ފުޓްބޯޅަ ޓީމަށް ސެމީގެ ފުރުސަތު ހަނިވެއްޖެ: ކޯޗު މިއަދު ވެސް އާ ވާހަކައެއް ނުދައްކާ!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ކޮމޮރޯސް އަތުން 3-0 އިން ބަލިވެ ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިއްޖެ އެވެ.


ފުރަތަމަ މެޗުން ރިޔޫނިއަން އަތުން 4-0 އިން ބަލިވެފައިވާތީ ބެލެވުނީ ކޯޗު ޕީޓާ ސެގާޓް މިއަދު ޓީމު ނެރޭނީ މޮޅުވާން މަޖުބޫރުކަމަށް ބަލައިގެންނެވެ. އެކަމަކު އޭނާ މެޗު ފެށީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ފުރަތަމަ ހާފުގައި ކޮމޮރޯސް އިން ތިން ލަނޑު ޖެހި ނަމަވެސް ދެ ވަނަ ހާފުގައި އެ ކުޅުންތެރިން އެރުވުމާ އެކު ރާއްޖޭގެ ކުޅުން ރަނގަޅުވި އެވެ.

ކޯޗު މިއަދުގެ މެޗަށް ފަހު ވެސް ތަކުރާރުކުރީ ކުރިން މެޗަށް ފަހު ވެސް ދެއްކި ވާހަކަތަކެކެވެ. ސީޒަނަށް ފަހު ހަ މަސް ދުވަހުގެ ބޮޑު ބްރޭކެއް އައިސް އަލުން ސީޒަން ފެށިތާ ކައިރީގައި މާބޮޑު ތައްޔާރީތަކެއް ނުވެވޭނެ ވާހަކަ އެވެ. އަދި މުބާރާތަށް އައިއިރު ވެސް ޓީމަށް މާބޮޑު ކާމިޔާބެއް ނުހޯދޭނެކަން އެނގޭ ކަމަށް ވެސް ކޯޗު ބުންޏެވެ.

ދެން އޭނާ ބުނީ، މިއަދު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ފައިދާ ފަހުން އަހަރެމެންނަށް ފެންނާނެ ކަމަށެވެ. ކުރިއަށް އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭގެ ފައިދާ ލިބޭނެ ކަމަށް އޭނާ ޔަގީންކުރެ އެވެ. ސެގާޓް މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ޒުވާން ކުޅުންތެރިން ގެންދަމުން ބުނީ، އޭގެ ފައިދާ ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށެވެ. މި ގޭމްސްއަކީ އެ ފައިދާ ފެންނާނެ މުބާރާތެއް ކަމަށް ބެލެވުނު ނަމަވެސް، މި މުބާރާތަށް އޭގެ ބައެއް ކުޅުންތެރިން ނުވެސް ގެނެ އެވެ.

ރާއްޖެ އޮތީ ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގްރޫޕް ބީ ގެ ފުލުގަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ މިއަދު މެޔޯޓް އަތުން 1-0 އިން މޮޅުވި ރިޔޫނިއަން އެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން ރާއްޖެ އަތުން 4-0 އިން މޮޅުވެފަ އެވެ. ކޮމޮރޯސް އާއި މެޔޯޓަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ޖެހި ގޯލުން ކުރި ހޯދައި ދެ ވަނައިގައި އޮތީ ކޮމޮރޯސް އެވެ. މެޔޯޓް އޮތީ ހަތަރު ވަނައިގަ އެވެ.

ރާއްޖެ އަށް ސެމީ ފައިނަލުން ފުރުސަތު ލިބެން އޮތީ ފަހު މެޗުން ހޯމަ ދުވަހު މެޔޯޓް އަތުން ރާއްޖެ މޮޅުވެ އަދި ރިޔޫނިއަން އަތުން ކޮމޮރޯސް ބަލިވެއްޖެ ނަމަ އެވެ. އެ ހާލަތުގައި ވެސް ރާއްޖެ މޮޅުވާން ޖެހޭނީ މެޔޯޓް އަދި ކޮމޮރޯސްގެ މައްޗަށް ފައިދާ ލަނޑުން ކުރި ހޯދޭ ވަރުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކޮމޮރޯސް އާއި މެޔޯޓް އަތުގައި ފައިދާ އެއް ގޯލް އޮތްއިރު ރާއްޖެ އޮތީ ގެއްލުން ހަތް ގޯލުގަ އެވެ.

ރާއްޖޭން މީގެ 40 އަހަރު ކުރިން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސްއާ ބައްދަލުކޮށް ބަލިވީ 2-1 އިންނެވެ. އެ މެޗުގައި މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ޖެހި ލަނޑަކީ ގައުމީ ޓީމުގެ ފުރަތަމަ ގޯލެވެ.