ކުޅިވަރު / އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ރާއްޖޭގައި އައިއޯއައިޖީ 2023 ބޭއްވުމުގެ އުއްމީދު ބޮޑު

އައިއޯއައިޖީގެ ޑެލިގޭޝަނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

05 ޖުލައި 2019 - 22:23

3 comments

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖޭން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ގޭމްސްގެ އިސް ޑެލިގޭޝަނުން ބުނެފި އެވެ.

ރާއްޖޭން މި އަހަރުގެ ގޭމްސް ބޭއްވުމަށް 2015 ވަނަ އަހަރު ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފަހު ދެން އޮތް އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރަށް ހިޔާލު ދިނުމުން އެކަން ކުރުމަށް ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވައިފަ އެވެ. އަދި ވަގުތުން މަސައްކަތް ކުރެއްވުމަށް ކުޅިވަރުގެ ހުރިހާ ދާއިރާ އަކަށް ލަފާދެއްވައި މިނިސްޓްރީން އެކަމަށް ފާރަވެރިވި އެވެ.

ފާއިތުވި ދެ ދުވަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ވަފުދެއް ރާއްޖޭގެ ހުރިހާ ވަސީލަތްތަކެއް ބެލުމަށް ފަހު ވަނީ އެކި ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. ކުޅިވަރުގެ އެކި މުބާރާތްތައް ކުރިއަށްދާ ސްޓޭޑިއަމްތަކަށް އެ ވަފުދު ޒިޔާރަތްކުރިއިރު، ވަނީ ރަސްމީކޮށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ނައިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފަ އެވެ.

ރަސްމީ ދަތުރު ނިންމާލުމުގެ ކުރިން މިރޭ ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ގޭމްސް ރާއްޖޭގައި ބާއްވަން ބިޑްކުރާއިރު ފެނުނު މަންޒަރުތަކުން ރާއްޖެއާ މެދު އުއްމީދު ބޮޑުވަނީ ހުރިހާ ބައެއް ގުޅިގެން ގޭމްސް ބާއްވަން ބޭނުންވެފައި ތިބި މިންވަރު ފެނިފައި ކަމަށެވެ.

"ވަގުތަށް ކަމޭހިތުން ވަރަށް ރަނގަޅު. އެއީ މުބާރާތެއް ވެސް ތާވަލުކޮށްފައި އެއާ އެއްގޮތަށް ބޭއްވުން މުހިއްމު. ޑިލޭއެއް ވެގެންނުވާނެ. އެކަމަށް ވެސް ރާއްޖެ ރަނގަޅު. ރާއްޖޭގެ ނައިބު ރައީސްއާ ބައްދަލުވުމުން އެނގިގެންދިޔަ ސަރުކާރާ އޮލިމްޕިކް ކޮމިޓީ އަދި އެންމެން މި ކަމަށް ސީރިއަސްވެ އޮތް މިންވަރު،" ގޯޕާލް ވިދާޅުވި އެވެ.

ގޭމްސް ކޮމިޝަންގެ ރައީސް ގޯޕާލް (މ) ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގޯޕާލް ވިދާޅުވީ ރާއްޖޭން މި ބިޑަށް މަސައްކަތްކުރާއިރު ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އެކުގައި ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސަރުކާރުގެ ޕްލޭނުގެ ތެރެއިން ކުޅިވަރަށް އޮތް އަހައްމިއްޔަތު ފެނިގެންދިއުމުން މި ބިޑް ކާމިޔާބުކުރަން ރާއްޖޭން މަސައްކަތްކުރާނެ މިންވަރު ފެނިގެންދާ ކަމަށެވެ.

"ރާއްޖޭގައި ހުރި ވަސީލަތްތައް ބަލާލިއިރު ހުރިހާ ދާއިރާއެއް ބެލިން ހޮސްޕިޓަލާއި އެހެނިހެން އިންތިޒާމްތައް ވެސް. ރާއްޖޭގައި ރަނގަޅު ޕްލޭނެއް އެބައޮތް. ހަމައެކަނި ކުޅިވަރުގެ ދާއިރާގައެއް ނޫން މުޅި ސަރުކާރުގެ ހިންގުމުގައި ހައުސިން ޑިވެލޮޕްމަންޓާ ހުރިހާ ކަމެއް ރަނގަޅު. އެއީ ކުޅިވަރު އަންނާނީ މި ހުރިހާ ކަމެއްގެ ތެރެއިން." ގޯޕާލް ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭން ވަނީ އެކި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި މުބާރާތްތައް ބޭއްވީ އެންމެ ރަނގަޅު ވަސީލަތްތަކެއް ނުލިބި ހުރެ ކަމުގައި ވިޔަސް އެ މުބާރާތްތައް ކާމިޔާބުކޮށް ގޮސްފައި ހުރުމަކީ މި ފަދަ ގޭމްސް އެއް ފުރަތަމަ ފަހަރަށް ބާއްވަން މަސައްކަތްކުރާއިރު، ލިބޭނެ ފަސޭހައެކެވެ.

ރާއްޖޭގެ އިތުރުން ކޮމޮރޯސް އާއި މަޑަގަސްކާ އިން ވެސް 2023 ވަނަ އަހަރުގެ ގޭމްސް ބާއްވަން ބިޑްކޮށްފައިވާއިރު، ގޯޕާލް ވިދާޅުވީ ގޭމްސް ބާއްވާނެ ގައުމެއް ކަނޑައަޅާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. އެ ގޮތުން މި ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ މޮރިޝަސްގައި މި މަހު 19 ވަނަ ދުވަހު ފަށާ މި ފަހަރުގެ އައިއޯއައިޖީގެ ނިންމުމުގެ ރަސްމިއްޔާތާ ގާތްކޮށް ނިންމައިގެން ކަމަށް ވިދާޅުވި އެވެ.

"އަހަރެމެންގެ އުއްމީދުތައް އޮތީ ރާއްޖެއާ އެކު. އެކަމަކު ވަކި ގައުމެއްގެ ކޮޅަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން." ގޯޕާލް ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނަކީ ބިޑް ކާމިޔާބުކުރުމަށް ލިބޭ ފަސޭހައެއް

އައިއޯއައިޖީގެ ޑެލިގޭޝަަނަށް އެންމެ ކަމުދިޔަ އެއް ކަމަަކީ މިހާރުގެ ސަރުކާރުގެ ތަރައްގީގެ ޕްލޭނާއި ކުޅިވަރު ގުޅިފައި އޮތް މިންވަރެވެ. ސަރުކާރުގެ ވިސްނުން ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން އޮތްއިރު މިއީ އެހެން ގައުމުތަކާ ތަފާތުކޮށް އޮތް ކަމެކެވެ. އަދި ރާއްޖެ އަށް ބިޑް ކާމިޔާބުކުރުމުގައި މުހިއްމު ރޯލެއް ކުޅޭނެ ކަމެކެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވިދާޅުވީ 2023 ގެ އައިއޯއައިޖީ ބޭއްވުމަށް ސަރުކާރުގެ ޝައުގުވެރިކަން ހުރި މިންވަރު ވަރަށް ބޮޑަށް ގޭމްސްގެ ޑެލިގޭޝަނަށް އޮޅުންފިލުވައިދީފައިވާނެ ކަމަށެވެ.

"ރާއްޖެ އަށް މި އައި ވަފުދު ހުރީ ފެނުނު ކަންތައްތަކާ މެދު ހިތްހަމަޖެހިފައި. ރާއްޖެއާ މެދު ދެކޭ ގޮތް ވެސް އިތުރަށް ރަނގަޅުވެގެންދިޔަ. އުއްމީދަކީ މި ވަފުދު ރާއްޖެ އަށް ސަޕޯޓްކުރާނެކަމަށް. .ރާއްޖެ އަށް މި ފުރުސަތު ލިބިއްޖެނަމަ ތާރީހުގައި ބޭއްވޭ އެންމެ ރަނގަޅު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ހެދޭނެކަމުގެ އުއްމީދު އެބައޮތް." މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ޑެލިގޭޝަނަށް ސަރުކާރުގެ ފަރާތުން ދެވޭނެ ހުރިހާ ޔަގީންކަމެއް ދީފައިވާނެ ކަމަށާއި އެ ގޮތުން އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި މި ފަަދަ ގޭމްސް އެއް ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމުގައި ސަރުކާރުގެ އިންފްރާސްޓްރަކްޗާ ޕްލޭން ވެސް ހިއްސާކުރެވުނު ކަމަށެވެ.

"ރާއްޖޭގައި މި މުބާރާތް ބޭއްވޭއިރު ބާއްވާނީ ޔޫތު ސެންޓަރުގައެއް ނޫން. ވަކިން ބާސްކެޓް. ވަކިން ވޮލީބޯޅަ ބޭއްވޭ ވަރަށް ގެންދެވޭނެ ވާހަކަ ވާނީ ދަންނަވާފައި. މީގެ އޮލިމްޕިކް ކޮމިޓީ އާއި ބިޑް ކޮމިޓީގެ މަަސައްކަތާއި ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ޓީމުގެ މަސައްކަތް ވެސް ހިމެނޭ މިއީ ރައީސުލް ޖުމްހޫރިއްޔާގެ ވަރަށް ބޮޑު އިސްނެންގެވުމުގެ މަތިން ކުރިއަށްދާކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާގެ ތަރައްގީގެ ކަންތައްތަަކަށް އިސްކަންދީގެން ކުރާ މަސައްކަތުގައި ރާއްޖޭގެ ފަސް ސަރަހައްދުގެ ތަރައްގީ އަށް ބަލާއިރު އެކި ސަރަހައްދުތަކަށް ގެންދެވޭނެ ކުޅިވަރުތަކެއް ވިސްނާ ރަނގަޅު ގޮތެއްގައި ރޭވިގެންދާނެ ކަމަަށް މަހުލޫފް ވިދާޅުވި އެވެ.

"3500 ވަރަކަށް އެތުލީޓުން ބައިވެރިވާނެކަމެއް. މިއީ ރާއްޖޭގެ ކުޅިވަރަށް ވެސް ލިބޭނެ ޝަރަފެއް." މަހުލޫފް ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ފެނިގެންދިޔައީ އޮލިމްޕިކް ކޮމިޓީން މި ބިޑް ކާމިޔާބުކުރުމުގެ މަސައްކަތް ފެށުމާ އެކު ސަރުކާރުން ވެސް މިކަމަށް ބޭނުންވެ ކުރިއަށް ޖެހިގެން ދިން އެއްބާރުލުން ރަނގަޅުކަން ކަމަށެވެ.

އޭނާ ވިދާޅުވީ އާންމު ގޮތެއްގައި ގޭމްސް އެއް ބާއްވާއިރު ސަރުކާރަށް އޮންނަ ގޮންޖެހުމަކީ މާލީ ގޮތުން ކަންތައްތައް ފުރިހަމަކުރަން އޮންނަ ދަތިތަކެއް ކަމަށާއި އެކަމަކު މިހާރު އޮތް ސަރުކާރުން އައިއިރު ވައުދެއްގެ ގޮތުގައި ވެސް ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތަކެއް ބޭއްވުން ހިމެނިފައި އޮތުމުން އޭގެ ފަސޭހަތަކެއް ވެެގެންދިޔަ ކަމަށެވެ.

ސަރުކާރުގެ ޕްލޭނުގެ ތެރެއިން ކުޅިވަރު އަނެއް ލެވެލަށް ގެންދެވެން އޮތީ ގޭމްސް އެއް ބާއްވައިގެން. ދެން އެކަންކުރަން ބަލާއިރު ސަރުކާރުގެ ވައުދުތައް ވެސް މި އޮތީ މިކަމަށް ފަހިވާގޮތަށް. އަޅުގަނޑަކީ އަބަދުވެސް އުއްމީދަކަށް މަސައްކަތްކުރާ މީހެއް ވަކި މެޑަލެއް ހާސިލްކުރާނަމޭ ބުނެގެން. އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް މި ބިޑް ކާމިޔާބުވާނެ. އިންޝާﷲ އެންމެން ތައްޔާރުވާންވީ." މަރޭ ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވިދާޅުވީ އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

3 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

07 July 2019

އަނެއް ލާރިގަނޑު ތަޅާބުރުއްސާލަން މިއުޅެނީ

The name is already taken The name is available. Register?

ބެލެނިވެރިން

06 July 2019

ފުރަތަމަ ކަމަކައް ބާސްކެޓް ގެ ސުޕުން ބޭރުކުރަން ވީ

The name is already taken The name is available. Register?

ޝަމްސު

05 July 2019

ޢިންޑިޔާ މީހެއް ނުން. މިފަހަރު ތިކަންވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454