ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސެގާޓް ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ޖުލައި 2019 - 22:55
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުންނަ އެންމެ ބޮޑު އެއް ސަބަބަކީ މުސްތަގުބަލަށް ވިސްނައި މި ކުޅުންތެރިން ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައްޔާރުކޮށްފައި ބެހެއްޓުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މޮރިޝަސްގައި އައިއޯއައިޖީ ފެށިނަމަ ވެސް އޭގެ ކުރިން ފުޓްބޯޅަ އިވެންޓް ފަށަ އެވެ. ފުޓްބޯޅަ އިވެންޓުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމު މިއަދު މޮރިޝަސް އަށް ވަނީ ފުރައިފަ އެވެ.
ޓީމު ފުރުމުގެ ކުރިން ސެގާޓް ބުނީ އައިއޯއައިޖީ އަށް ތަފާތު ޓީމެއް ނެގުމުގެ ފަހަތުގައި އޮތީ މުހިއްމު ސަބަބެއް ކަމަށެވެ.
"މި ފަދަ މުބާރާތްތަކުގައި ދުވަސްވީ ކުޅުންތެރިން ގެންދިއުމަކީ ކާމިޔާބު ލިބޭނެ ކަމުގެ ގެރެންޓީއެއް ދެވޭނެ ކަމެއް ނޫން. އެކަމަކު ޔަގީނުން ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން މި ކުޅުންތެރިން ޑިވެލޮޕް ކުރެވޭނެ. އޭގެ ތެރެއިން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ސެގާޓް ބުންޏެވެ.
އައިއޯއައިޖީ އަށް ނެގި ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ނުނަގަ އެެވެ. އަދި ސީނިއާ ކުޅުންތެރިންގެ ގޮތުގައި އައިއޯއައިޖީ ޓީމުގައި ހިމެނެނީ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި އަލީ ފާސިރު (ސެންޓޭ) އެވެ. ސެގާޓް ބުނީ ސީނިއާ ކުޅުންތެރިންގެ ބޭނުން ކުރިއަށް އޮތްތަނުގައި ބޮޑުކަމަށާއި އެކަން އެ ކުޅުންތެރިންނަށް ވެސް އެނގޭނެ ކަމަށެވެ.
"ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އަހަރެމެންނަށް ފަށާނެ ސެޕްޓެމްބަރުގައި. އޭގައި އަހަރެމެން ކުޅޭނީ ސީނިއާ ކުޅުންތެރިންނާ އެކު. އަކޫ އާއި އަސަދުﷲއާ ވެސް އަހަރެން ވާހަކަ ދެއްކިން. އަނިޔާގައި ހުރި ސަމުއްޓެއާ ވެސް ވާހަކަ ދެއްކިން. އެ ކުޅުންތެރިންގެ ބޭނުންޖެހޭ މެޗުތައް ކުރިއަަށް އެބަހުރި،" ސެގާޓް ބުންޏެވެ.
އައިއޯއައިޖީ އަށް ފުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އައިއޯއައިޖީ އަށް ސީނިއާ ޓީމެއް ފޮނުވަން އެފްއޭއެމުން ނިންމި ނަމަވެސް ކުރިމަތިވި ޗެލެންޖަކީ ޖޫން މަހު ސީޒަން ފެށުމުގެ ކުރިން، މި މުބާރާތުގައި ކުޅޭނެ ޓީމު ލިސްޓު ފޮނުވަންޖެހުމެވެ. އެހެންވެ ޓީމު ނެގުމުގައި ދަތިތަކެއް ދިމާވިކަން ގައުމީ ކޯޗު ޕީޓަ ސެގާޓާއި އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވަނީ ފާހަގަކޮށްފަ އެވެ
އައިއޯއައިޖީގެ ސްކޮޑުގައި ހިމެނި ސީނިއާ ޓީމުން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް އައިސަމް އަދި ށ. ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އެވެ. އަދި ސްކޮޑުން ފުރުސަތު ދިން އެހެން ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ.
ސެގާޓް ބުނީ އައިއޯއައިޖީ އަކީ ސަރުކާރަށް ވެސް ވަރަށް މުހިއްމު މުބާރާތެއް ކަމަށާއި ރާއްޖޭން ޒުވާން ޓީމެއް ގެންދިޔަސް މަސައްކަތްކުރާނީ ކުރެވުނު ހުރިހާ މަސައްކަތެއްކޮށްގެން ގައުމު ފަހުރުވެރިކޮށްދޭފަދަ ނަތީޖާތަކެއް ނެރުމަށް ކަމަށެވެ.
"އަހަރެމެން ސާފް ކާމިޔާބުކުރީ ހަ ހަފްތާގެ ތައްޔާރީތަކަށް ފަހު. މި މުބާރާތަށް މި ދަނީ ހަތަރު ދުވަހު ތަމްރީން ކޮށްފައި. އެއީ ވެސް ހަ މަސް ދުވަހުގެ ބްރޭކަކަށް ފަހު ފެށި ފުޓްބޯޅަ ސީޒަނެއްގެ ކުރީކޮޅުގައި. މި ކަންތައްތައް މިހެން ހުރި ނަމަވެސް އަހަރެން ބުނާނީ ރާއްޖޭގެ ގައުމީ ޓީމަކީ އަބަދުވެސް ހައިރާންކުރަނިވި ނަތީޖާ ނެރެވޭފަދަ ޓީމެކޭ. އުއްމީދުކުރަނީ އެ ފަދަ ޕޮޒިޓިވް ހައިރާންކުރަނިވި ނަތީޖާ މި މުބާރާތުގައި ނެރެވޭނެކަމަށް،" ސެގާޓް ބުންޏެވެ.
އައިއޯއައިޖީގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު މެންދުރު ރާއްޖެ ގަޑިން 13:00 ގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަންއާ އެވެ. އަދި ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޮރޯސްއާ ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 16:15 ގަ އެވެ. އަދި މި މަހު 22 ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި މަޔޯޓްއާ ބައްދަލުކުރާ މެޗު ވެސް އޮންނާނީ ރާއްޖެ ގަޑިން 16:15 ގަ އެވެ. މަޔޯޓް އަކީ އެންމެ ފަހުން ފަހަރުގެ ރަނަރަޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
16 July 2019
މިއީ ދިވެހިންގެ ގޮތް އިނގޭ އުޅެން ދަންނަ ކޯޗެއް. ކޯޗުކަން ދޫކޮށްލާ ދުވަހަކުން ސިޔާސީ ޕާޓީއެއްގެ ރަނގަޅު މަގާމެއްވެސް ހައްގު މީނާއަށް
ގަޓް ބްރޯ
16 July 2019
މިއީ ރާއްޖެއާ ވަރަށް ގުޅޭ ކޯޗެއް. ވަޔަކުން މޮޅެއް ލިބުނަސް އެވަރަށް ފޮނި ކަނޑާނެ. މަށަށް އެނގޭ ކަމަކީ ރާއްޖޭގެ ފުޓުބޯޅަ ދަނީ ދުވަހެއް ދުވަހަކަށް ދަށަށްކަން. ދެން ރަނގަޅު ފެންވަރުގެ ކާމިޔާބެއް ހޯދާނެ ގޮތެއް ނުވިސްނޭ.
މ9ޑް
15 July 2019
އަސަދު ﷲ މެން ގައުމީޓީމް ގަ ކުޅޭވަރަށް ވުރެ ދަށް. އެކަން އެގޭ މިހާރު ކުރިޔަށްދާ ލީގްބަލާމީހަކަށް ވިންޔާ.