ ވެރިއަކަށް ހަމްދޫން ހަމަޖެއްސީ ގޭމްސްގައި ބައިވެރިވާ ހުރިހާ ކުޅިވަރުތަކެއްގެ އިސްވެރިންގެ އިއްތިފާގުން ކަމަށެވެ.
"މީޑިއާ ޓީމަށް ބަލާއިރު އެންމެ ތަޖްރިބާކާރު ބޭފުޅަކީ ހަމްދޫން. އޭނާ އަކީ އެމްއޯސީގެ މީޑިއާ ކޮމިޝަންގެ މެންބަރެއް ވެސްމެ. ވޭތުވެދިޔަ ހަތަރު އަހަރު ހަމްދޫން ވަނީ އެމްއޯސީއާ ވަރަށް ގާތުން މަސައްކަތް ކޮށްފައި،" މަރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހު 19-29 އަށް އޮންނަ ގޭމްސް ކަވަރު ކުރާ ހުރިހާ ނޫސްވެރިން ވެސް ހަރަކާތްތެރިވާނީ އެމްއޯސީގެ ރިޕޯޓަރުންގެ ގޮތުގައި ކަމަށެވެ. އަދި ހުރިހާ ކުޅިވަރެއް ކަވަރު ކުރެވޭ ގޮތަށް ނޫސްވެރިންގެ މަސައްކަތް އިންތިޒާމް ކުރާނީ ހަމްދޫން ކަމަށް މަރޭ ވިދާޅުވި އެވެ.
"މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ހަމްދޫނަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅިވަރު ރިޕޯޓަރު ކަމަށެވެ.
"އޭނާ އަކީ އެ މަސައްކަތުގައި ލޯބިޖެހި، އެންމެ ފުރިހަމަ އަށް ކަވަރުކުރަން އިސްކަންދޭ ނޫސްވެރިއެއް،" މޫސާ ވިދާޅުވި އެވެ.
"މިހާރު އިން ވަރަށް ހިތްހަމަޖެހޭ ހަމްދޫންއާ އެފަދަ ޒިންމާއެއް ހަވާލުކުރީތީ. ވަރަށް ރަނގަޅު ކަވަރޭޖެއް ފެންނާނެ ކަމަށް އުއްމީދު ކުރަން."
މީޑިއާ ކައުންސިލް އިން ހޮވާ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު 2015 ވަނަ އަހަރު ހޯދާފައިވާ ހަމްދޫން ވަނީ ރާއްޖޭގެ ކުޅިވަރު މުބާރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ވަރަށް ގިނަ ކުޅިވަރު މުބާރާތްތައް ވެސް ކަވަރުކޮށްފަ އެވެ. "ރާއްޖެ" ނޫހުން 2008 ވަނަ އަހަރު ނޫސްވެރިކަމުގެ މަސައްކަތުގެ ތެރެއަށް ވަތް ހަމްދޫން ވަނީ "ހަވީރު" ނޫހުގެ ކުޅިވަރު ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ރިޔޫނިއަންގައި އެންމެ ފަހުން ބޭއްވި އައިއޯއައިޖީ ވެސް ކަވަރުކޮށްފަ އެވެ.
އައިއޯއައިޖީގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ މޮރިޝަސް، ރިޔޫނިއަން އައިލެންޑްސް، ކޮމޮރޯސް، މެޔޯޓް، ސީޝެލްސް އަދި މަޑަގަސްކަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
30 June 2019
މަރޭ އެއީ ސާބަސް ހައްގު ދިވެހި ދަރިއެއް.މަރޭ އެއީ ދެއްކުންތެރިއެއް.މަރޭ އެއީ މޮޅުމީހެއް.
ރަދީފް
30 June 2019
ޕްލަސް ރޯނުއެދުރެއް.
ނޮންނި
01 July 2019
މަރޭ ފެއިލް ވެއްޖެ މިހާރު...ސަވީދު ރަގަޅު ކަމުން ބަހަޓާފަ ހުރީ....
ހީނާ
30 June 2019
ޕީ.އެސް.އެމްގައި އުޅޭ ރީތި ކުއްޖާ ރިމާހް އަށްވެސް މަރުހަބާ
ރަދީފް
30 June 2019
ސާބަހޭ މަރޭ.މަރުހަބާ ހަމްދޫން.މަރޭ އަށް ވަރަށް ރަނގަޅަށް ހަމްދޫން އިނގޭނެ.މަރޭ އެއީ ހުރިހާ ކަމެއްދަންނަ މީހެއް.