ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ފުރުސަތުތަކުގައި ތަފާތު ދައްކައި ކުރޯ އެންމެ އުހަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ކުރީ ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކާމިޔާބީއެއްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމެއް ބިނާކޮށްގެން އެ ލިބޭ ކާމިޔާބެއްގެ އުފާ. ހަގީގަތުގައި އީގަލްސްގައި މިހާރު މިތިބި ކުޅުންތެރިންނަކީ މުސްތަގުބަލުގައި މި ގައުމަށް ވެސް ކާމިޔާބު ހޯދައިދެވޭނެ ކުޅުންތެރިން،"

މިއީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 އިން ކުރިހޯދައި ކްލަބް އީގަލްސް އިން ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދި މެޗަށް ފަހު އޭރު އީގަލްސްގެ ކޯޗު އަދި މިހާރު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ދިން އިންޓަވިއުގައި ދެއްކި ވާހަކަ އެކެވެ.

ސާންތީ އޭރު ދެއްކި ވާހަކައިގައި އިޝާރާތްކުރި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ކަނާތު ބެކަށް ކުޅެމުން އައި ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އެވެ. އޭނާ އަކީ މިދިޔަ އަހަރު ރާއްޖޭން 10 އަހަރަށް ފަހު ސަރަހައްދުގެ ތަށި އުފުލާލިއިރު ޓީމުގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ބައިނަލްއަގްވާމީ ގޮތުން މާ ގިނަ ތަޖުރިބާތަކެއް ލިބިފައިނުވި ނަމަވެސް އެ މުބާރާތުގައި އޭނާ ދެއްކި ކުޅުމަށް ތައުރީފު ހައްގެވެ.

ގައުމީ ޓީމުން އޭދަފުށީ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގެ ތެރެއިން ކުރޯ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރޯ އަކީ ޒުވާން އުމުރުގައި ވެސް ފުޓްބޯޅައިގެ އުއްމީދު ބޮޑު ކުޅުންތެރިޔެކެވެ. އޭނާ ވަނީ އުފަން ރަށް ކަމަށްވާ ލ. ކުނަހަންދު އަށް 2010 ވަނަ އަހަރު ލ އަތޮޅުގައި އޮތް މުބާރާތެއްގައި ކުޅެފަ އެވެ. އެ މުބާރާތުގައި ކުޅެން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި އެވެ. އެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ ފުޓްބޯޅައިން ކުރިއަށްދާން ކުރޯ އަށް ކޮށުނު މަގެކެވެ.

"ހަމައެކަނި އެ މުބާރާތަށް ފަހު އެކަންޏެއް ނޫން ކުރިން ވެސް ބޭނުންވީ ފުޓްބޯޅަ ކުޅެން. ދެން އެ މުބާރާތަށް ފަހު އުއްމީދު ބޮޑުވި،" ކުރޯ "މިހާރަ"ށް ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކުރިން ގިނަ ޓީމުތަކެއްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ލިރުގާމް ސައީދު (ލަރޭ) އަކީ ކުރޯ އަށް ފުޓްބޯޅައިން ކުރިއަށް ދިއުމުގައި ފުރުސަތު ތަނަވަސްކޮށްދިނުމުގައި މުހިއްމު ރޯލެއް ކުޅުނު ފަރާތެކެވެ.

އީގަލްސްގައި 2013 ވަނަ އަހަރު ކުރޯ ހިމެނުނު ނަމަވެސް އެ އަހަރު ކުޅެން އެހާ ގިނަ ފުރުސަތުތަަކެއް ނުލިބެ އެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައި އޭނާ ވަނީ އެ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ކުރޯ އަށް އީގަލްސްގައި އެންމެ ރަނގަޅަށް ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ އަކީ ގަވާއިދުން އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އައި ކުޅުންތެރިޔެކެވެ. އަދި އީގަލްސް އިން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ތަފާތު ދެއްކި އެވެ.

"ފުރަތަމަ ޓީމުން ފުރުސަތު ނުލިބޭއިރު ވެސް ޝާކިއްޓެ އާއި ސާންތީ ކޯޗު ދޭ ހިތްވަރާއި ކިޔައިދޭ އެއްޗެހި ބަލައިގެން މަސައްކަތްކުރީ. އެ ގޮތަށް ހިތްވަރު ކޮށްގެން ޓީމަށް އެރުނީމަ ދެން އެނގިއްޖެ މި ގޮތަށް ހިފަހައްޓާލައިގެން ކުރިއަށްދެވޭނެކަން،" ކުރޯ ބުންޏެވެ.

ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދި އީގަލްސް އަކީ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އުމުރުން 23 އަހަރުގެ ކުރޯގެ ކެޕްޓަންކަމުގެ ދަށުގައި އީގަލްސް އިން ވަނީ ދެ ފަހަރެއްގެ މަތިން ޔޫތު ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ކުރޯ އަށް 19 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ލިބިފައިވީ ނަމަވެސް ގައުމީ ކޯޗުކަމަށް މިހާރުގެ ކޯޗު ޕީޓަ ސެގާޓް މިދިޔަ އަހަރު ކުރީކޮޅު ހަވާލުވުމުގެ ކުރިން ސީނިއާ ޓީމުން ފުރުސަތު ނުލިބެ އެވެ. ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމުގެ ވިސްނުމުގައި ޓީމުގައި ހިމެނި އެއް ކުޅުންތެރިޔަކީ ކުރޯ އެވެ. ސެގާޓް ދިން އިތުބާރާ އެކު ކުރޯ ކޮންމެ ފުރުސަތެއްގައި ގައުމީ ޓިމުގައި ބުރަކޮށް މަސައްކަތްކޮށް މޮޅަށް ކުޅުމުން ގިނަ ބަޔެއް އޭނާ އަށް ތައުރީފުކުރި އެވެ.

އީގަލްސް އަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ކުރޯ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާފް ޗެމްޕިއަންކަން ހޯދި ޓީމުގައި ކުރޯ ދެއްކި މޮޅު ކުޅުމާއި އޭނާ ހޯދަމުން އަންނަ ކުރިއެރުމާ އެކު އީގަލްސް އިން މި އަހަރަށް ސީޒަނަށް ތައްޔާރުވިއިރު ޓީމުގެ ކެޕްޓަންކަން ދޭން ނިންމީ ކުރޯ އަށެވެ. އޭނާ ބުނީ ޓީމުގެ ކެޕްޓަނަކަށްވުމަކީ އެއްވެސް އިރެއްގައި އުއްމީދުކުރި ކަމެއް ނޫން ކަމަށާއި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި މެނޭޖްމެންޓުގެ އެދުމާ އެއްގޮތަށް އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ސަބަބުން އެ ޒިންމާ ނެގީ ކަމަށެވެ.

"އެހެން ޓީމުތަކުން ވެސް ފުރުސަތު ލިބިފައި އޮއްވައި އީގަލްސްގައި މަޑުކުރީ. އެންމެ ފުރަތަމަ ވެސް ކުޅެން ފެށި ޓީމުގެ ކެޕްޓަންކަން ކުރަން ފުރުސަތު ދިނީމަ ދެން ގަބޫލުކުރީ. އެއީ މި ޓީމާ ހެދި މި ހިސާބަށް އާދެވުނީ. އެކަން ގަބޫލުކުރަން އަބަދުވެސް،" ކުރޯ ބުންޏެވެ.

ކުރޯ އަށް އީގަލްސް ކެޕްޓަންކަން ލިބުމަކީ ކުރިން އޭނާ އަށް އެ ޓީމުގައި ކޯޗުކޮށްދިން ގައުމީ ޓީމުގެ މިހާރުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި ސާންތީ އަށް ވެސް ލިބުނު އުފަލެކެވެ. ޝާކިއްޓެ ސިފަކުރާގޮތުގައި ކުރޯ އީގަލްސްގެ ކެޕްޓަންކުރުމުން އެގިގެންދާ އެއް ކަމަކީ އެ ޓީމުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ކަމަށެވެ.

"އަބަދުވެސް ބަލަނީ ބުރަކޮށް މަސައްކަތްކުރަން. އެއީ މަސައްކަތްކޮށްގެން ރަނގަޅަށް ކުޅެންޏާ ޓީމަށް އަރާނެ. މިހާތަނަށް އެ ގޮތަށް ދިޔައީ،" ކުރޯ ބުންޏެވެ.

ގައުމީ ޓީމުން މިހާރު އަންނަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަރިތަކުރަމުންނެވެ. އައިއޯއައިޖީގައި ވާދަކުރާ ޓީމުން ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ނިންމާފައިވާއިރު، ކުރޯ ޓީމުގައި ހިމެނެ އެވެ.

1 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 15%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

.ނިއުމާ

14 July 2019

ސާބަހޭ! ރަދީފްމެންނަށް ކޮމެންޓެއްވެސް ކޮށްލަން ނުކެރުނު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454