އައިއޯއައިޖީ: ޝިފާޒު ގައުމީ ރެކޯޑް އާކޮށް، ހަތަރު ވަނައަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރެތަން އިން މެޑެއްޔެއް ހޯދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވުނު ޝިފާޒް މުހައްމަދު އެ އިވެންޓުގައި މިއަދު ވާދަކޮށް 11 ސިކުންތުގެ ތަފާތުން، ހަތަރު ވަނައިގައި ރޭސް ނިންމާލަން ޖެހިއްޖެ އެވެ. އެކަމަކު އޭނާ ވަނީ ދެ މިނެޓުގެ ކުރިއެރުމަކާ އެކު ގައުމީ ރެކޯޑް އާކޮށްފަ އެވެ.


އަމިއްލަ ގޮތުން ހޯދި ފުރުސަތެއްގައި އެންމެ ފުރަތަމަ އަދި ފަހުން ސްޕޯޓްސް މިނިސްޓްރީން ދިން ފުރުސަތެއްގައި ކެންޔާގައި ތަމްރީން ހެދި ޝިފާޒް މިއަދުގެ ރޭހުގެ ވަރަށް ބޮޑު ބަޔެއްގައި ތިން ވަނައިގައި އޮތެވެ. އެކަމަކު ފަހު ހަތަރު ވަރަކަށް ކިލޯމީޓަރުގައި ލީޑު ގެއްލި ހަތަރަކަށް ވެއްޓުނެވެ. އެކަމަކު ވެސް ފަހު ވަގުތާ ހަމަޔަށް ވަރަށް ބޮޑަށް ވާދަކުރި އެވެ. އޭނާ އަށް ލޯ މެޑަލް ނުލިބި ދިޔައީ އެންމެ ފަންސާކަށް މީޓަރުގެ ތަފާތުންނެވެ. ޝިފާޒް 1 ގަޑި 10:55 މިނެޓުން ދުވިއިރު، އޭނާ އަށް ވުރެ ކުރިން ނިންމައި ލޯ މެޑަލް ހޯދި މަޑަގަސްކަރައިގެ ފެންސޯސާ ހަރިވެލޯ ދުވެފައިވަނީ، އެއަށް ވުރެ 11 ސިކުންތު އަވަހަށް 1 ގަޑި 10.44 މިނެޓުންނެވެ.

ރޭހުގައި ރާއްޖޭން ދެން ވާދަކުރި މުހައްމަދު ޝަރަފް އަކުވަޔަށްދަމައިގެން ރޭސް ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. ރޭހުގެ ފަހުބައިގައި ވެސް އޭނާ އޮތީ މެޑެއްޔަކާ ވާދަކުރެވޭ ވަރަށް ވުރެ ފަހަތުގަ އެވެ.

ޝިފާޒް މިއަދު މުގުރާލީ މޮރޮކޯގެ ރަބާތު އިންޓަނޭޝަނަލް މެރެތަންގައި އޭޕްރިލް މަހު ޝަރަފް 1 ގަޑި 12:52 މިނެޓުން ދުވެގެން ހެދި ރެކޯޑެވެ. ކުރިން އެ ރެކޯޑް ޝިފާޒުގެ އަތުގައި އޮތީ ހަމަ އެ މަހުގެ ކުރީކޮޅު ޕްރާގް މެރެތަންގައި 1 ގަޑި 13:04 މިނެޓުން ދުވެގެންނެވެ.

މޮރިޝަސްގެ ހުޅަނގުން، ވަކި ޖަޒީރާއެއް ގޮތަށް އޮންނަ ރޮޑްރިގޭޒް އައިލެންޑުގައި މިއަދު މެންދުރުފަހު އޮތް ހާފް މެރެތަންގެ ރަން މެޑަލް ހޯދީ 1 ގަޑި 08.10 މިނެޓުން ދުވި މަޑަގަސްކަރައިގެ މަމްޕިޓްސައޮޓްސީ އެވެ. ރިހި މެޑަލް ހޯދީ 1 ގަޑި 09.19 މިނެޓުން ރޭސް ނިންމި ރިޔޫނިއަންގެ ޖުލިއެން ސެޕީ އެވެ.

އެހާމެ ތައްޔާރުވެ އެކަމަކު މެޑަލް ނުލިބުމުން މާޔޫސްވެފައި ހުރި ޝިފާޒް ބުނީ މާޔޫސްވިޔަސް ބޮޑެތި އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރުން ހުއްޓާނުލާނެ ކަމަށާއި މި މާޔޫސްކަން، ފަހި ފުރުސަތަކަށް ބަދަލުކުރާނެ ކަމަށެވެ.

"އަހަރެން ވަރަށް ބުރަކޮށް ތަމްރީން ހެދިން. އަހަރެންގެ އަމާޒަކަށް ވެފައި އޮތީ ގައުމަށް މެޑެއްޔެއް ހޯދައިދިނުން. އެކަމަކު މިއަދު އެކަމެއް ހާސިލެއް ނުވި،" ޝިފާޒް ބުނެފައިވެ އެވެ.

މިއަދު އޮތް ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ރާއްޖޭގެ އިބާދުﷲ ދުވަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

އެތުލެޓިކްސްގައި މިއަދު ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރޭހުން ރާއްޖެ ދިޔައީ ފަސް ވަނަ އަށެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަނިޔާގެ ސަބަބުން މި ޓީމަށް ނުދުވެ އެވެ. ޒުވާން ސްޕްރިންޓަރުން ކަމަށްވާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ރިޒާ އަދި އިބާދުﷲ އާދަމް ހިމެނުނު ޓީމުން ދުވީ 3 މިނެޓު 30.23 ސިކުންތުންނެވެ.

ސރަން މެޑަލް ހޯދި މަޑަގަސްކަރައިގެ ޓީމުން 3 މިނެޓު 12.80 ސިކުންތުން ދުވި އިރު ރިހި މެޑަލް ހޯދި މޮރިޝަސްގެ ޓީމުން ދުވެފައިވަނީ 3 މިނެޓު 13.26 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި ރިޔޫނިއަންގެ ރިލޭ ޓީމުން ރޭސް ނިންމީ 3 މިނެޓު 16.60 ސިކުންތުންނެވެ. މީގެ ތެރެއިން ނުޖޫމާއި އައްޕި ވަނީ ސާއިދާއި ސަރީސް އަހުމަދު ހިމެނިގެން އިއްޔެ ހަތަރެއް ގުނަ 100 މީޓަރު ރޭހުން ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގެ އަންހެން ޓީމު ވެސް ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކޮށް ދިޔައީ ފަސް ވަނަ އަށެވެ. ނަޝާ ނިޒާރާއި ޖައިޝާ ޖުނީޒާއި ސާރާ މަސްއޫދު އަދި ހިމްނާ ހަސަން ހިމެނު ޓީމުން ދުވެފައިވަނީ 4 މިނެޓު 26.13 ސިކުންތުންނެވެ. ރަން މެޑަލް ހޯދީ 3 މިނެޓު 50.17 ސިކުންތުން ދުވި މަޑަގަސްކަރަ ޓީމުންނެވެ. ރިހި މެޑަލް ހޯދާފައިވަނީ 3 މިނެޓު 57.09 ސިކުންތުން ރޭސް ނިންމި މޮރިޝަސް ޓީމުންނެވެ. އަދި ލޯ މެޑަލް ހޯދީ 4 މިނެޓު 01.57 ސިކުންތުން ދުވި ރިޔޫނިއަން ޓީމެވެ.

މިއަދު އޮތް 5000 މީޓަރު ރޭހުގައި ރާއްޖޭގެ ފަޒީލް ދުވަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ފިރިހެނުންގެ 5000 މީޓަރު ދުވުމުގައި ހުސެއިން ފަޒީލް ހާރޫން ވާދަކޮށް ދިޔައީ ހަ ވަނަ އަށެވެ. އޭނާގެ ޓައިމިން އަކީ 16:03 މިނެޓެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 15:52 މިނެޓުން ދުވި ސީޝެލްސްގެ އިވެން މޮއިސް އެވެ. ރިހި މެޑަލް ހޯދީ 15:53 މިނެޓުން ދުވި މަޑަގަސްކަރައިގެ ސިމާ ޓަހިއަންޖަނަހަރީ އެވެ. ލޯ މެޑަލް ހޯދީ 15:54 މިނެޓުން ދުވި މޮރިޝަސްގެ މުހައްމަދު ޑޫކުން އެވެ.

މި އިވެންޓާ އެކު މި ފަހަރުގެ ގޭމްސްގެ އެތުލެޓިކްސް ހުރިހާ އިވެންޓެއް ނިމުނީ އެވެ. އެންމެ ފަހުގެ ގޭމްސްގައި ރަން މެޑެއްޔަކާއި ރިހި މެޑެއްޔެ ހޯދި ނަމަވެސް މި ފަހަރު ނިންމާލީ ތިން ލޯ މެޑެއްޔާ އެކު އެވެ. އެއީ 200 މީޓަރު ދުވުމުން ސާއިދު ހޯދި ލޯ މެޑެއްޔާއި ހަތަރެއް ގިނަ 100 މީޓަރުގެ ރިލޭ އިން ހޯދި ލޯ މެޑަލް އަދި 100 މީޓަރު ދުވުމުގެ ޕެރަ އިވެންޓުން މުހައްމަދު މާޒިން ހޯދި ލޯ މެޑެއްޔާ އެކު އެވެ.