ފުޓްބޯޅަ ގްރޫޕް ސްޓޭޖުން ކަޓައިފި، ކޯޗު އެދުނީ ކެތްތެރިވާން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ތިން ވަނަ މެޗުން މިއަދު މެޔޯޓް އަތުން 3-1 އިން ބަލިވެ، މެޗަކުން މޮޅެއް ނުލިބި ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.


ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރިޔޫނިއަން އަތުން 4-0 އިން ބަލިވިއިރު ދެ ވަނަ މެޗުން ކޮމޮރޯސް ބަލިވީ 3-0 އިންނެވެ. ރާއްޖެ ދިޔައީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލަށެވެ. މި ގްރޫޕުން ސެމީ އަށް ދިޔައީ ހަތް ޕޮއިންޓާ އެކު އެއް ވަނަ ހޯދި ރިޔޫނިއަން އާއި ހަ ޕޮއިންޓާ އެކު ދެ ވަނަ އަށް ދިޔަ މެޔޯޓް އެވެ. ގްރޫޕުގެ ތިން ވަނަ އަކީ ތިން ޕޮއިންޓް ލިބުނު ކޮމޮރޯސް އެވެ.

ރާއްޖޭގެ އެހެން ކުޅިވަރުތަކުން މެޑަލްތަކަކަށް އަމާޒުކޮށްގެން ގޭމްސް އަށް އައި ނަމަވެސް ފުޓްބޯޅަ ކޯޗު ޕީޓާ ސެގާޓް ބުނަމުން އައީ ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް ނެތުމާ އެކު މުބާރާތަށް އައީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން ކަމަށެވެ.

ސެގާޓް މިއަދުގެ މެޗަށް ފަހު ބުނީ މިއަދު ވެސް އާ ތިން ކުޅުންތެރިން ފުރަތަމަ އެގާރައިގައި ކުޅުމާ އެކު މުބާރާތް ނިމުނުއިރު ފުރަތަމަ އެގާރައިގައި ހިމެނިގެން ނުކުޅޭ އެކަކު ވެސް ނުހުންނާނެ ކަމަށެވެ. މިއަދު ފުރަތަމަ އެގާރައިގައި ކުޅުނު އާ ކުޅުންތެރިންނަކީ އަބްދުﷲ ޔާމީން އާއި ގޯލްކީޕަރު ހުސެއިން ޝަރީފް އަދި ހައިޝަމް ހަސަން އެވެ.

"އަހަރެމެން އެބަޖެހޭ މި ޕްރޮޖެކްޓައިގެން ކުރިއަށްދާން. އަހަރެމެންނަށް ވަރަށް މުހިއްމު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން. މި މުބާރާތުގައި ހަމައެކަނި ނަތީޖާއަށް ބެލެން ނެތް ސަބަބަކީ ވަރުގަދަ ގައުމުތަކެއް މިހުރީ ވެސް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައި ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމާ އެކު ކޮންމެސް މީހަކު އެ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އޭނާ މޮޅުވާން ވެސް ބޭނުންވި ކަމަށާއި އެކަން ނުވުމުން މައާފަށް ވެސް އެދޭ ކަމަށެވެ.

"އެކަމަކު އަހަރެމެން އެބަޖެހޭ ޒުވާން ޖީލާ މެދު ކެތްތެރިވާން،" ސެގާޓް ބުންޏެވެ.

މިއަދުގެ މެޗުގައި މެޔޯޓް އިން 15 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް ރާއްޖޭގެ މުހައްމަދު ނާއިމް ވަނީ 22 ވަނަ މިނެޓުގައި އެއްވަރުކޮށްދީފަ އެވެ. އެކަމަކު މެޔޯޓް އިން ފުރަތަމަ ހާފު ނިންމާލީ އަލުން ނެގި ލީޑާ އެކު އެވެ. އެ ޓީމުން ތިން ވަނަ ގޯލް ޖެހީ 55 ވަނަ މިނެޓުގަ އެވެ.